އިލެކްޝަންސް ކޮމިޝަން

ގުރައިދޫ ދާއިރާގެ ވޯޓުލުން ކުރިއަށް

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދޫ އާއި މާފުށި އަދި ގުޅީގައި ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00ގަ އެވެ. މާލޭގައި ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:03ގަ އެވެ.

އިންތިހާބުގައި ވާދަކުރަން ހުޅުވާލި ފުރުސަތު ހަމަވިއިރު މި އިންތިހާބުގައި ވާދަކުރަނީ އެމްއެންޕީއާއި އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. ހުރިހާ ކެންޑިޑޭޓުން ވެސް ނިސްބަތްވަނީ ގުރައިދޫ ދާއިރާގެ އެންމެ ބޮޑު ރަށް -- ގުރައިދޫ އަށެވެ.

ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އަށެވެ. އެމްޑީޕީން ޓިކެޓް ދީފައިވަނީ އިބްރާހީމް ޝާޒު އަށެވެ. އެމްއެންޕީން ޓިކެޓް ދީފައިވަނީ އަލީ އާރިފް އަށެވެ.

އިންތިހާބުގައި ޖުމްލަ 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު

  • ކ. ގުޅި-1 - 615 މީހުން
  • ކ. މާފުށި-1 - 731 މީހުން
  • ކ. މާފުށި-2 - 493 މީހުން
  • ކ. ގުރައިދޫ-1 - 515 މީހުން
  • ކ. ގުރައިދޫ-2 - 618 މީހުން
  • ބައި-އިލެކްޝަން، އަތޮޅު-މާލެ-1 - 451 މީހުން

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ހެނދުނު 9:00 ޖެހުމާ ހަމައަށް 252 މީހުން ވަނީ ވޯޓުލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.