ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަޝީދާއި ގާސިމް ރައީސްގެ އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެންފި

Apr 14, 2023
2

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ބައްދަލުކުރެއްވުމަށް ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީ އާއި ޖޭޕީގެ އިސް ބައެއް ބޭފުޅުން ވަނީ ރައީސް ނަޝީދާއި ގާސިމް، ރައީސް ސޯލިހްއާ ބައްދަލުކުރެއްވުމަށް ހުށަހަޅުއްވާފައިވާ ކަން ޔަގީންކޮށްދެ އެވެ. ނަމަވެސް މިބައްދަލުވުމުގެ ބޭނުމެއް އަދި އެނގިފައެއް ނުވެ އެވެ.

ރައީސް ނަޝީދާއި ގާސިމް، ރައީސް ސޯލިހްއާ ބައްދަލުކުރެއްވުމަށް ހުށަހަޅުއްވާފައިވާއިރު ރައީސް ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމާ އެކު ގުޅިގެން މަސައްކަތް ކުރެއްވުމަށް ހުށަހެޅުއްވި ހުށަހެޅުންތަކެއް ހިމެނޭ ކަރުދާހެއް އިއްޔެގެ ވަގުތެއްގައި ލީކްވެފައި ވަނިކޮށެވެ. މިހުށަހެޅުންތަކުގައިވާ އެންމެ މުހިއްމު ޝަރުތަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެއްބަސްވުމެވެ.

ނަޝީދުގެ ހުށަހެޅުންތައް ހިމެނޭ ކަރުދާހުގައިވާ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅަކު ހުވާކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި ބަރުލަމާނީ ނިޒާމު ގެނައުމަށް ހުށަހަޅުއްވާފައިވެ އެވެ.

މިވަގުތު ސިޔާސީ މަސްރަހް ހުރި ގޮތުން ނަޝީދުގެ ހުށަހެޅުންތަކުގައިވާ ކަންކަން ހަގީގަތަކަށް ހެދޭނީ ރައީސް ސޯލިހްގެ އެހީތެރިކަން ލިބި އެމަނިކުފާނުގެ ރުހުންވެސް ލިބިގެންކަން ޔަގީނެވެ. އެހެންކަމުން ރައީސް ނަޝީދާއި ގާސިމް، ރައީސް ސޯލިހްއާ ބައްދަލުކުރެއްވުމަށް ހުށަހެޅުއްވީ ނަޝީދުގެ ކަރުދާހުގައިވާ ކަންކަން ހަގީގަތަކަށް ހެދޭނެ ގޮތްތަކެއް އޮތްތޯ ބެލުމަށް ކަމަށް ބެލެވެ އެވެ.

ރައީސް ނަޝީދު މީގެކުރިން ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެއީ މިވަގުތަށް އިސްކަން ދެއްވާ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ރައީސް ސޯލިހް ވަނީ ނަޝީދުގެ ހުށަހެޅުއްވުމަށް އޭރުގައި ދެކޮޅު ހައްދަވާފަ އެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު ހިޔާލުތަފާތުވާ މައިގަނޑު މައްސަލަ ތަކުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލަ ހިމެނެ އެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް ނަޝީދުގެ ފަރާތުން ގާސިމް އިބްރާހީމަށް ހުށަހެޅުއްވިއިރު ގާސިމްވެސް މީގެކުރިން ވަނީ އެ ހުށަހެޅުއްވުމަށް މީޑިއާގައި ދެކޮޅު ހައްދަވާފަ އެވެ. ގާސިމް އޭރު ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދު ބޭނުންވަނީ އަމިއްލަ އެދުމެއް އޮވެގެންނެވެ.