( 13 އެޕްރިލް 2023 އާ ގުޅޭ )
މަންމަ ކައިރިޔަށް ދެވުނީތީ ލައިލީ އުފާކުރެއެވެ. ކުރީން މަންމައާ ނުދެކެވި ހުރި ވާހަކަތައް ވެސް އެކަމުގެ ސަބަބުން އެ ދެމެދުގައި ދެކެވިއްޖެއެވެ. މަންމައާ މެދު ދެކެވުނު ގޮތް ވެސް ބަދަލުވެއްޖެއެވެ. ދެމަފިރިއެއްގެ ދެމެދުގައި ޖެހޭ ކުންޏަކީ އެ ދެ މީހުންނަށް ނޫން ބަޔަކަށް ހައްލުކޮށްދެވޭނެ ކަމެއް ނޫނެވެ.
* * * * *
ސްޓާފް މީޓިން ނިންމާފައި ނުކުންނަމުން އަކިޔަލްއަށް ލައިލީ ގޮވާލިއެވެ. ލޯބިވާކަން ހާމަކުރުމަކުން އެ ދެމެދުގައި އޮތް ގުޅުމަކަށް ބަދަލެއް ނާދެއެވެ. އޭގެ ފަހުން 3 މަސް ފާއިތުވެއްޖެއެވެ. ލައިލީއަށް އެ ވާހަކަތައް މާޒީއަށް ވެއްޖެކަން ޔަގީނެވެ. އަކިޔަލްއާ މެދު ލައިލީގެ ޢަމަލުތަކާއި ވާހަކަތައް ވެސް ހުންނަނީ އެކުވެރިޔަކު ފަދައިންނެވެ. ހިތުގައި އޮތް އިޙްސާސްތަކުގެ މައްޗަށް ޢަމަލު ކުރުމުގެ ވިސްނުމެއް އަކިޔަލް ނުގެންގުޅެއެވެ. މިހާރު އަދި ވަކިން ލައިލީގެ ދިރިއުޅުން ހަމަޖެހިފައިވާކަން އެނގިހުރެ އެ ދެމެދަށް ވަންނަ މީހަކަށްވަން އަކިޔަލް ބޭނުންނުވަނީއެވެ.
"ދަނީތަ؟." ލައިލީ އަހާލިއެވެ.
"އާން. ލަންޗެއް ލިބިގެން މިދަނީ ކާލަން." އަކިޔަލް ބުންޏެވެ.
އަފްރާހާއެކު އަކިޔަލް އައިސް ރެސްޓޯރެންޓަށް ވަނެވެ. ލައިލީއާއި ދަރަކްގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުކުރުމުގައި އަކިޔަލްއާއި އަފްރާހުގެ މެދުގައި އެކުވެރިކަމެއް އުފެދުނީއެވެ. ދޭތެރެއަކުން ކޮފީއަކަށް އަފްރާހާއެކު އަންނަން އަކިޔަލްއަށް ގުޅާލާނެއެވެ. ދެ މީހުން އައިސް މޭޒެއްގެ ދޮށުގައި އިށީނެވެ. ތަނުގެ ކާއެއްޗިއްސާ މެދު އަކިޔަލް ސުވާލުކޮށްލިއެވެ. ސުވާލުނުކޮށް އަވަހަށް ކާއެއްޗެހި އަޅަން ދާން އަފްރާހު ބުންޏެވެ. އަދި އޭނާގެ ޖީބުން ނެގި ކޫޕަންއެއް ދައްކާލިއެވެ. އެއީ ރެސްޓޯރެންޓްގެ ބުފޭއިން ދެ މީހަކަށް މެންދުރު ނޫނީ ރޭގަނޑުގެ ކެއުން ހިލޭ ކެވޭނެކަމަށް އެތަނުން ދީފައިވާ އޮތް ކޫޕަންއެކެވެ.
"އެހެންވީމަ ދޯ ކޮންމެހެން މިތަނަށް އަންނަން ބޭނުންވީ. އަތުން ލާރިއެއް ނުގޮސް ކެވޭނެތީ." އަކިޔަލް ބުންޏެވެ. އަފްރާހު ޖަހާލީ ހިނިގަނޑެކެވެ.
ދެ ޒުވާނުން ކާއެއްޗެހި އަޅައިގެން އައިސް މޭޒުދޮށުގައި އިށީނެވެ. ކެއުން ކުރިޔަށް ގެންދަމުން އެކިއެކި ވާހަކަ ދެމެދުގައި ދެކެވެމުންދިޔައެވެ. ކުއްލިއަކަށް އަފްރާހު އަނގަޔަށް ލާންއުޅުނު ސަމްސާ ތިރިކޮށްލާފައި އަކިޔަލްއަށް ބަލާލިއެވެ.
"ވަޓް. ކިޔަވަން ފުރަނީއޭ. އެވެސް އެމެރިކާއަށް." އަފްރާހަށް ބުނެވުނެވެ.
"ދުވަސްކޮޅެއްވެއްޖެ އެކަމާ ވިސްނާތާ. މިކޮޅުން ޑިގްރީ ވެސް ނިމިއްޖެ." އަކިޔަލްގެ އާންމު ފަރުވާކުޑަ ރާގުގައި ވާހަކަދެއްކިއެވެ.
"އެކަމަކު އިހަށް ދުވަހުއެއްނު ބުނީ ސަޅި އޮފާއެއް އައި ވާހަކަ. އެ ޖޮބަށް ކިހިނެއް ހަދަނީ." އަފްރާހު އަހާލިއެވެ.
"އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި އެކަހަލަ ކިތަންމެ ޖޮބެއް ލިބިދާނެ. މިވަގުތު އަހަރެންނަށް މުހިންމީ ކިޔެވުން. ހަމައެކަނި ޑިގްރީއަކުން ނިންމާލުމުގެ ވިސްނުމެއްނެތް. އަހަރެން އެކޮޅަށް ގޮސް ލޯ ކިޔަވަން ޖޮއިންކުރާނީ. ގާތްގަނޑަށް ހުރިހާކަމެއްހެން ހަމަޖެހިފަ ވަނީ." އަކިޔަލް ބުންޏެވެ.
