އާދަމް ޝަރީފު އުމަރު

އިންތިހާބު ކާމިޔާބު ކުރީ ނުފޫޒު ފޯރުވައިގެން: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބު ކުރެއްވީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ޝާޒް ކާމިޔާބު ކުރެއްވީ 1،346 ވޯޓު ހޯއްދަވައިގެންނެވެ. ވާދަވެރި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1،226 ވޯޓެވެ. އެމްއެންޕީގެ އަލީ އަރީފަށް ލިބިވަޑައިގަތީ 122 ވޯޓެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހު އަވަސްގެ ހަބަރެއް ހިއްސާކުރައްވާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާ ނެރުނީ ނުފޫޒު ފޯރުވައި، އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ސަރުކާރުން ބަހައިގެން ކަމަށެވެ.

"އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީ އަކަށް ރާއްޖޭގެ އެންމެންނަކަށް ނުފޫޒެއް ނުފޯރުވޭނެ. ފައިސާ އަކަށް ހުރިހާ ރައްޔިތުން ނުގަނެވޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް، ޕީޕީއެމް އިން މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.

އިންތިހާބުގައި ވޯޓުލީ މީހުންގެ ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ގުރައިދޫ ދާއިރާގެ އިންތިހާބުގައި ވޯޓްލީ 2،755 މީހުންގެ ތެރެއިން ސަރުކާރުގެ ހުރިހާ ނުފޫޒަކާއި ބެހި ހުރިހާ ފައިސާއާ އެކު އެމްޑީޕީ ކެންޑިޑޭޓަށް ލިބުނީ 1،346 ވޯޓު ކަމަށެވެ. ބާކީ 1،409 މީހުން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ތިން ރަށުން 50 ޕަސަންޓް ނުލިބޭ. މި ސާމްޕަލް އަށް ބަލާނަމަ ރިޔާސީ އިންތިހާބު ބޮޑުތަނުން އެމްޑީޕީ ބަލިވެ ޕީޕީއެމް މޮޅުވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަން ފެށީއްސުރެ މިދިޔަ 14 އަހަރު ގުރައިދޫ ދާއިރާ އަކީ އިދިިކޮޅު ޕީޕީއެމް އާއި އެ ފިކުރުގެ ގޮނޑި އެކެވެ. އެހެންވެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ.

އެމްޑީޕީގެ ބައި-އިލެކްޝަން ކޮމިޓީގެ ޗެއާ އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ ޒަމާނުއްސުރެ ޕީޕީއެމްގެ ބޮޑު މެޖޯރިޓީ އޮތް ގުރައިދޫ ދާއިރާ އެމްޑީޕީއަށް ކާމިޔާބު ވެގެން ދިއުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހޯއްދެވި ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"އެމްޑީޕީގެ އެތެރެއިން ކުރިމަތި ކުރުވާ ގޮންޖެހުންތަކާއި، ގެއްލުވާލި ވޯޓުތަކުގެ މައްޗަށް މިލިބުނީ ބޮޑު ކާމިޔާބެއް. މަރުހަބާ ޝާޒު އަދި އެމްޑީޕީ،" މަހްލޫފް ވިދާޅުވި އެވެ.