ދުނިޔެ

ބްލިންކެންގެ ދަތުރަށް ޗައިނާގެ ރުހުމެއް އަދިވެސް ނެތް: ފައިނޭންޝަލް ޓައިމްސް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މިއަހަރު ކުރީކޮޅު -- ފެބްރުއަރީގައި ޗައިނާއަށް ވަޑައިގަތުމަށް ތާރީޚެއް ކަނޑައެޅުއްވި އެވެ. އެހެން ނަމަވެސް، މި ދަތުރު އަދިވެސް އޮތީ ތާވަލުކުރި ގޮތަށް ކަރުދާހުގަ އެވެ. އަމަލީ ގޮތުން ކުރިއަކަށް ނުދިޔަ އެވެ.

ބްލިންކެންގެ މި ދަތުރަށް ކުރިމަތިވި ހުރަހަކީ، ފައިނޭންޝަލް ޓައިމްސް ބުނާ ގޮތުން ބްލިންކެންއަށް މަރުހަބާ ނުކިޔާނެ ކަމަށް ޗައިނާ އިން އެނގުމެވެ.

އެމެރިކާގެ މަތިން ވައިގެ ތެރެއިން ދަތުރުކޮށް ދިޔަ ބޮޑު ފުއްޕާ ހަމެއް، އެމެރިކާގެ އަސްކަރިއްޔާއިން ޗައިނާ ކުރެން ހޭވެސް އަހާނުލައި ހަމަލާދީ ވައްޓާލުން ވެފައި އޮތީ ވަރަށް ބޮޑު ގޯހަކަށެވެ.

އެމެރިކާއިން މިހަން ވައްޓާލީ އެއީ އެމެރިކާގެ ރައްކާތެރިކަމަށް ބޮޑު ނުރައްކަލެއް ކަމަށް ބުނެ އެވެ. އަދި އެ ހަމަކީ ޖާސޫސްކުރަން ޗައިނާއިން ފޮނުވި ހަމެއް ކަމަށް ވެސް އެމެރިކާއިން އޭރު ބުންޏެވެ.

އެހެންނަމަވެސް، އެމެރިކާގެ މި ހުރިހާ ވާހަކައެއް ޗައިނާ ދޮގުކުރި އެވެ. އަދި އެއީ މަދަނީ ބޭނުމެއްގައި -- މޫސުމާ ބެހޭ ގޮތުން ހޯދުމަށް ޗައިނާގެ ސައިންސްވެރިން ފޮނުވި ހަމެއް ކަމަށް ބުންޏެވެ. އެމެރިކާއާ ހިސާބަށް ފޯރި ކޮންޓްރޯލުން ނެއްޓިގެން ކަމަށް ވެސް ބުންޏެވެ.

ފުއްޕާ ހަމަށް ހަމަލާދިނުމަށް ފަހު ކަނޑަށް ވައްޓާލައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެބައިތައް ހޮވައިގެން ނަގާފަ އެވެ. އަދި އެ ހަމަކީ ޗައިނާއިން ކޮން ބޭނުމެއްގައި ފޮނުވި ހަމެއްތޯ ދަނީ ބަލަމުންނެވެ.

ޗައިނާއިން ބުނާ ގޮތުން އެ ހަމާ ބެހޭ ގޮތުން އެމެރިކާ ބޭނުން ގޮތަކަށް ރިޕޯޓެއް ޝާއިރުކުރުމުގެ ބާރު އެމެރިކާއަށް އެބަ އޮތެވެ. އެކަމު އެމެރިކާ ލިޔާހާ އެއްޗަކީ ކަމުގެ ހަގީތަކަށް ނުވާނެ އެވެ.

ބްލިންކެން ޗައިނާއަށް ވަޑައިގަތުމަށް ދެތިން ފަހަރެއްގެ މަތިން އެދިވަޑައިގެންނެވި ނަމަވެސް ޗައިނާގެ އިދާރާތަކުން އަދިވެސް ތާރީޚެއް ނުދެ އެވެ.

ޗައިނާ ބުނާ ގޮތުން ފުއްޕާ ހަމާ ބެހޭ ގޮތުން އެމެރިކާ ބޭނުންހާ އެއްޗެއް ޝާއިރުކޮށްފި ނަމަ ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ބޮޑަށް ހީވަރުވެގެން ދާނެ އެވެ.