ރައީސް މުހައްމަދު ނަޝީދު

ނަޝީދު، ގާސިމަށް ހުށަހެޅުއްވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން

Apr 13, 2023
1

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނާ އެކު މަސައްކަތް ކުރައްވާ ބޭފުޅުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެކު ގުޅިގެން މަސައްކަތް ކުރުމަށް ހުށަހެޅި އެންމެ މުހިއްމު ޝަރުތަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެއްބަސްވުންކަން ހާމަވެއްޖެ އެވެ.

ނަޝީދުގެ ހުށަހެޅުންތައް ހިމެނޭ ލިޔުމުގައިވާ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅަކު ހުވާކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި ބަރުލަމާނީ ނިޒާމު ގެނައުމަށް ހުށަހަޅުއްވާފައިވެ އެވެ.

ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެނައުމަށްވެސް ހުށަހެޅުންތަކުގައިވެ އެވެ. އެގޮތުން ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ބޭފުޅަކު ހުންނަވާފައި ބޮޑުވަޒީރަކު ހުންނަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހެޅުންތަކުގައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި ބޮޑުވަޒީރުގެ ބާރުތައް ގާނޫނުއަސާސީގައި ވަކިން ލިޔުމަށްވެސް ހުށަހަޅާފައިވެ އެވެ.

ރައްޔިތުންގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ހޮވުމަށްފަހު ބޮޑުވަޒީރު ހޮވަން ނިންމާފައިވަނީ ރައްޔިޔތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ވޯޓުލައިގެން އަގުލަބިއްޔަތުން ހޮވޭ ބޭފުޅެކެވެ. ނަމަވެސް މި ދެ މަގާމަށް ގެންނާނެ ބޭފުޅުންގެ އެއްވެސް މައުލޫމާތެއް ނަޝީދުގެ ހުށަހެޅުންތައް ހިމެނޭ ލިޔުމަކު ނެތެވެ.

ނަޝީދުގެ ފަރާތުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ގޮތުން ސިފައިންގެ އެންމެ އިސްވެރިޔާކަމާއި، މިނިވަން ކޮމިޝަންތަކަށް މީހުން އައްޔަން ކުރުމުގެ ބާރާއި، ގައުމީ މުހިއްމު ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބާރާއި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެ އެވެ.

ހުށަހެޅުންތަކުގައިވާ ގޮތުން ބޮޑުވަޒީރުގެ މައިގަނޑު ޒިންމާއާއި މަސްއޫލިއްޔަތަކީ ސަރުކާރު ހިންގުމާއި ސަރުކާރުގެ ބާރުތަކެވެ.

ނަޝީދުގެ ހުށަހެޅުމަކީ ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުން ކަމަށްވާތީ ކެބިނެޓް އެކުލަވާލުމަށް ހުށަހަޅާފައިވަނީ ބަރުލަމާނީ ނިޒާމެއްގައި އެކަން ކުރާ ގޮތަށް މަޖިލީހުގައި ތިއްބަވާ މެންބަރުން ވަޒީރުންގެ ގޮތުގައި ހަމަޖެއްސުމަށެވެ. ނަމަވެސް ކެބިނެޓްގެ 40 ޕަސަންޓަށް ވުރެ އިތުރު ނުވާ ގޮތަށް ކެބިނެޓަށް ބޭފުޅުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ހުށަހެޅުމެއްވެސް ނަޝީދުގެ ހުށަހެޅުންތަކުގެ ތެރޭގައިވެ އެވެ.

މިހުށަހެޅުންތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދެއް ކަނޑައެޅުމާ އެކު ނެޝަނަލް ލިސްޓެއް އެކުލަވާލުމުގެ ހުށަހެޅުމެއްވެސް ވެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ ބޭފުޅަކު މިއަދު ވިދާޅުވީ މީޑިއާއަށް ލިބިފައިވާ ލިޔުމަކީ ނަޝީދުގެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމަށެވެ. ނަމަވެސް އެ ހުށަހެޅުންތަކާ މެދު ޖުމްހޫރީ ޕާޓީން އަދި ވަކި ގޮތްތަކެއް ނިންމާފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ރައީސް ނަޝީދުގެ މަންދޫބުންނާ އެކު މިހާރުވެސް ވާހަކަދައްކަމުން. މިކަމުގައި އަޅުގަނޑުމެން ގޮތްތަކެއް ނިންމާނީ ދިވެހި ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު މީގެކުރިން ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެއީ މިވަގުތަށް އިސްކަން ދެއްވާ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ރައީސް ސޯލިހް ވަނީ ނަޝީދުގެ ހުށަހެޅުއްވުމަށް ދެކޮޅު ހައްދަވާފަ އެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު ހިޔާލުތަފާތުވާ މައިގަނޑު މައްސަލަ ތަކުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލަ ވެސް ހިމެނެ އެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް ނަޝީދުގެ ފަރާތުން ގާސިމް އިބްރާހީމަށް ހުށަހެޅުއްވިއިރު ގާސިމްވެސް މީގެކުރިން ވަނީ އެ ހުށަހެޅުއްވުމަށް މީޑިއާގައި ދެކޮޅު ހައްދަވާފަ އެވެ. ގާސިމް އޭރު ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދު ބޭނުންވަނީ އަމިއްލަ އެދުމެއް އޮވެގެންނެވެ.