ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީއާ ގުޅޭގޮތުން އިދިކޮޅުން ދެއްކި ވާހަކަތައް ދޮގުކޮށްފި

ނުފޫޒެއް ނެތް ނަމަ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވި ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަތައް ޕީޖީ އޮފީހުން ދޮގުކޮށްފި އެވެ.

ޕީޖީ އޮފީހުން މިހެން ބުނެފައި މިވަނީ "ނުފޫޒު ނެތްނަމަ ރައީސް ޔާމީން މިނިވަންވާނެ ކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަދެއްކެވި" ކަމަށް ވިދާޅުވެ އަބްދުއްރަހީމް ނޫހަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ.

އަބްދުއްރަހީމުގެ ވާހަކަފުޅަކީ ކަނޑައެޅިގެން ދޮގެއް ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ ޕީޕީއެމްގެ އިސް ބޭފުޅުންނާއި ޕީޖީ ހުސައިން ޝަމީމްއާ އެކު މިއަދު ބޭއްވި ބައްދަލުވުމަކީ ރައީސް ޔާމީންގެ ޝަރީއަތުގެ ކަންކަން ހިނގަމުންދާ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރުމަށް، ޕީޕީއެމް / ޕީއެންސީން އެދިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މިބައްދަލުވުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލަ އަވަހަށް ނިމުމަކީ ޕީޖީ އޮފީހުންވެސް އެދޭ ގޮތް ކަމަށް ޕީޖީ ވިދާޅުވި ކަމަށް އެ އޮފީހުން ބުނެ އެވެ. ނަމަވެސް، މިމައްސަލަ މިހާރުވެސް ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ނުކުތާތައް ލިޔުއްވައި، ހުށަހެޅުއްވުން ލަސްވެފައި އޮތުމުން ކަން ޕީޖީ ފާހަގަކުރެއްވި އެވެ. އެކަމަކު މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަށް ގެންގޮސް، މައްސަލައިގައި އަވަހަށް ހުކުމެއް ކުރުމަށް، ޕީޖީ އޮފީހުން އެއްބާރުލުން ދޭންޖެހޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެ ކަމަށް ޕީޖީ ދެންނެވި ކަމަށްވެސް އެ އޮފީހުން ބުނެ އެވެ.

"ސަރުކާރުގެ ނުފޫޒާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކީ، ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އަމިއްލަފުޅަށް ފައުޅުކުރެއްވި ޝުއޫރެކެވެ. އެކަމަކީ މިއޮފީހުގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމަކަށް ނުވާތީ، އެ ޝަކުވާއާ ގުޅިގެން މިއޮފީހުން ކޮށްދެވޭނެ ކަމެއް ނެތްކަމަށް ދެންނެވި އެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޝަރީއަތުން އޮތީ ހުކުމެއް ކޮށްފައި ކަމަށެވެ. އެ ހުކުމް، މަތީ މަރުހަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، އެ ހުކުމަކީ ސައްޖަ، ގާނޫނީ ބާރު ލިބިގެންވާ ހުކުމެއް ކަމަށް ޕީޖީ ދެންނެވި ކަމަށްވެސް ބަޔާނުގައިވެ އެވެ.

"މިހާލަތުގައި ރައީސް ޔާމީނަކީ ހުކުމް ތަންފީޒުކުރަމުންދާ ގައިދީ އެކެވެ. ގައިދީންގެ ޝަކުވާތައް ބަލައި އިދާރާއަކީ ކަރެކްޝަންސް ސާވިސް ކަމަށްވާތީ، ރައީސް ޔާމީންގެ ބަންދުގެ ހާލަތާ ގުޅޭގޮތުން ހުރި ޝަކުވާތައް، ކަމާބެހޭ އިދާރާތަކަށް ހުށަހެޅުއްވުމަށް ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ." ޕީޖީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.