"ލޯޔަރަކަށްވާން. އާކިއަށް ވަރަށް ގުޅޭނެ ދާއިރާއެއްތީ." އަފްރާހު ބުނެލިއެވެ.
"ރިއަލީ." އަކިޔަލްއަށް އަހާލެވުނެވެ.
"ޔޫ ހޭވް އަ ޑާޓީ ޕާސަނަލިޓީ." ހެވިލާފައި އަފްރާހު ބުނެލިއެވެ.
"ދެން ހެޔޮ. އަނބިމީހާއަށް ޗީޓުކުރާ މީހެއްގެ ފަރާތުން ތިކަހަލަ ވާހަކައެއް އަޑު އަހާކަށް ބޭނުމެއްނޫން." އަކިޔަލް ބުންޏެވެ. އެއާއެކު އަފްރާހު ނިކަން ސީރިއަސްވެލިއެވެ.
"ނައު. ލުކް ހިއާ... ވެނިމިފައި ހުރި ކަންކަމުގެ ވާހަކަ އަބަދު ދައްކައިގެން މައްސަލައެއް ކްރިއޭޓް ކުރަން ނޫޅެބަލަ. މިހާރު އަހަންނަކީ ޕާފެކްޓް ޑޮމެސްޓިކް ހަޒްބަންޑެއް." ދަތްދޮޅީގައި ވައަތްތިލަ ވިއްދާލައި އަފްރާހު ދެ ބުމަ ހިއްލާލިއެވެ.
"ލައިލީ ޑަޕްޑްކޮށްލީމަ އެހިތާމައިގަތަ އަސްލު ފުރަން ތިއުޅެނީ." އަފްރާހުގެ އަޑުގައިވީ ދިމާކޮށްލުމެވެ.
"އައި ވޯޒް ނޮޓް ޑަމްޕްޑް." އަކިޔަލް ނިކަން އަވަހަށް ބުންޏެވެ.
"ހެ ހެ ހެ. އަހަރެން އަޑުއެހީމޭ ކަލޭ ލައިލީއަށް ލޯބި ހުށަހެޅި ވާހަކަ." ހެމުންހެމުން އަފްރާހު ބުންޏެވެ.
"އަހަރެން ހިތަށް އަރާ ދަރަކް ކިހިނެއްބާއޭ ކަލޭ ކަހަލަ ރަޙުމަތްތެރިއަކާއެކީ ކެތްކުރަނީ." އަކިޔަލް ބުންޏެވެ.
"ފުރުމުގެ ކުރީން އަންގާލާތި. ދެން ކިޔަވަން ގޮސް އެކޮޅުގައި ރަނގަޅަށް ކިޔަވާނީ އިނގޭ. އެއްކުލަބުން އަނެއްކުލަބަކަށްނޫން ދުވާނީ. ކަމެއް ބޭނުމިއްޔާ އަހަރެންނަށް ވެސް އަންގާލާތި." ދިމާކުރުން ކަނޑާލާފައި އަފްރާހު ބުންޏެވެ.
"އާ ޔޫ ގޮއިން ޓު ގެޓް އަ ޑިވޯސް." މިފަހަރު އަކިޔަލް އިނީ ހެވިފައެވެ.
"ބަލާއެއްނު އަކިޔަލް. މިހާރު ބުނެފިން ދޯ މާކުރީގެ ވާހަކަ ނުދައްކަބަލާށޭ." އަފްރާހު ތަންކޮޅެއް ހަރުކަށިވެލިއެވެ.
"ސަމައިރާއަށްފަހު ދެން ކާކު ލިސްޓުގައި އޮތީ." އަކިޔަލް ބުންޏެވެ. ހީވީ އޭނާއާ އަފްރާހު ދިމާކުރީތީ އެކަމުގެ ބަދަލު ހިފާލަނީ ހެންނެވެ.
"އޭނާގެ ނަން ވެސް ނުކިޔާ. އެކަން ނިމިއްޖެ." އަފްރާހު ބުންޏެވެ.
"އަފްރާހު... އަސްލު ކަލޭތީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް." އަކިޔަލް ބުންޏެވެ.
"ކަލޭ އަވަހަށް މީހަކާ އިންނަން އުޅޭ. ކޮންމެ ކަމެއް ކުރިޔަސް ޢާއިލާ މުހިންމުވާނީ." އަފްރާހު ދުރު ބަލަން އިނދެ ބުނެލިއެވެ.
"ޢާއިލާ މުހިންމުވަރު ކަލޭގެ ދުލުން އިވޭނޭ ހިޔެއްނުކުރަން." އަކިޔަލް ބުންޏެވެ.
"އޮފްކޯޒް އިޓް އިސް... ލުކް. އެވްރިވަން ހޭސް ސަމްތިން ދޭ ޑޯންޓް ވޯންޓް ޓު ޑިސްޓްރޮއި." އަފްރާހު ބުންޏެވެ. އެއާއެކު އަކިޔަލްގެ ޚިޔާލަށް ސިފަވީ ލައިލީއެވެ. ދެމަފިރިން މައްސަލަ ޖެހުނެއްކަމަކު ދަރަކްއާ ވަކިވާކަށް ލައިލީ ނޭދެއެވެ. އެކަން އަކިޔަލްއަށް ވަރަށް ރަނގަޅަށް އެނގެއެވެ.
ޖެހިގެން ދެ ދުވަހު އަކިޔަލް އުޅުނީ ޕެކްކުރުމުގައެވެ. އެޕާޓްމެންޓްގެ ބެލް އަޅާއަޑު އިވި އޭނާ އައިސް ބަލާލިއެވެ. އަދި ދޮރުހުޅުވާލިއެވެ.
"މަންމަ ގުޅިން އަންނަމުން." އެޕާޓްމެން ތެރެއަށް ވަންނަމުން އަކިޔަލްގެ މަންމަ ހުޝާމާ ބުންޏެވެ.
"ފޯނު ސައިލެންޓްގައި ކަންނޭނގެ. އަދި ބަލާނުލެވޭ." އަކިޔަލް ބުންޏެވެ.
"ކައިފިންތަ؟." އަކިޔަލްގެ މަންމަ އަހާލިއެވެ.
"ބޭރުން ކައިގެން އައީ." އަކިޔަލް ބުންޏެވެ.
