ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބު ކުރައްވައިފި އެވެ.
ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ ކ. ގުރައިދޫ، ކ. މާފުށި އަދި ކ. ގުޅި އެވެ. މި ތިން ރަށުގެ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ރަށްޔިތުން ވޯޓުލުމަށް މާލޭގައި ވޯޓް ފޮށްޓެއް ބެހެއްޓިއިރު ގުރައިދޫ އަދި މާފުށީގައި ކޮންމެ ރަށަކު ދެ ވޯޓު ފޮށި އަދި ގުޅީގައި އެއް ވޯޓު ފޮށްޓާ އެކު ޖުމްލަ ހަ ވޯޓް ފޮށި މި އިންތިހާބުގައި ބެހެއްޓި އެވެ.
މި އިންތިހާބުގައި ވާދަކުރެއްވީ ޝާޒްގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފް އެވެ.
ކ. ގުޅީގެ ނަތީޖާ ނުލައި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޝާޒް އަށް 1،085 ވޯޓު، ހުސައިން ރިޒާ އަށް 834 ވޯޓު އަދި އަލީ އާރިފަށް 120 ވޯޓު ލިބިވަޑައިގަތެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން މިއަދު ކާމިޔާބު ކުރެއްވި އިބްރާހީމް ޝާޒް އަކީ ކުރިން ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ޝާޒް އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ އަދަދު 68 އަށް އިތުރުވާނެ އެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަން ފެށީއްސުރެ ގުރައިދޫ ދާއިރާ އަކީ އިދިިކޮޅު ޕީޕީއެމް އާއި އެ ފިކުރުގެ ގޮނޑި އެކެވެ. އެހެންވެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ.
އެމްޑީޕީގެ ބައި-އިލެކްޝަން ކޮމިޓީގެ ޗެއާ އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ ޒަމާނުއްސުރެ ޕީޕީއެމްގެ ބޮޑު މެޖޯރިޓީ އޮތް ގުރައިދޫ ދާއިރާ އެމްޑީޕީއަށް ކާމިޔާބު ވެގެން ދިއުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހޯއްދެވި ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"އެމްޑީޕީގެ އެތެރެއިން ކުރިމަތި ކުރުވާ ގޮންޖެހުންތަކާއި، ގެއްލުވާލި ވޯޓުތަކުގެ މައްޗަށް މިލިބުނީ ބޮޑު ކާމިޔާބެއް. މަރުހަބާ ޝާޒު އަދި އެމްޑީޕީ،" މަހްލޫފް ވިދާޅުވި އެވެ.