ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ނޭފަތްދިގު މީހާ އެނގޭތަ؟

ސޯޝަލް މީޑިއާ އަކީ ވަރަށް އާދަޔާޚިލާފު މޮޅު ޚަބަރުތައް ހޯދާ ފަތުރާ އެންމެ ރަނގަޅު ވަސީލަތަށް މިހާރު ވަނީ ވެފަ އެވެ. މިފަހަރު ސޯޝަލް މީޑިއާގައި މީހަކު ޝެއާ ކުރި ޕޯސްޓެއްގައި މިހާތަނަށް ދުނިޔެއަށް އުފަންވި އެންމެ ނޭފަތްދިގު މީހާގެ މައުލޫމާތު ހިއްސާ ކޮށްފައި ވެއެވެ. ފާއިތުވީ 300 އަހަރު ތެރޭގައި ވެސް މި މީހާގެ ރެކޯޑް މުގުރާލެވިފައެއް ނުވެ އެވެ.

ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްގައި ވެސް މި މީހާގެ ވާހަކަ ހިމެނެ އެވެ. މި މީހާގެ ވެކްސް ސްޓެޗޫއެއް (ބުދެއް) ލަންޑަން މިއުޒިއަމެއްގައި މިހާރުވެސް ހުންނަ ކަމަށް ވެއެވެ.

ދުނިޔޭގައި މިހާތަނަށް އުފަންވީ އެންމެ ނޭފަތް ދިގު މީހާގެ ރެކޯޑް އޮތީ ތޯމަސް ވެޑްހައުސް އަށެވެ. ޓުވިޓާގައި މި ޕޯސްޓް ޝެއާކުރި މީހާ ވަނީ ތޯމަސްގެ ފޮޓޮއެއް ވެސް ޝެއާ ކޮށްފަ އެވެ.

ތޯމަސް އަކީ 18 ވަނަ ގަރުނުގައި ދުނިޔޭގައި އުޅުނު މީހެކެވެ. އޭނާއަކީ ޗަރުކޭސް ކުޅޭ ތަންތަނުގައި ޕާފޯމް ކުރަން އުޅުނު ސާކަސް ޕާފޯމާ އެކެވެ. އޭނާގެ ނޭފަތުގެ ދިގުމިނުގައި 7.5 އިންޗި ހުއްޓެވެ.

ގިނިސް ވޯލްޑް ރެކޯޑްސް ވެބްސައިޓްގައި ތޯމަސް އަށް ޚާއްސަކޮށްފައިވާ ޕޭޖެއް ވެއެވެ. މި ޕޭޖްގައިވާ މައުލޫމާތުގައިވާ ގޮތުން 1770ގެ އަހަރުތަކުގައި ދުނިޔޭގައި އުޅުނު ތޯމަސް އަކީ އިންގްލެންޑް މީހެކެވެ. އަދި ތޯމަސްގެ ބޮލުގެ ސިފަޔަށް ހަދާފައިވާ ވެކްސް ބުދެއް ލަންޑަންގެ "ރިޕްލޭޒް ބިލީވް އިޓް އޯ ނޮޓް މިއުޒިއަމް"ގައި ޑިސްޕްލޭ ކޮށްފައި ހުރިކަމަށް ވެސް މި ޕޭޖްގައި ވެއެވެ.

މިހާރު ދުނިޔޭގައި ހުރި އެންމެ ނޭފަތްދިގު ފިރިހެން މީހާގެ ރެކޯޑް އޮތީ ތުރުކީގެ މެހްމެޓް އޮޒުރެކް އަށެވެ. ގިނިސް ވޯލްޑް ރެކޯޑްސް އިން މީގެ ދެ އަހަރު ކުރިން ވަނީ މެހެމަޓްގެ ރެކޯޑް ޔަގީންކޮށްދީފަ އެވެ. މެހެމަޓްގެ ނޭފަތުގައި ހުންނަނީ 3.46 އިންޗި އެވެ.