"މަންމަ މިއައީ ޕެކްކުރަން އާކިއަށް ހެލްޕް ބޭނުންވާނޭ ހީކޮށްފައި. އެކަމަކު ހުރިހާކަމެއް ނިމިފައެއްނު މިހުރީ." އެޕާޓްމެންޓް ތެރެއަށް ބަލަމުން ހުޝާމާ ވާހަކަދެއްކިއެވެ.
"އަންނަ ހަފްތާގައި ފުރާއިރު ދެންނެތެއްނު ދުވަހެއް." އަކިޔަލް ބުންޏެވެ.
"މަންމަ ވަރަށް ހައިރާންވި ކުއްލިއަކަށް އާކި ފުރަން ނިންމީމަ." ހުޝާމާ ބުނެލިއެވެ.
"ޓިއުޝަންއަށް ފައސާ އެއްކުރެވިއްޖެނަމަ ދާން ގަސްދުކުރާ ވާހަކަ ދެއްކީމެންނު. މަންމަ ހަނދާންނެތުނީތަ. ބައްޕަ ދެން ހުރި ކަންކަން ހަމަޖައްސައިދޭނަމޭ ބުނި." އަކިޔަލް ބުންޏެވެ.
"ހަނދާން އެބަހުރި. އާކިއާ ވާހަކަދައްކާލަން ބޭނުންވީ އެކަމާ." ހުޝާމާ ބުންޏެވެ.
"ރިއަލީ." އަކިޔަލް ބަލާލިއެވެ. ދަރިފުޅުގެ އެ ހަރަކާތުން ހުޝާމާގެ ހިތަށް އުނދަގޫވިއެވެ.
"އަހަންނަށް އެނގޭ އަކިޔަލް ބޮޑުވެއްޖެކަން. އަދި އެއްޗެކޭ ބުނުމުގެ ހައްޤެއް މިހާރު ނެތްކަން." ހުޝާމާގެ ނަޒަރު ދަރިފުޅާ ވަކިކޮށްލިއެވެ.
"އަހަރެން އެކަނި އުޅޭން އެނގޭނެ. މަންމަ އެކަމާ ހާސްނުވޭ." އަކިޔަލް ބުންޏެވެ. ހަޤީޤަތަކީ އޭނާއަށް މަންމައާ ވާހަކަދެއްކުން ފަސޭހަކަމަކަށްނުވަނީއެވެ. މަންމަ އޭނާއަށް އެހީތެރިވާން މަސައްކަތްކުރަނީކަން ވެސް އެނގެއެވެ.
"އެހެންވިޔަސް މަންމައަށް ވިސްނޭނެ ދޯ. ވަރަށް ދުރަށް ތިދަނީ." ހުޝާމާއަށް ބުނެވުނެވެ.
"އައި ނޯ. މަންމަ އޮފީސްގަޑިއެއްނު މީ." އަކިޔަލް ބުންޏެވެ.
"އާކި ކައިރިޔަށް އައިސްލީއެއްނު. އާކި ބައްޕައާ ދެތިން ދުވަސްކުރީން ވާހަކަދެއްކިން. އޭނާގެ ރައްޓެއްސެއްގެ ކަމެއްގައި އަހަރެންގެ އެހީއެއް ބޭނުންވެގެން ގުޅީ." ހުޝާމާ ބުންޏެވެ.
"އެހެންތަ. ކަމަކުކިޔަން ދޯ ބައްޕަ ގުޅީ." އަކިޔަލްއަށް ބުނެވުނެވެ. މަންމަގެ ވިސްނުން ހުންނާނީ އެހެންނޭ ހީވެފައެވެ.
"އާން. އެކަމަކު އަހަރެމެން އާކިގެ ވާހަކަ ވެސް ދެއްކިން. އަހަރެމެން އާކިއާ މެދު ވިސްނަން. ވަރިވުމަށްފަހު އަހަރެމެން އާކިއަށް ދޭންޖެހޭ ސަމާލުކަން ނުދެވުނު. އާކި ބޭނުންވާ ގޮތެއް އަހަރެމެން އެކަކު ވެސް އަހާނުލަން. އަހަރެމެންގެ ޒުވާބާއި އަރައިރުންގަނޑުގެ ތެރޭ އާކިއަށް ވާނެގޮތަކާމެދު އޭރު އަހަރެމެން ދެ މީހުންނަށް ވެސް ވިސްނާނުލެވުނު. އާކި ބައްޕަ ވެސް ދެއްކީ އެ ވާހަކަ. އެކަމާ ހެދި އުމުރަށްވުރެ އަވަހަށް އާކިއަށް ބޮޑުވާން މަޖުބޫރުވީ. އެކަނިމާއެކަނި ކަންކަމާ ކުރިމަތިލާން ފެށީ. މަންމައަށް އެނގޭ އާކިއަށް ކިހާ އުނދަގޫ ދުވަސްތަކެއްކަން އެއީ. އެ ދުވަހު އަހަރެމެން އާކިގެ މައިންބަފައިންނަށް ނުވެ މިހާރު އާކިގެ މައްޗަށް ބަސްކިޔުމަކީ އޮތް ހައްޤެއްކަމަށް އާކި ނުދެކޭނެކަން އެނގޭ. އެހެންވިޔަސް އާކިއާއެކު މަންމަ އެބަހުރިން. ދަރިފުޅު ކަމެއް ބޭނުންވެގެން ނުބުނެ ނުހުންނާތި." ހުޝާމާ ބުންޏެވެ.
"އަހަރެން... އަހަރެން ބޭނުންވާ އެއްޗެއްނެތް." އަކިޔަލް ބުންޏެވެ.
"މިވަގުތު ނެތަސް ފަހުން ކަމެއް ބޭނުންވާ ފަހަރަކުން. ދަރިފުޅުގެ މަންމަ އެބަހުރިކަން ހަނދާންކުރައްޗޭ މިބުނީ. މަންމަ އާކި ބުނި ކަމެއްވިއްޔާ ކޮށްދޭނަން އިރާދަކުރެއްވިއްޔާ." ހުޝާމާ ބުންޏެވެ. އަކިޔަލް މަންމައަށް ބަލާލިއެވެ. އެ މޫނުން ވަރުބަލިކަން ފެނެއެވެ. ހަމައެއާއެކު މަންމަގެ އުމުރުން ދުވަސްވެއްޖެކަން އޭނާއަށް ފާހަގަކުރެވުނެވެ. މަންމައާއި ބައްޕަ ވަރިވީ ނަމަވެސް އެ ދެމީހުން އަބަދުވެސް ވާނީ އޭނާގެ މަންމައާއި ބައްޕައަށްކަން އެނގެއެވެ. މައިންބަފައިންގެ ޒިންމާއިން ރެކިލެވެން އޭނާއެއް ކަމަކު ނޯންނާނޭކަން އަކިޔަލްއަށް ވިސްނެއެވެ.
