ދީން

ތަގުވާވެރިކަމުގެ އިޖުތިމާއީ ފައިދާ

Apr 17, 2023

ތަގުވާވެރިކަމަކީ އިންސާނުންގެ ކިބައިގައި ރީތި ސިފަތައް އަށަގަންނުވާ ކަމެކެވެ. މަޑުމޮޅިކަމާއި ހިތްތިރިކަމާއި ޒުހުދުވެރިކަމާއި ވަރައަވެރިކަން މިއީ އޭގެތެރެއިން ބައެއް ސިފަތަކެވެ. މިފަދަ ސިފަތަކުން ސިފަ ލިބިގަންނަ މީހުންގެ ތެރޭ ދެކޮޅުވެރިކަމާއި އަރާރުންވުން މަދުވާނެ އެވެ. ދޮގު ހެދުމާއި މަކަރު ހަދާ އޮޅުވާލުމެއް ނޯންނާނެވެ. އެކަކު އަނެކަކަށް ހަސަދަވެރިވެ ދެބައޮޑުވާނެ ފުރުސަތެއް ނުދޭނެ އެވެ. އިޖުތިމާއީ ހަމަހެޖުމާއި ސުލްހަ މަސަލަސްކަން އެއީ ތަގުވާވެރިންގެ ކިބައިން މުޖުތަމައަށް ހިބަވާ އެންމެ ބޮޑު ހަދިޔާ އެވެ.

ތަގުވާވެރިކަމުގެ އިޖުތިމާއީ އެންމެ ބޮޑު ފައިދާއަކީ ޚާލިގުވަންތަ ﷲ އަށް ކިޔަމަންތެރިކަން އަދާކުރާނެ މާހައުލެއް ގާއިމުވުމެވެ. އެ ތަނުގައި އެއް ބަޔަކު އަނެއް ބަޔަކަށް ހެޔޮކަންކަމަށް އެހީތެރިވެ ވާގިވެރިވާނެ އެވެ. ނުބައި ކަންކަން ކުރުމަށް އެހީ އާއި މަދަދު ދޭނެ އެކަކު ވެސް ނުހުންނާނެވެ. ވަހީ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"ތަގުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި އަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!" (المائدة: 2)‏

ތަގުވާވެރިކަމުގެ އިޖުތިމާއީ އަނެއް ފައިދާއަކީ މުދަލަށް ހިމާޔަތް ލިބިގެންވުމެވެ. ތަގުވާވެރިކަމުގެ ހަގީގީ ފޭރާން އަޅައިގެން ހުރި އެއްވެސް މީހަކު އެހެން މީހެއްގެ މުދާ ބާތިލު ގޮތުގައި ނުކާނެ އެވެ. އެ މީހުން ﷲގެ އަމުރުފުޅަށް ކިޔަމަންވާނެ އެވެ. އެއިލާހު އެންގެވީ:

"އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާތިލު ގޮތުގައި ނުކާށެވެ!" (البقرة: 188) ‏ މިފަދައިންނެވެ.

ތިމާގެ އަމިއްލަ ނަފުސަށްވުރެ އަނެކާއަށް އިސްކަން ދިނުން ވެސް ހިމެނެނީ ތަގުވާވެރިކަމުގެ އިޖުތިމާއީ ފައިދާގެ ތެރެއިންނެވެ. މުޖުތަމައުގެ އަފުރާދުން އެހެން މީހުންނަށް ދޫދިނުމެއް ނެތި ތިމަތިމާމެންގެ ހުރިހާ ކަމެއް ފުރިހަމަ ކުރަން އުޅޭ ނަމަ، އިޖުތިމާއީ ނުތަނަވަސްކަން އެބައެއްގެ ތެރޭ އާންމުވެދާނެ އެވެ.

ތަގުވާވެރިކަމުގެ އަހުލުވެރިން ނަބިއްޔާ މުހައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمގެ މި އިރުޝާދަށް ފުރިހަމައަށް ކިޔަމަންވާނެ އެވެ.

"لاَ يُؤْمِنُ أَحَدُكُمْ، حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ" (رواه البخاري و مسلم)

މާނައީ: "އެ މީހެއްގެ އަމިއްލަ ނަފުސަށް އެދޭ އެދުން އޭނާގެ މުސްލިމް އަޚާއަށް އެދިއްޖައުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން ހަމައެކަކުގެ ވެސް އިސްލާމްކަން ފުރިހަމަ ވީ ކަމުގައި ނުވެއެވެ."

ކަން މިހެން އޮތްއިރު އަޅުގަނޑުމެންގެ ތެރޭގައި ތަގުވާވެރިކަން އިތުރުކޮށް އެފަދަ މުޖުތަމައެއް ބިނާކުރެވޭތޯ ބެލުން އެއީ ނުހަނު ބޭނުންތެރި ކަމެކެވެ. ޅަ ޖީލުތަކުގެ ހިތްތަކުގައި ތަގުވާވެރިކަމުގެ އޮށް މިއަދު އިންދައިގެން މެނުވީ ތަގުވާވެރިންގެ ކިބައިން މުޖުތަމައަށް ލިބެން އޮތް ފައިދާ، މާދަމާ މި މުޖުތަމައުން ނުފެންނާނެ އެވެ.

ލިޔުނީ: އައްޝައިޚް މުހައްމަދު އަފްޒަލް