މީހުން

މުސްލިމު އިލްމުވެރިޔާ އަލް ހައްޔާމް

ގިޔާސުއްދީން އަބްދުލް ފާތިހު އުމަރު އިބްނު އިބްރާހިމް އަލް ހައްޔާމް އުފަންވެވަޑައިގަތީ ހުރާސާންގެ ވެރިރަށް ނީޝާބޫރުގައި މީލާދީ ގޮތުން 1044 ހާތަނގަ އެވެ.

ޕާޝިއާގައި ހިސާބުގެ އިލްމާއި އެސްޓްރޮނޮމީ އާއި ފިލޯސޮފީ އަދި ފިޒިޝަނެއްގެ އިތުރުން ޅެންވެރިއެއްގެ ގޮތުގައި އަލް ހައްޔާމް މަޝްހޫރުވެފައިވެ އެވެ.

އަލް ހައްޔާމް ޕާޝިއާއަށް ނިސްބަތްވިޔަސް ބެލެވިފައިވަނީ އަރަބިންގެ ހައްޔާމީ ދަރިކޮޅުން ޕާޝިއާ އަށް ގޮސް ވަޒަންވެރިވި މީހުންގެ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

އޭނާގެ ޅައިރުގެ ގިނަ މައުލޫމާތު އެނގިފައިނުވިޔަސް އޭނާ ތައުލީމު އުނގެނިވަޑައިގެންފައިވަނީ ނީޝާބޫރްގައިކަން އެނގެ އެވެ. އަދި ފަހުން ދިރިއުޅުއްވާފައިވަނީ ސަމަރުގަންދުގަ އެވެ. އެއީ މިޒަމާނުގެ ގޮތުން ބަލާއިރު އުޒްބެކިސްތާނެވެ. އޭނާ ދިރިއުޅުއްވާފައިވަނީ ސެލްޖޫކް އެމްޕަރާގެ އިލްމުވެރިޔާ ނިޒާމުލް މުލްކް ތުސީގެ ޒަމާނުގަ އެވެ.

އަލް ހައްޔާމް އެދުވަސްވަރުގެ ބައެއް އިލްމުވެރިންނާއި ހިލާފަށް ރަސްކަލުންގެ ދަރުބާރުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެއްކިބާކޮށް އުޅުއްވާފައިވަނީ ވަރަށްވެސް ސާދާ އަމާން އޮމާން މާހައުލެއްގައި އިލްމު ދިރާސާކުރައްވައި އިލްމު ހޯއްދަވައި އުނގެނިވަޑައިގަތުމުގަ އެވެ.

އަލް ހައްޔާމް ވަނީ އެދުވަސްވަރުގެ އިލްމީ މަރުކަޒުތައް ކަމުގައިވާ ސަމަރުގަންދާއި ބުހާރާއާއި ބަލްކް އަދި އިސްފަހާނަށް ޒިޔާރަތްކޮށް އެތަންތާނގެ އިލްމުވެރިންނާ ބަހުސްކޮށް އިލްމީ ނަޒަރު ތަރައްގީ ކުރުމުގައި މަސައްކަތްޕުޅު ކުރައްވާފަ އެވެ. އަލް ހައްޔާމް ސަމަރުގަންދުގައި އިލްމީ މަސައްކަތްޕުޅު ކުރިއަށް ގެންދިއުމުގައި އަލް ޠޯހިރު ކިޔާ ފަނޑިޔާރު ބޭފުޅެއްގެ ހިޔާވަހިކަން ލިބިވަޑައިގެންފައިވެ އެވެ.

އަލް ހައްޔާމްގެ ހަޔާތުގައި މީލާދީން 1100 ވަނަ ގަރުނުގައި ސިޔާސީ ހަލަބޮލިކަމުގެ ނުފޫޒު ބޮޑު ދައުރެއް ކުޅުނެވެ. އެދުވަސްވަރު ހުޅަނގު އޭޝިއާ ސަލްޖޫކް ތުރްކުންގެ ގަބީލާތަކުގެ ބާރުގެ ދަށަށް ގެނެސް މެސޮޕޮޓޭމިއާ ސީރިއާ ފަލަސްތީން އަދި އިރާނުގެ ބޮޑުބައެއްގައި ބިޔަ އެމްޕަޔާ އެއް ގާއިމް ކޮށްފައިވެ އެވެ.

ސަލްޖޫކުން ހުރާސާންގެ ދަނޑުބިންތައް ހިފައި އެމީހުންގެ ބާރުގެ ދަށަށް ގެނެސް ފަހުން އިރާނުގެ އިރުއުތުރު ސަރަހައްދު އެކީއެކަށް ސަލްޖޫކުންގެ ބާރުގެ ދަށަށް ގެނައެވެ. ސަލްޖޫކުންގެ ރަސްގެފާނު ތުގްރިލް ބީގް ނީޝާބޫރްގެ ސުލްޠާން ކަމަށް ކަނޑައަޅައި އޭގޭފަހުން ބަޣުދާދު ހިފި އެވެ. އަލް ހައްޔާމް ބޮޑުފުޅުވެގެން އައީ މިދެންނެވި އަސްކަރީ ދަތި ހަލަބޮލި މާހައުލުތެރޭގަ އެވެ.

އަލް ހައްޔާމް ނީޝާބޫރުގައި ފިލޯސޮފީ އުނގެނިވަޑައިގަތްއިރު އެތަނުގެ ކިޔަވާ ކުދިން އަލް ހައްޔާމް އަށް ތޮބީއީ ގޮތުން ލިބިފައިވާ ކުޅާދާނަކަމާއި ތޫނުފިލިކަން ފާހަގަކޮށްފައިވެ އެވެ.

އަލް ހައްޔާމަކީ ހާއްސަކޮށް އޭނާގެ ހިސާބު އިލްމަށް އަރައިހުންނެވި ބޭފުޅެކެވެ. ޕްރޮބްލަމްސް އޮފް އެރިތްމެޓިކް އޭނާ ލިޔުއްވީ އޭނާގެ އުމުރުން އެންމެ 25 އަހަރުގަ އެވެ. އޭނާގެ އެންމެ މަޝްހޫރު އަލްޖަބްރާ މަސައްކަތް މަގާލާތު ފީ އަލް ޖަބްރު ލިޔުއްވީ ސަމަރުގަންދުގައި އޭނާ އުޅުއްވިއިރުގަ އެވެ.

އިސްފަހާންގައި ރަސްކަމުގެ ދަރުބާރުން އެދިގެން އެސްޓްރޮނޮމީ އާއި ސައެންސްގެ މަރުކަޒު ގާއިމުކުރުމަށް އޭނާއަށް ދައުވަތު ލިބުނެވެ. އަދި 18 އަހަރު އެ ސައެންސް އޮބްޒަވޭޓަރީގައި މަސައްކަތް ކުރެއްވި އެވެ.

އަލް ހައްޔާމް ވަނީ އެދުވަސްވަރުގެ އެންމެ ސީދާ އަހަރީ ކަލަންޑަރު ހެދުމުގެ މަސައްކަތްކޮށްފަ އެވެ. އަލް ހައްޔާމް އެދުވަސްވަރުގެ އިލްމީ މަރުކަޒެއް ކަމުގައިވާ ތުރުކެމޭނިސްތާނަށް ވަޑައިގެން އެތަނުގައި ހިސާބު އިލްމުގެ އިތުރު މަސައްކަތްކޮށްފައިވެ އެވެ.