"އަހަރެން އެކޮޅުގައި ހުންނައިރު ވަގުތުވީވަރަކުން މަންމައަށް މެސެޖުކުރާނަން." އަކިޔަލް ބުންޏެވެ. ހުޝާމާގެ ތުންފަތަށް ވެރިވި ހިނިތުންވުމުން އެވަރުން ވެސް އޭނާ ހިތްހަމަޖެހޭކަން ފާޅުވިއެވެ.
ހެނދުނުގެ ވަގުތެވެ. ހޮޓެލުން އަކިޔަލް ނުކުތީ އޭނާ ވަޒީފާއިން ވަކިވުމުގެ ހުރިހާކަމެއް ނިންމާފައެވެ. މަގުމަތީގައި މީހުން ގިނަވަގުތެވެ. އަކިޔަލްއަށް ވިސްނާލެވުނެވެ. ދުނިޔޭގައި އެތައް ބަޔަކު ދިރިއުޅޭއިރު އެއީ އޭނާއާ ބެހޭ ބައެއްނޫނެވެ. އެފަދަ މާޙައުލަކުން ޚާއްޞަ ފަރާތަކާ ބައްދަލުވުމުގެ ފުރުޞަތެއް އޮތީ ކިހާ މިންވަރަކަށް ބާއެވެ. މިވަގުތު އޭނާއާއެކު މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުން ގަނޑުގެ ތެރެއިން އެފަދަ ޚާއްޞަކަމެއް އޭނާއާ ބައްދަލުވެދާނެބާއެވެ. މި ޚިޔާލުތަކުގައި ކުރިޔަށް ހިނގަމުން އައި އަކިޔަލް ކުއްލިއަކަށް ހުއްޓުނެވެ. ދެން އޭނާ ހީނލައިއެވެ.
"އައި ހޭޓް މައި ސައިލެފް... މިއޮއް މީހުން ގިނައިރު ވެސް އަހަންނަށް ފެންނަންވީ އޭނާތަ." އަކިޔަލްއަށް އަމިއްލަ ހިތާ ވާހަކަދެއްކުނެވެ.
"އާކި." ކުރިމަތިން އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި އަކިޔަލް ފެނި ހައިރާންކަމާއެކު ލައިލީ ގޮވާލިއެވެ.
"ކޮންހާ ބާޒާރެއް ތިކުރީ. ގެނޭ އަހަރެންގެ އަތަށް ކޮތަޅުތައް." އަކިޔަލް މިހެންބުނެ ލައިލީގެ އަތުން ކޮތަޅުތައް އަތުލިއެވެ.
"އިޓްސް އޯކޭއޭ." ލައިލީ ނިކަން އަވަހަށް ބުނެލިއެވެ.
"އޯކޭއެއްނޫން. ބަނޑުބޮޑުއިރު ތިހާ ބަރުކޮށް އުޅުން ރަނގަޅެއްނުވާނެ." އަކިޔަލް ބުންޏެވެ. އިތުރަށް ލައިލީ ހައިރާންވިއެވެ.
"ކިހިނެއް އެނގުނީ." ލައިލީއަށް ވަގުތުން އަހާލެވުނެވެ.
"އަފްރާ ބުނީ. ތިން މަސް ވެއްޖޭ. ބައި ދަ ވޭ. ކޮންގްރާ އިނގޭ." އަކިޔަލް ހިނިތުންވެލިއެވެ.
"އާން. ޔެސް... ތެންކިޔު. އަހަރެން ދަރަކް ކައިރީ ބުނި އިހަށް އެކަކު ކައިރީ ވެސް ނުބުނަން." ލައިލީ ބުންޏެވެ.
"ލައިގެ ހަޒްބަންޑް ލީވްއަށް އެދުނީމަ އަފްރާހަށް ފެނުނީ" އަކިޔަލް ބުންޏެވެ.
"ލީވްއޭ. ތީ އަދި އަހަންނަށް ނޭނގޭކަމެއް." ލައިލީ ބުނެލިއެވެ.
"އެވާނީ ލީވް އެޕްރޫވްވީމާ ބުނަން ދަރަކް މަޑުކުރީ ކަމަށް." އަކިޔަލް ބުންޏެވެ.
"އެހެންވިޔަސް އަހަރެން ކައިރީ ބުނެލުން ރަނގަޅު ދޯ. ހުރޭ ގެއަށް ދެވުނީމަ ލެކްޗަރެއްދޭނަން." ލައިލީ ބުނެލި ރާގުން އަކިޔަލް ކައިރިޔަށް ހިނިއައެވެ.
"އޭނާ ކުރިޔާލާ ތައްޔާރުވާވަރު އެކަމުން އެނގެނީ." އަކިޔަލް ބުންޏެވެ.
"އަހަރެމެންގެ ފުރަތަމަ ބޭބީވީމަ ވަރަށް އިންތިޒާރުކުރެވޭ." ލައިލީގެ ތުންފަތުގައިވީ މާނަފުން ހިނިތުންވުމެކެވެ.
"މިހާރުއްސުރެ ފިހާރަތައް ހުސްކޮށްލައިގެން ދޯ ތިދަނީ." އަކިޔަލް ބުންޏެވެ. އެކަމާ ދެ ކޮޅު ހެދުމެއްނެތި ލައިލީ ހީނގަތެވެ. މިހާރުއްސުރެ ލައިލީގެ ފުށުން މަންމައެއްގެ ސިފަތައް ފެންނަން ފަށައިފިއޭ އަކިޔަލްގެ ހިތް ބުންޏެވެ. އެ އަންހެންކުއްޖާއަކީ އޯގާތެރި މަޔަކަށްވާނޭކަން އަކިޔަލް ޔަގީންކުރިއެވެ.
