ދިރިއުޅުން ނޫން ބޭނުމަކަށް ދައުލަތުން ކުއްޔަށް ދޫކުރާ ބިމެއްގެ ހަމަވުމުން މުއްދަތު އިތުރުކޮށްދިނުމުގެ ބާރު ބިން ދޫކުރާ ފަރާތަށް ލިބޭގޮތަށް ހަމަޖައްސައިފި އެވެ.
ދިރިއުޅުމަށް ނޫން އެހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވައިދު ކުރިން އޮތް ގޮތުން ކުއްޔަށް ދޫކޮށްފައިވާ ބިމެއްގެ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރުކޮށްދެވޭނީ ހަމައެކަނި ޕްލޭނިން މިނިސްޓްރީ އަށެވެ.
ކުއްޔަށް ދޫކޮށްފައިވާ ބިމެއްގެ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރުކޮށްދެވޭނީ ކުއްޔަށް ނެގި ފަރާތުން މުއްދަތު އިތުުރުކުރުމަށް އެސެސްމަންޓަކާ އެކު މުއްދަތު އިތުރުކޮށްދިނުމަށް ހުށަހެޅުމުންނެވެ.
ހުށަހަޅާ އެސެސްމަންޓްގައި ކުއްޔަށް ނަގާފައިވާ ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓް ރައްކާތެރިކުރުމަށާއި، ބިމުގައިވާ އިންވެސްޓްމަންޓުގެ ސަބަބުން އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ދިރިއުޅޭ ބަޔަކަށް ލިބޭ ފައިދާތައް ހިމަނަންޖެހެ އެވެ. އަދި އިތުރުކުރަން އެދޭ މުއްދަތުގައި އެ ބިން ބޭނުންކުރަން ކަނޑައަޅާފައިވާ ގޮތްތަކާއި ބިން ކުއްޔަށް ނެގި މުއްދަތުގައި ބިމުގެ ބޭނުންކުރި ގޮތްވެސް ހިމަނަންޖެހެ އެވެ.
އެސެސްމަންޓަށް ބަލައި ބިމުގެ މުއްދަތު އިތުރުކުރެވޭނީ ކުރިން ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގެ 50 ޕަސަންޓަށް ވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިން ޕްލޭނިން މިނިސްޓްރީއަށް ކަމަށް ގަވައިދުގައި ކުރިން އޮވެ އެވެ. އެކަމަކު ގަވައިދަށް މިހާރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ހުށަހަޅާ އެސެސްމަންޓަށް ބަލައި ބިން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު ބިން ދޫކުރާ ފަރާތަށް ލިބެ އެވެ. ސީދާ ވަކި މުއްދަތެއް ނެތެވެ.
ދިރިއުޅުމަށް ނޫން އެހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވައިދު ކުރިން އޮތް ގޮތުން ކުއްޔަށް ނަގާފައިވާ ބިމެއްގެ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރުކުރެވޭނީ އެއް ފަހަރު އެވެ. އެކަމަކު މިހާރު އިސްލާހުކޮށްފައިވާ ގަވައިދުގައި ކުލީގެ މުއްދަތު އިތުރުކުރެވޭނެ މިންވަރު ކަނޑައަޅަންޖެހޭނީ ބީލަމުގެ އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް ކުރާ އިއުލާނުގައި ކަމަށް ބުނެފައިވެ އެވެ.
ބިމުގެ މުއްދަތު އިތުރުކުރާއިރު އެ ވަގުތު ބިމުގެ އަގު ހުރި ގޮތެއް ބަލައި ބިމުގެ ކުއްޔަށް ބަދަލުގެނައުމުގެ ބާރު ގަވައިދުގައި ޕްލޭނިން މިނިސްޓްރީއަށް ދީފައިވެ އެވެ.