ޝެހެނާޒް ގިލް އަކީ އިންޑިއާގެ ގިނަ ބަޔަކަށް މަގްބޫލު މީހަކަށްވީ ސަލްމާން ޚާން ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 13 ވަނަ ސީޒަންގައި ބައިވެރިވުމުންނެވެ.
މިހާރު ޝެހެނާޒް ދަނީ ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފްވުމަށް ތައްޔާރުވަމުންނެވެ.
ޝެހެނާޒް އަށް ހިންދީ ފިލްމެއް ކުޅުމުގެ ފުރުސަތު ހޯދައިދިނީ ސަލްމާނެވެ. އެއީ ސަލްމާންގެ އަމިއްލަ ފިލްމު ކުންފުނިން އުފައްދާ އޭނާ ބަތަލުގެ ބައި ކުޅޭ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އެވެ.
އަންނަ ފިތުރު އީދުގައި މި ފިލްމު ރިލީޒްކުރަން ތައްޔާރުވަމުންދާއިރު ސަލްމާނާއި ފިލްމުގައި ބައިވެރިވާ އެހެން އެކްޓަރުންނާއެކު ޝެހެނާޒް ވެސް މި ދުވަސްވަރު އުޅެނީ ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތުގަ އެވެ.
އެގޮތުން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ އެޕިސޯޑެއް ސަލްމާނާއެކު ޝެހެނާޒް ވަނީ ދާދިފަހުން ޝޫޓްކޮށްފަ އެވެ.
މި ޝޯގައި ޝެހެނާޒް ބުނި ގޮތުގައި ސަލްމާން ފުރަތަމަ ގުޅި ފަހަރު އޭނާ އެ ނަންބަރު ބްލޮކް ކޮށްލި އެވެ. ސަބަބަކީ އެއީ އޭނާ ދަންނަ ނަންބަރަކަށް ނުވާތީ އެވެ.
"ނުދަންނަ ނަންބަރަކުން ގުޅައިފިއްޔާ ބްލޮކް ކުރުމަކީ އަހަރެންގެ އާދައެއް. އަހަރެން ގުރުދުވާރާ އަށް ގޮސް އުޅެނިކޮށް އަހަންނަށް ނުދަންނަ ނަމްބަރަކުން ކޯލެއް އައުމުން އެ ނަންބަރު ބްލޮކް ކުރީ،" ޝެހެނާޒް ބުންޏެވެ.
އޭގެ ފަހުން ޝެހެނާޒްގެ ރައްޓެއްސަކު އޭނާއަށް ގުޅާފައި ސަލްމާން އޭނާއާ ގުޅަން އެބަ އުޅޭ ވާހަކަ އާއި ސަލްމާން ގުޅީމަ އޭނާ އެ ނަންބަރު ބްލޮކް ކޮށްފައިވާ ކަމަށް ބުންޏެވެ.
"އަހަރެން ވަގުތުން ޓްރޫކޯލާ އަށް ލައިގެން އެންމެ ފަހުން ގުޅާފައި އިނީ ކާކުތޯ ބެލިއިރު އެއީ ސަލްމާންގެ ނަންބަރުކަން އެނގިގެން އަވަހަށް ބްލޮކް ފިލުވާފައި ގުޅީ،" ޝެހެނާޒް ބުންޏެވެ.
ސަލްމާންގެ ފިލްމުގައި ބައިވެރިވުމުގެ ދައުވަތު އެ ދުވަހު ސަލްމާން ވަނީ ޝެހެނާޒަށް ދީފަ އެވެ. އަދި ވަރަށް އުފަލުން ޝެހެނާޒް އެ ފުރުސަތު ގަބޫލުކުރި ކަމަށް އޭނާ ބުންޏެވެ.
ފަރްހާދު ސަމްޖީ ޑައިރެކްޓްކޮށްފައިވާ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ރިލީޒްކުރަން ހަމަޖެހިފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.
ފިލްމުގައި ސަލްމާން އާއި ޝެހެނާޒްގެ އިތުރުން ޕޫޖާ ހެގްޅޭ އާއި ދަގުބަތީ ވެންކަޓޭޝް، ރާގަވް ޖުޔަލް، ޖެއްސީ ގިލް، ޕަލަކް ތިވާރީ، ސިދާރްތު ނިގަމް އަދި ސަލްމާންގެ "ތޭރޭ ނާމް"ގެ ބަތަލާ ބޫމިކާ ޗައުލާ ބައިވެރިވެ އެވެ.
މިއީ 2014ގައި ރިލީޒްކުރި ތަމަޅަ ފިލްމެއް ކަމަށްވާ "ވީރަމް"ގެ ހިންދީ ރިމޭކެކެވެ.