"އަހަރެން ޖޮބް ދޫކޮށްލައިފިން. މިއަދު ހުރިހާކަމެއް ފައިނަލްކުރީ. އެހެންވެ އަދި ނުބުނެވިގެން މިއުޅެނީ." އަކިޔަލް ބުންޏެވެ.
"ރިއަލީ. އެކަމަކު ކީއްވެ." ލައިލީ ސުވާލު އުފެދުނެވެ. އަކިޔަލް ރާވާފައި އޮތްގޮތެއް އޭނާއާ ޚިއްޞާކޮށްފައެއް ނެތެވެ. އެކަމުގެ ހިލަމެއް ވެސް އޭނާއަށް ވެފައި ނެތެވެ.
"އަހަރެން އެމެރިކާއަށް ފުރަން މިއުޅެނީ. ކިޔަވަން. އަންނަ ހަފްތާގައި." އަކިޔަލް ބުންޏެވެ.
"ކިޔަވަން... އެހެންވީމަ ދެން ދުވަސްގަނޑަކަށް ނުފެންނާނެ ދޯ. އައި އޭމް ގޮނާ މިސް ޔޫ." ލައިލީގެ މޫނުން މާޔޫސްކަން ފާޅުވެލިއެވެ. އަކިޔަލް ކިޔަވަން ދާތީ އުފާވެއެވެ. އެކަމަކު ރަނގަޅު ރަޙުމަތްތެރިއަކު ގެއްލެނީއޭ ހީވަނީއެވެ.
އަކިޔަލްއަށް ވެސް އެނގޭ ކަމަކީ އޭނާ ފުރައިގެން ދިއުމަށްފަހު ދެން އެނބުރި އާދެވޭނީ އަހަރުތަކެއް ފަހުންކަމެވެ. އެހާތަނުން އެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަލުވާނެއެވެ. ފަހަރެއްގައި އެނބުރި އަންނައިރު އޭނާއާ ލައިލީ ދުވަހަކުވެސް ބައްދަލުނުވުމަކީ ވެސް ވެދާނޭ ގޮތެވެ. އެ ޚިޔާލުތައް އަކިޔަލްގެ ހިތަށް އުނދަގޫކުރިއެވެ.
"އަހަރެންގެ އެހީއެއް ބޭނުންތަ؟. ކީއްކޮށްދޭންވީ. ކާއެއްޗެހި މިސްވާނެ ދޯ އެކޮޅަށް ދިޔައީމަ. އެކަމަކު ހާސްނުވޭ. އަހަރެން ފޮނުވާދޭނަން އާކިއަށް މިކޮޅުގައި ތައްޔާރުކުރާ އެއްޗެހި." ލައިލީ ބުނެލިއެވެ. އޭނާއަށް ބަލާލާފައި އަކިޔަލް ހޭންފެށިއެވެ.
"ކީއްވެ ތި ހެނީ." ލައިލީ އަހާލިއެވެ.
"ޔޫ ސައުންޑް ލައިކް މައި މާމް." ހެމުންހެމުން އަކިޔަލް ބުންޏެވެ.
"ވަޓް. އަސްލުވެސްތަ. ޑޫ އައި އޯލްރެޑީ ސައުންޑް ލައިކް އަ މާމް." ރަކިވެފައި ހުރެ ލައިލީ އަހާލިއެވެ.
އެންމެ ފުރަތަމަ އަކިޔަލްއާ ބައްދަލުވީ އިރު ވެސް ލައިލީ އަކީ މީހެއްގެ އަނތްބެކެވެ. އެހެން ފިރިހެނެއްގެ ހައްޤެކެވެ. ދަރަކްދެކެ ލޯބިވާހާ ދުވަހަކު އަކިޔަލްގެ ލޯބި ލައިލީ ބަލައިނުގަންނާނޭކަން އެނގެއެވެ. އެހެންވިޔަސް އަކިޔަލްގެ ސަބަބުން ލައިލީގެ މޫނުން ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ފެންނަމަ އަދި ލައިލީގެ އުފާވެރިކަން ދެމިއޮތުމާ ގުޅިފައިވާނަމަ އެވަރުން އަކިޔަލްއަށް ފުދިއްޖެއެވެ.
"ލައި. އާ ޔޫ ހެޕީ." އަކިޔަލް އަހާލިއެވެ.
"އަލްޙަމްދުއްލިއްﷲ. ވަރަށް ބޮޑަށް." ނިކަން ފުޅާ ހިނިތުންވުމަކާއެކު ލައިލީ ބުނެލިއެވެ.
* * * * *
ދޮވެފައި ހުރި އެއްޗެހި ހަރުގަނޑިގައި ހިއްކަން އަޅުވަން ދަރަކް ބެލްކަނީގައި އުޅެއެވެ. އޭނާއަށް ގޮވަމުން ލައިލީ އެތަނަށް ނުކުތެވެ.
"ދަރަކް. ކޮންއިރަކުން ކާނީ. ވަރަށް ބަނޑުހައިވެއްޖެ." ލައިލީ އަހާލިއެވެ.
"ވީކަންޑްއެއްނު. ހިނގާ މިއަދު ކާލަން ބޭރަށް ނުކުންނަން." ދަރަކް ޚިޔާލު ދިނެވެ.
"އެއްކަލަ ކޮފީޝޮޕަށް ދަމާ. އެތާ އެއްޗެހި ޓްރައިކޮށްލަން ކިޔާފައެއްނު އޮތީ." ލައިލީ ނިކަން ފޯރީގައި ބުނެލިއެވެ. އޭނާ ސެލެޑް ތަށްޓެއް ކައި ނިމުނުތާ އަދި ގިނައިރެއްނުވެއެވެ.
"ރަނގަޅުވާނެ. ދޭ ރެޑީވާން. އަހަރެން ވެސް މި ނިމުނީ." ދަރަކް ބުންޏެވެ.
"އެނގޭތަ. އާކި ކިޔަވަން ފުރަންއުޅޭކަން." ލައިލީ އަހާލިއެވެ.
"އަފްރާ އެކަހަލަ އެއްޗެއްކީ." ދަރަކް ބުންޏެވެ.
