ދުނިޔެ

ގައުމުތައް ވަކިން ކުރާ އިޚްތިޔާރުތައް ބަލައިނުގަނެވޭ: އީޔޫ

ޕޮލޭންޑާއި ހަންގޭރީން ވަނީ ޔުކްރޭން ގޮވާން ޖޫން މަހުގެ ނިޔަލަށް އެތެރެކުރުން މަނާކޮށްފަ އެވެ. މި ދެ ގައުމުތެ ތެރެއަށް ތިންވަނަ ގައުމެއް -- ބަލްގޭރިއާ އިތުރުވުމަކީ ވެސް ޔޫރަޕިއަން ޔޫނިއަނަށް އޮތް ބިރެކެވެ.

ޕޮލޭންޑާއި ހަންގޭރީގެ މި އިޚުތިޔާރާ މެދު ޔޫރަޕިއަން ޔޫނިއަނުން އޮތީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. މިއީ ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމުތަކަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށްވެސް ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާން ވަނީ ވިދާޅުވެފަ އެވެ.

ޔޫރަޕިއަން ކޮމިޝަނުން ނިންމާ ނިންމުންތަކަށް މެމްބަރު ހުރިހާ ގައުމަކުން ރުހި ތަބާވާންޖެހޭ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ހަންގޭރީ އާއި ޕޮލޭންޑުން ބުނާ ގޮތުން މުޅި ގައުމުގައި މިހާރު އޮތީ ޔުކްރޭންގެ ގޮވާމެވެ. ޔުކްރޭނަށް އެހީވުމުގެ ގޮތުން ޔޫރަޕަށް އުފުލަން ޖެހިފައި އޮތް ބުރައިގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން ދަށްވުމުގެ ބިރު އޮތް ކަމަށްވެސް މި ދެ ދައުމުން ބުނެ އެވެ.

އަނެއްކޮޅުން ދަނޑުވެރިންގެ ހައްގުތަކުގެ ހިމާޔަތުގައިވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހިފައި އޮތް ކަމަށް މި ދެ ގައުމުން ބުނެ އެވެ.

ޔުކްރޭނުން އެތެރެކުރާ ހަކުރާއި ގޮވާމާއި މޭވާ އަދި ތަރުކާރީ މިހާރު ހުންނަނީ ވަރަށް ފެންވަރު ދަށްކޮށް ކަމަށާއި މި ތަކެއްޗާ ހެދި ގައުމުގައި އުފައްދާ ފެންވަރު ރަނގަޅު އުފެއްދުންތައް ނުހިނގުމު ބިރު އޮތް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ބަލްގޭރިއާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު -- ވާލްޑެމާ ބޫޑާ ވެސް ވަނީ މި މައުލޫއަށް ވަދެވަޑައިގެން ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕޮލޭންޑާއި ހަންގޭރީން ކުރި އިޚިތިޔާރަކީ އޭނާގެ ގައުމަށް ވެސް އޮތް ފައިދާ އެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ގޮވާން މަނާކުރެވެން ހުރި މަގުތައް ބަލައި ޕޮލޭންޑާއި ހަންގޭރީ އެ ހިނގާ މަގުގައި ފުރުސަތު އޮތްތޯ ބައްލަވާނެ ކަމަށެވެ.