އެމްއެންޑީއެފް

ސިފައިންގެ އުޅަނދެއް އިންޑިއާއަށް ގެންދިއުމަށްފަހު އާ އުޅަނދެއް ހަދިޔާކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިން ޝިޕް މާލެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ފްލީޓްގައި އޮތް އެންމެ ބޮޑު އުޅަނދު -- ކޯސްޓްގާޑް ޝިޕް ހުރަވީ އަކީ އޭޕްރީލް 16، 2006 ގައި އިންޑިއާ އިން ހަދިޔާކުރި އުޅަނދެކެވެ. އެދުވަހުން ފެށިގެން މިއުޅަނދު ކޮންމެ ދެ އަހަރަކުން ރީފިޓްކޮށް މަރާމާތުކޮށްދެމުން ދިޔައީވެސް އިންޑިޔާގެ ހިލޭ އެހީގަ އެވެ. މިގޮތުން މިހާތަނަށް ހަ ފަހަރެއްގެ މަތިން މިއުޅަނދު އިންޑިއާގެ ނޭވަލް ޑޮކްޔާޑުގައި ރިޕީޓްކޮށް މަރާމާތުކޮށްފައިވެ އެވެ. މީގެއިތުރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށްޓަކައި އިންޑިއާ ސަރުކާރުން 2019 ވަނަ އަހަރު ވަނީ އިތުރު އުޅަނދެއް (ސީޖީ ކާމިޔާބު) ހަދިޔާކޮށްފަ އެވެ.

އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑް ޝިޕް ހުރަވީ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުރަވީގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދާ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި މިކަމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އެހެން އުޅަނދެއް ހަދިޔާކުރީ ކަމަށްވެސް ބުންޏެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި އާ އުޅަނދު ރާއްޖެ އައިސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި އުޅަނދު ރަސްމީކޮށް އެމްއެންޑީއެފާ ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ދެ ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ. މިގޮތުން ކުރިއަށް އޮތް މެއި މަހު މިއުޅަނދު ރަސްމީކޮށް ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި އަދި މިއުޅަނދަށް އައްޔަންކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިން ޕްރޮސީޖާސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ. ދެ ހަފުތާގެ މުއްދަތަށް ރޭވިފައިވާ މި ތަމްރީން ޕްރޮގްރާމް ނިމި ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުން މިއުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީގެ ކުރޫ އަނބުރާ އިންޑިއާ އަށް ދާނެ ކަމުގެ ޔަގީންކަންވެސް އެމްއެންޑީއެފް އިން ދީފައިވެ އެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ މިފަހަރު އިންޑިއާ އިން ހަދިޔާކުރި އުޅަނދަކީ ހުރަވީއަށްވުރެ ބޮޑު، އޮޕަރޭޝަނަލް ގާބިލްކަން އިތުރު، ފަހުގެ އުޅަނދެއް ކަމަށެވެ. މިއުޅަނދު އެމްއެންޑީއެފަށް ރަސްމީކޮށް ހަދިޔާކުރުމާއެކު ކޯސްޓްގާޑު ޝިޕް ހުރަވީ ޑީކަމިޝަން ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.