ލައިލީ ސިހިފައި އަޑެއް ލައްވާލުމާއެކު ބަނޑުގައި ހިފަހައްޓާލިއެވެ. އެ ހަރަކާތުން ދަރަކް ހާސްވެ ކަންބޮޑުވިއެވެ. އޭނާ ވަގުތުން ލައިލީގެ ގާތަށް އަތުވެއްޖެއެވެ. ކިހިނެއްވީތޯ ސުވާލުކުރަންފެށިއެވެ.
"މިތާ އަތްލަބަލަ." ބަނޑުގެ ތަންކޮޅެއްގައި އަތްޖައްސާލައިގެން ހުރެ ލައިލީ ބުންޏެވެ. ދަރަކްގެ އަތްތިލަ ބަނޑުގައި ޖައްސާލިއެވެ. އޭނާގެ އަތަށް ކުރެވުނު އިޙްސާސާއެކު ދެ ލޯ ބޮޑުކޮށް ލައިލީއަށް ބަލާލިއެވެ.
"ބޭބީ ކިކްޑް." އުފާވެރިކަމުގެ ފުޅާ ހިނިތުންވުމަކާއެކު ލައިލީ ބުނެލިއެވެ.
"ލައި. ބޭބީ ލިބެންދެން އެންމެ ވަގުތުކޮޅަކަށް ވެސް ލައި ނުފެންނަ ހިސާބުގައި ހުންނާކަށް ބޭނުމެއްނުވޭ." ދަރަކްއަށް ބުނެވުނެވެ.
"އެހެންވެތަ ލީވް ނަގަން ތިއުޅެނީ." ލައިލީ ބުންޏެވެ. ދަރަކް ނިކަން ހައިރާންވިއެވެ. ހަމައެއާއެކު އޭނާގެ މޫނުން ހާސްކަން ފާޅުވެލިއެވެ. އޭނާ ލީވް ނަގަން ނިންމާފައި އޮތްކަން ލައިލީއަށް އެނގުނު ގޮތަކާމެދު ސުވާލު ވެސް އުފެދުނެވެ.
"ވަޓް. ލައި. އަހަރެން ނުބުނާކަށްނޫން. ލައި ވިހަން ކައިރިކޮށްފައި ގޭގައި ހުންނަން އަހަރެން ބޭނުންވީ ލައިއަށް އަހަރެންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެކަން އެނގޭތީ. ކުރީބައިގައި ލީވް ހޯދަން އުޅެގެން އޮފީހުން ލީވް ހަމަޖެހޭނީ." ދަރަކް ބުންޏެވެ. ލައިލީ ހިނިތުންވެލީއެވެ.
"އަހަރެމެންނާ މެދު. ލިބެން އުޅޭ ދަރިފުޅާމެދު ވިސްނާފައިކަން އެނގޭ ދަރަކް ނިންމުންތަން ނިންމަނީ. އަހަރެން އެކަމާ ވަރަށް އުފަލުން މިހުންނަނީ." ލައިލީ ބުންޏެވެ. އަދި އަކިޔަލްއާ ދިމާވެގެން ދެކެވުނު ވާހަކަތައް ކިޔާދިނެވެ.
* * * * *
ޔޫން ވިހައިގެން ގެއަށް ބަދަލުވިތާ ހަފްތާއެއް ފަހުން ހުރިހާ އެކުވެރީން އޭނާއަށް ގޮވާލަން އެގެއަށް އައެވެ. ޔޫންގެ އިސްތަށިކޮޅު ލިބިފައިވާއިރު ދަރިފުޅު ހީވަނީ އިދާންގެ ފޮޓޯއެއްހެންނެވެ. ބޮޑު ދެ ކޮލުގައި ހިފާލާހިތުން ކޮންމެ މީހަކު ތިބީ ކެތްމަދުވެފައެވެ.
"ވަރަށް އުނދަގޫވިތަ ވިހަން." ލައިލީ އަހާލިއެވެ.
"ތަދުވާވަރުން ބައެއްފަހަރު ހީވޭ އަނބުރައިގަނެދާނެހެން. އެކަމަކު ކެތްކޮށްލައިގެން އޮތީ. ހަޅޭކެއްނުލަވަން. މިފުއްގަނޑު ފެނުމާއެކު ކުރީންވީ އެއްވެސްކަމެއް ހަނދާނެއްނެތް." ޔޫން ބުންޏެވެ. ލައިލީއަށް މަޑުމަޑުން އޭނާގެ ކިރިޔާ އެނގެން ހުރި ބަނޑުގައި ފިރުމާލެވުނެވެ.
"ސިޔާ ޚަބަރެއްވިތަ." ތަސްލީމާ އަހާލިއެވެ.
"އަހަރެން ހިތަށް އެރި އޭނާ ޖަލަށްލާނެނަމައޭ. އެކަމަކު ޖޫރިމަނާއަކުން ވިއްޔާ އެކަން އެ ނިމުނީ." ނޫރީ ބުންޏެވެ.
"އަހަރެންނަކަށް ނުގުޅާ. ނުވެސް ދެކެން. އޮފީހުން ވެސް ކެނޑިއްޖެ." ކިރަން ބުންޏެވެ.
"އޭގެ ފަހުން އަހަރެމެންނަކަށް ވެސް އުނދަގުލެއް ނުފޯރާ. އޭނާ އެކުރި ކަންތަކަށް މަޢާފްކުރާކަށް އަހަރެން އަދި ތައްޔާރެއްނޫން." ލައިލީ މަޑުމަޑުން ބުންޏެވެ.
"ބަދަލުވާން ބޭނުންވެއްޖެ މީހަކަށް ބަދަލުވެވޭނެ. އަހަރެމެންނަކީ ގޯސް ރައްޓެހިންނެކޭ ބުނެވޭކަށް ސިޔާއަށް ނޯންނާނެ. އަހަރެމެން އޭނާ ބާކީއެއް ދުވަހަކުވެސް ނުކުރަން." ނޫރީ ބުންޏެވެ.
