ކިޔެވުމަށް ވަކި އުމުރެއް ނޯންނާނެކަން މި މީހާ ވަނީ އަމަލުން ސާބިތުކޮށްދީފަ އެވެ.
މިއީ އިންޑިއާގެ ޓެމިލް ނާޑޫގައި ދިރިއުޅޭ 108 އަހަރުގެ އަންހެނެކެވެ. ކެރެލާ ސްޓޭޓުން ހިންގާ އަސާސީ ތައުލީމު އިމްތިހާނުން މި މީހާ ވަނީ ވަރަށް ފުރިހަމަ އެއްވަނައެއް ހޯދާފަ އެވެ.
ޓެމިލް ނާޑޫގެ ތޭނީ ޑިސްޓްރިކްޓްގެ ކުމްބުމް ކިޔާ ރަށެއްގައި، ކަމަލަކަންނީ އުފަންވީ 1915 ވަނަ އަހަރު ކަމަށް ރެކޯޑްތަކުން ދައްކަ އެވެ. ވަރަށް ޒުވާން އުމުރުގައި އޭނާ އަވަށްޓެރި ކެރެލާއަށް ގޮސް އެރަށުގެ ކާފޫރުތޮޅި ހައްދާ ދަނޑެއްގައި މަސައްކަތް ކުރަން ފެށި އެވެ.
އިންޑިޔާގެ ނެޝަނަލް ސްޓެޓިސްޓިކަލް އޮފީސް (އެންއެސްއޯ) އިން ހެދި ސާވޭއަކުން ހާމަވެފައިވާ ގޮތުގައި އިންޑިއާގެ ހުރިހާ ސްޓޭޓްތަކެއްގެ ތެރެއިން ލިޔަންކިޔަން ދަންނަ އެންމެ ގިނަ މީހުން ދިރިއުޅެނީ ކެރެލާ ސްޓޭޓްގަ އެވެ. މި ސްޓޭޓްގައި ލިޔަންކިޔަން ދަންނަ ނިސްބަތަކީ 96.2 ޕަސެންޓެވެ. މިއީ ކެރެލާ ސްޓޭޓުން ކުރިއަށް ގެންދިޔަ "އެޑިޔުކޭޝަން ފޯ އޯލް އެންޑް އޯލްވޭޒް" (ހުރިހާ އެންމެންނަށް އަބަދާއަބަދު ތައުލީމު ފޯރުކޮށްދިނުން) ޕްރޮގްރާމްގެ ކާމިޔާބުކަމުގެ ނަތީޖާ އެވެ.
މި ޕްރޮގްރާމްގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދީ އަމިއްލައަށް ސޮއިކޮށް ހަދަން ދަސްކޮށްދީފައި ވެއެވެ.
ކަމަލަކަންނީ އަކީ ވެސް މި ޕްރޮގްރާމްގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ކިޔަވައިދިންއިރު ކިޔެވި މީހެކެވެ. އޭނާ ކުޑައިރު ތައުލީމު ހާސިލުކުރީ ދެވަނަ ގްރޭޑްގަ އެވެ. އޭގެ ފަހުން އާއިލާއާއެކު އެހެން ރަށަކަށް ގޮސް ކާފޫރުތޮޅި ދަނޑުތަކުގައި މަސައްކަތް ކުރަން ފެށީ އެވެ. އެއީ ބަނޑުފުރާނަ މުއްތިކުރާނެ އެހެން ގޮތެއް ނުފެނިގެންނެވެ.
ކަމަލްކަންނީގެ ހަޔާތުގެ 80 ވަރަކަށް އަހަރު އޭނާ ހޭދަކޮށްފައިވަނީ ކާފޫރުތޮޅި ދަނޑުތަކުގަ އެވެ. އެހެންވެ މި ދަނޑުތަކުގައި ބުރަކޮށް އުޅެން ޖެހުމުން މި އަންހެންމީހާ ވަނީ ކިޔެވުމުން މަހްރޫމް ވެފަ އެވެ.
އުމުރުން 108 އަހަރު ވެފައި ވިޔަސް ކަމަލަކަންނީގެ ފެނުމާއި ވާހަކަ ދެއްކުމުގެ ހިއްސުތައް ބަރާބަރެވެ. އެހެންވެ އަސާސީ ތައުލީމު ޕްރޮގްރާމްގައި ބައިވެރިވެ ކިޔަވަން ފެށީ އެވެ. ކަމަލްކަންނީގެ ހިތްވަރަށް ވަރަށް ގިނަ ބަޔަކު އޭނާއަށް ތައުރީފު ކުރަމުން އައިސްފައި ވެއެވެ. އަދި އޭނާ އަކީ ނަމޫނާއެއް ކަމަކަށް ދެކެ އެވެ. ހާއްސަކޮށް ކިޔެވުމަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި އެހާ ދުވަސްވެފައި ހުރިއިރު ވެސް ކުރި ބުރަ މަސައްކަތަކީ ވެސް އެހެން މީހުންނަށް އިބުރަތަކަށް ފުދެ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވި އަންހެންމީހާ ވަނީ މެލަޔާލަމް ބަހާއި ތަމަޅަ ބަސް ލިޔަން ދަސްކޮށްފަ އެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަށް ބާއްވާ އިމްތިހާނުން 100 މާކްސް އަކުން 97 މާކްސް ކަމަލަކަންނީ ހޯދާފައި ވެއެވެ.
ކެރެލާގެ މި ޕްރޮގްރާމްގައި ކަމަލަކަންނީ ބައިވެރިވީތީ އެ ފަރާތުން ވެސް ވަނީ ކަމަލަކަންނީ އަށް ޝުކުރު އަދާކޮށްފަ އެވެ.
ކަމަލަކަންނީގެ މާމަ ދަރިއަކު އިންޑިޔާގެ ނޫހަކަށް ކިޔައިދިން ގޮތުގައި މާމަގެ 109 ވަނަ އުފަން ދުވަސް އަންނަ މަހު ފާހަގަކުރަން އާއިލާއިން ދަނީ ތައްޔާރުވަމުންނެވެ.
"މާމަ އަބަދުވެސް ހުރިހާ ދަރިންނަށް ވެސް ހިތްވަރުދޭނެ ކިޔެވުމަށް. ނަމަވެސް މާމަގެ ފަގީރުކަމުން މާމައަށް ކުޑައިރު ކިޔެވުނީ ގްރޭޑް 2 އާ ހަމައަށް. އަސާސީ ތައުލީމު ޕްރޮގްރާމްގެ ވާހަކަ އިވިގެން އެ ޕްރޮގްރާމްގައި މާމަ ބައިވެރިކުރުވީ އަހަރެމެން. އަދި މާމަ އަށް ކިޔަވައިދިނުމުގެ ޝައުގުވެރިކަން އެ ފަރާތުން ވެސް ވަރަށް ބޮޑަށް ފާހަގަ ކުރި،" ކަމަލަކަންނީގެ މާމަ ދަރިފުޅު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އަސާސީ ތައުލީމު އިމްތިހާނުން ވަރަށް ފުރިހަމަ އެއްވަނައެއް ކަމަލަކަންނީ ހޯދާފައިވާތީ ކެރެލާ ސަރުކާރުން ވަރަށް އަވަހަށް މިކަން ފާހަގަކޮށް މިކަމުގެ ލިޔުމެއް މާމައަށް ދޭން ވަނީ ހަމަޖެހިފަ އެވެ.