ޕީޕީއެމް

ވަގުތު އިތުރުކުރީ ވޯޓަށް ނުފޫޒު ފޯރުވަން: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާ ވަގުތު އިތުުރުކުރަން ނިންމި ނިންމުން ބަލައިނުގަންނާނެ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މިއަދު ހެނދުނު 8:00 އިރު ވޯޓުލުން ފެށީ ހަވީރު 4:00 ޖަހާއިރު ވޯޓުލުން ނިންމާލާ ގޮތަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވަގުތު އިތުރުކުރީ ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސި ވަގުތުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހަވީރު 5:00 އަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.

ވޯޓުލާ ވަގުތު އިތުރުކުރަން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވޯޓުލުމުގެ ވަގުތު އިތުރުކުރީ ސަރުކާރުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ނުފޫޒު ފޯރުވައިގެން ކަމަށް ފުއާދު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

"މިއީ އެމްޑީޕީގެ ހިސާބު ދިމާނުވެގެން ކުރި ކަމެއް،" އަބްދުއްރަހީމްނ ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ ވަގުތު އިތުރުކުރީ ޕީޕީއެމްއާ މަޝްވަރާ ނުކޮށް ކަމަށެވެ.

"މިއީ ސީދާ ވޯޓުން ސަރުކާރު ބަލިވާނެކަން އެނގޭތީ ޖަރީމާ ހިންގަން ކުރި ކަމެއް. ގަޑިއިތުރުކުރަން ނިންމި ނިންމުން ޕީޕީއެމް ބަލައެއް ނުގަންނަން،" ޝިޔާމު ވިދާޅުވި އެވެ.

އިންތިހާބުގައި ޖުމްލަ 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިއަދު ހަވީރު 4:00ގެ ނިޔަލަށް ވޯޓުލާފައިވަނީ 2،672 މީހުންނެވެ.