"އިދާންއަކީ ވެސް އޭނާ ބޭނުންވާގޮތަށް ހުރިހާކަމެއްވާން ބޭނުންވާ މީހެއް. އަހަރެމެން ދެ މީހުންނަށް އެކުގައި ނޫޅެވޭނެއޭ ވެސް އަހަރެން ހީކުރިން. އެކަމަކު އޭނާ ވެސް ބަދަލުވީ. މިދަރިފުޅު ލިބެންވީއިރު އިދާން މުޅީން ބަދަލުވެއްޖެ. އަހަރެން ކައިރީ ބުނި ދަރިފުޅު ފުރަތަމަ ކަންކަން ދަސްކުރާތަނަކީ ގޭތެރެއޭ. އޭނާ އެހާ ރުޅިގަދަ އަދި ދަރިފުޅުގެ މަންމައާ މެދު އިހާނެތިކޮށް ކަންތައްކުރާ ބައްޕައެއްގެ ގޮތުގައި ސިފަކުރެވޭކަށް ބޭނުމެއްނުވެޔޭ. އެއަށްވުރެ ކެތްތެރި ޒިންމާދާރު ލޯބިވާ ބައްޕައަކަށް އޭނާ ވާން ބޭނުމޭ. އެރޭ އަހަރެންނާ ވަރަށް ގިނައިރު ވަރަށް ގިނަ ވާހަކަދެއްކި. އަހަރެންނަށް ޤަބޫލުވެސް ނުކުރެވުނު." ޔޫން ކިޔާދިނެވެ.
"މަށަކަށް ވެސް ޤަބޫލެއްނުކުރެވުނު. ހަމަ އިދާންތަ ބުނީ." ނޫރީ ބުންޏެވެ. އެއާއެކު ތަސްލިމާ އޭނާގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ. ޔޫން ހީނގަތީއެވެ.
"އިދާން އެކަންޏެއްނޫން. އަހަރެން ވެސް ބަދަލުވާން މަސައްކަތް ކުރަން. ކުރީގެ ވިސްނުން ބަދަލުކޮށް. ދެމަފިރިން ގުޅިގެން ކަންކަން ނިންމައި ކޮންމެ ކަމެއްގައި ދެމެދުގައި ވާހަކަދައްކައިގެން ކުރިޔަށްދާން." ޔޫން ބުންޏެވެ.
ލައިލީއަށް ވިސްނާލެވުނެވެ. އެތަނުގައި މިވަގުތު އެ ތިބީ އޭނާގެ ހަޤީޤީ ރައްޓެހިންނެވެ. އެހެންވިޔަސް އޭނާ އަދިވެސް ޖެހިލުންވެއެވެ. ދުނިޔެ އޭނާއަށް ދިން ފިލާވަޅުންނެވެ. އެކުވެރީންގެ ގޮތުގައި އެންމެ ގާތުގައި އުޅެމުން ތިމާގެ ދިރިއުޅުމަށް ވިހަލާ ރައްޓެހިން އުޅޭކަން ލައިލީއަށް ދަސްވެއްޖެއެވެ. ސިޔާ ހިންގި ޖަރީމާއަށް މަޢާފުދޭން ބޭނުންނުވަނީ އެހެންވެއެވެ. އެކަމުގެ ސަބަބުން ލައިލީގެ ކައިވެނި ރޫޅި ދިރިއުޅުން ނުގެއްލުނީ ހަމަކިރިޔާއެވެ.
އެކުވެރީންނާއެކު ވަގުތު ހޭދަކުރުމަށްފަހު ލައިލީ ގެއަށްދާން ދަރަކްއަށް ގުޅިއެވެ. ގެއަށް ވަގުތުން ދިއުމުގެ ބަދަލުގައި ލައިލީ ގޮވައިގެން ދަރަކް ހުޅުމާލޭގައި ބުރުޖަހާލަން ދިޔައެވެ. އެހެން ދުއްވަމުން އައިސް އަތިރިމައްޗާ ކައިރިއަށް މަޑުކޮށްލިއެވެ. ސައިކަލު ޕާކުކޮށްލުމާއެކު ލައިލީގެ އަތުގައި ހިފާލައިގެން ދަރަކް ހިނގައިގަތީ އަތިރިމަތީ ވެލިގަނޑު މައްޗަށް ފައިބާށެވެ. އިރުއޮއްސެން ކައިރިވަމުން އައިއިރު އުޑުމަތީ ވިލާތައް ގިނަވެ ވިއްސާރައިގެ ކުލަ ފާޅުވާންފެށިއެވެ. ފަޒާގައި ރޯޅިތައް ފިނިވެ ބާރުވެލާފައި ވެއެވެ. ނުކިޔަމަންތެރިކަމާއެކު ލައިލީގެ އިސްތަށިތައް ވައިރޯޅިތަކާއެކު ނަށަމުން އޭނާގެ މޫނަށް ގޯނާކުރަމުންދިޔައެވެ. ދަރަކް އެއްއަތުން ލައިލީގެ ކަންފަތްކައިރިޔަށް އިސްތަށިކޮޅުތައް ލައްވާލެވޭތޯ އުޅެއެވެ.
"ފަސް މަސް ފަހުން އަހަރެމެންގެ ބޭބީ ދުނިޔެއަށް އުފަންވާނެ." ލުއި ހިނިތުންވުމަކާއެކު ލައިލީއަށް ބުނެވުނެވެ.
"ބޭބީ ބޯންވާނެ އިރަކަށް ކުރާ އިންތިޒާރުގައި ހޭދަވެގެން މިދާ ދުވަސްތަކަކީ ކިހާ އަގުހުރި ވަގުތުތަކެއްކަން އިޙްސާސް ކުރެވި ވިސްނެންފެށީ އަދިކިރިޔާ. އަހަރެންނަށް އަމިއްލަ ދަރިއަކު ލިބެން އުޅޭތީ." ދަރަކް ބުންޏެވެ.
"އައި ލަވް ޔޫ. އެއީ ހަމައެކަނި ބަދަލުވާން ބޭނުންނުވާ އިޙްސާސަކީ. އަހަރެމެން ދެމެދުގައި އޮތް ލޯބި. މަންމައަކާއި ބައްޕައަކަށް ވުމަށްފަހު ވެސް އަހަރެން ދަރަކްދެކެ މިވާ ލޯތްބަށް ބަދަލެއްނާންނާނެ." ލައިލީ ބުނެލިއެވެ.
"އާން. އަހަރެން ވެސް. އިރާދަކުރެއްވިއްޔާ މި ލޯތްބަށް ދެގޮތެއްނުވާނެ. އަބަދުވެސް މިހިތުގައި ލައިލީ ނޫން ފަރާތެއްނުވާނެ." ދަރަކް ބުންޏެވެ.
