ބައެއް ސަމާނު ލިބުން ލަސްވުމުގެ ސަބަބުން މިދިއަ މަހު ހުޅުވަން އޮތް ހުޅުމާލެ ސެންޓްރަލް ޕާކުގެ ކްއާޓާ ދެން ހުޅުވާނީ މިމަހު ފަހުކޮޅުގައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައިމަން މިއަދު ވިދާޅުވީ، ސެންޓްރަލް ޕާކުގެ އެއްބައި މިދިއަ ޖެނުއަރީ މަހު ހުޅުވާނެ ކަމަށް ކުރިން ބުނި ނަމަވެސް، އެ ތަން ރީތި ކުރުމަށް ބޭނުންވާ ބައެއް ސާމާނު ލިބުން ލަސްވުމުގެ ސަބަބުން އެ އަމާޒަށް ވާސިލް ނުވެވުނު ކަމަށާއި ނަމަވެސް މި މަހު އެބައި އެއްކޮށް ނިންމާނެ ހުޅުވާނެ ކަމަށެވެ.
މި ޕާކަކީ ފައްވާރުތަކާއި، ހިތްގައިމު ބޮޑު ފެންގަނޑެއް ހިމަނައިގެން ބޮޑު އެ ޕާކު ތަރައްގީ ކުރާ ތަނެކެވެ. މީގެ ކުރިން ސައިމަން ވިދާޅުވީ ޕާކްގެ ތަންތަން ބިނާ ކުރަމުން ދިޔައިރު ބަޔަކު އެތަންތަން ގެއްލުންތައް ދިން ކަމަށާއި، ޕާކު ހިމެނޭ ސަރަހައްދު އަލިކޮށް ޒީނަތްތެރިކުރަން ހަރުކުރި ބޮކިތައްވެސް ހަރުކުރިތާ ހަފުތާއެއްވީ އިރު ތަޅާލާފައިވާ ކަމަށެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، އެތަން ޒީނަތްތެރިކުރަން އެންމެ ފަހުން ހަރުކުރި ހުރިހާ ބޮތްކެއް ދެ ހަފުތާގެ ތެރޭގައި އެއްކޮށް އެވަނީ ތަޅާލާފަ. މިހާރު އަނެއްކާވެސް މިޖެހެނީ އެމަސައްކަތް އަލުން ކުރަން،" ސައިމަން ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ ކޮންކްރީޓް ބޭނުން ކޮށްގެން ތަޅައިނުލެވޭނެ ކަހަލަ ގޮތަކަށް ބޮކިތަކާ ބެންޗްތައް ވެސް ހަދާނެ ގޮތްތަކެއް ހޯދަމުން، މިފަދަ މައްސަލަ ދިމާވުމަކީ މަސައްކަތްތައް ދާންޖެހޭ ސްޕީޑުގައި ކުރިއަށް ދާން އެޅޭ ވަރަށްބޮޑު ހުރަހެއް،"
ސެންޓްރަލް ޕާކް ޑިޒައިންކޮށްފައިވަނީ ހަތަރު ސެގްމެންޓްގެ ތެރެއިން އެއް ސެގްމެންޓްގައި ގުދުރަތީ ފެހިކަން ފެންނަން ގޮތަށް ބޮޑު ފެންގަނޑެއް ހިމަނައިގެންނެވެ. އަދި އެހެން ސެގްމެންޓްތަކުގައި ގިނަ އަދަދެއްގެ ގޮނޑިތައް ބަހައްޓާއިރު ތަފާތު ޑިޒައިންތަކުގެ ފައްވާރާއި ކުދި ބްރިޖްތައް ވެސް ހިމަނާފައިވެ އެވެ. އެޗްޑީސީގެ ބައެއް އިދާރީ އިމާރާތްތަކާއި އިސްލާމިކް ސެންޓަރެއް ވެސް ސެންޓްރަލް ޕާކުގެ ތެރެއަށް ވަދެގެން ދާނެ އެވެ.
ޕާކްގައި އަޅާ އިމާރާތްތަކަށް ހޭދަވާ ހަރަދު ނުލައި ޕާކް ޒީނަތްތެރިކުރަން އެކަނި ވެސް 15 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރެ އެވެ.