ފިރިމީހާގެ އަތުގައި ލައިލީ ނިކަން ބޮޑަށް ބައްދާލައިގެން ހުރި ހިނގަމުންދިޔައެވެ. ދިރިއުޅުންވަނީ އަޑިގުޑަންތަކުން ފުރިފައެވެ. ހަމައެގޮތަށް ކައިވެނީގެ ގުޅުން އަބަދު އެއްގޮތެެއްގައި ނޯންނާނޭކަން ލައިލީއަށް އެނގެއެވެ. ހީނުކުރާ ކިތަންމެ ކަމެއް ކުރިމަތިވެދާނެއެވެ. އުންމީދުނުކުރާ ކިތަންމެ ކަމެއް ގޯހުންގޯހަށް ހިނގައިދާނެއެވެ. ހަދަންވީގޮތެއް ނޭނގޭ ކޮންމެ ފަހަރަކު ހުއްޓުމަކަށް އެތައްކަމެއް އަތުވެދާނެއެވެ. އެހެންވިޔަސް ދެމަފިރިން އެކަކުއަނެކަކުގެ އިޙްސާސްތައް ދެނެގަންނަން މަސައްކަތްކޮށް ހިތްހުޅުވާލައި ދެމެދުގައި ރަނގަޅަށް ވާހަކަދެއްކިއްޖެނަމަ ކޮންމެ ކަމަކުން ވެސް އަރައިގަނެވިދާނެއެވެ. އަދި އެ ގުޅުން ކެނޑިގެންދިއުމުގެ ބަދަލުގައި އިހުނަށްވުރެ ވަރުގަދަވެދެއެވެ. ކައިވެންޏެއްގެ އަމާޒަކީ ދެމަފިރިންގެ ދުޅަހެޔޮކަމެވެ. އެކަކުއަނެކަކަށް ކުރާ އިޙްތިރާމަށެވެ. އެ ދުޅަހެޔޮކަން ބިނާވަނީ ދެމެދުގައި އޮތް ލޯތްބާއި އިތުބާރަށެވެ. ކޮންމެ ކަމަކާ ވެސް ދެމަފިރިން އެކަކުއަނެކަކަށް ބަރޯސާވެވޭނެކަމުގެ ގެރެންޓީއަށެވެ. އެއްވެސް ކައިވެންޏަކީ ކުންޏެއްނުޖެހޭ ސާފު ހުދުފޮތިކޮޅެއްނޫނެވެ. ކައިވެނީގެ ފޭރާމުގައި ވެސް ލައް ޖެހޭނެއެވެ. ބާވެސް ވާނެއެވެ. ވީދި ބާގަނޑުތައް ހެދޭނެއެވެ. އެ ހުންނަނީ ދެމަފިރިންގެ ގުޅުން ހީނަރުވެއްޖެކަމުގެ ރަމްޒުތަކެވެ. އެކުގައި ގިނަދުވަހު އުޅުމުން ބައިވެރިޔާއަށް ދޭންވާ ސަމާލުކަން ނުދެވި އަޅާނުލައި ދޫކޮށްލެވޭ ގޮތްވެއެވެ. އަދި ދަރީން ލިބުމުގެ ސަބަބުން ދެމަފިރިން އެކުގައި ހޭދަކޮށްލަން ލިބޭ ވަގުތު މަދުވެއެވެ. ދެމެދުގައި އޮންނަ ލޯބި ދިރުވާ އެގޮތުގައި ބަދަލުނުވާނޭހެން ބޭއްވޭނީ ދެމަފިރިންގެ މަސައްކަތުންނެވެ. އެއީ ކައިވެންޏެއް ފުރިހަމަވަނީ ދެ މީހުންގެ މައްޗަށްވީމައެވެ. ލައިލީ އެދެނީ ދިރިއުޅުމުގެ ހާލަތު ބަދަލުވިޔަސް އެ ދެމަފިރިންގެ ދެމެދުގައި އޮތް ލޯބި ދުވަހަކުވެސް ބަދަލުނުވުމަށެވެ. އޭނާއަށް ވެސް ކައިވެނިން ރަނގަޅު ފިލާވަޅުތަކެއް ދަސްވެއްޖެއެވެ.
* * * * *
ފިނިކަމުން ބޯޖެކެޓުގެ ތެރެއަށް އަކިޔަލް ދެއަތްތިލަ ލައްވާލިއެވެ. ޔުނިވާސިޓީގެ ގޯތިތެރެއިން ނުކުންނަން އޭނާ އައެވެ. އެހިނދު ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. ފޯނު ނަގައި ބަލާލިއެވެ. އޭނާގެ ތުންފަތް ދެމިލިއެވެ. ފޯނަށް އައީ ފޮޓޯއެކެވެ. ލައިލީއާއި ދަރަކްގެ އިތުރުން ލައިލީގެ އަތުގެރޭގައި ލޯބިލޯބި ކުޑަކުޑަ އަންހެންކުއްޖަކު އޮތެވެ.
"މީ އަހަރެމެންގެ ދަރިފުޅު. އަހަރެމެންގެ ދަރިފުޅާ އާކި ބައްދަލުކޮށްދޭން ވާނެއެއްނު." މެސެޖުގައި ލިޔެފައި އޮތެވެ. އަކިޔަލްއަށް ތަންކޮޅެއް ބޮޑަށް ހީނލެވުނެވެ.
"ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް ލައިލީއަށް ލިބިފައިވާ ކަހަލަ." އަކިޔަލްގެ ހިތުގައި އޮތެވެ. އެ ދެމަފިރިން އެކަކުއަނެކަކުދެކެ ވާ ލޯބި އަކިޔަލްއަށް ރަނގަޅަށް އެނގެއެވެ. އަބަދުވެސް އެމީހުންގެ މައްޗަށް އޭނާގެ ހިތުގައި ހެޔޮ ދުޢާ ވާނެއެވެ. އަދި އަލަށް ބައްޕައަކާއި މަންމައަކަށްވީ ދެމަފިރިންނަށް ތަހުނިޔާގެ މެސެޖު ފޮނުވަން އަވަސްވެލިއެވެ.
(ނިމުނީ)