ހުރަވީ ސްކޫލު

ހުރަވީ ސްކޫލަށް 3،000 ދަބަސް ފަހައިދޭނެ ބަޔަކު ހޯދަނީ

ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ސްކޫލު -- ހުރަވީ ސްކޫލަށް 3،000 ދަބަސް ފަހައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ،

ސްކޫލުން އަވަސް އަށް މައުލޫމާތު ދިން ގޮތުގައި މިހާ ގިނަ އަދަދެއްގެ ދަަބަސް ހޯދަނީ ކުރިއަށް އޮތް ކުޑަކުދިންގެ ދުވަސް ފާހަގަކުރާށެވެ. އަދި އެއީ ބެލެނިވެރިންގެ ހުށަހެޅުމަކާ ގުޅިގެން ކުރާ ކަމެއް ކަމަށްވެސް ބުންޏެވެ.

އެހާ ގިނަ ދަބަސް ބޭނުންކުރާ ވަކި ސަބަބެއް ސްކޫލުން ބުނެފައެއް ނުވެ އެވެ.

ދަބަސް ފަހައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަން ފުރުސަތު ދީފައިވަނީ މާދަމާގެ ނިޔަލަށެވެ.

މިމަސައްކަތް ކުރަން ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ވިޔަފާރި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ހުޅުވި ހުރަވީ ސްކޫލުގައި މިހާރު ގާތްގަނޑަކަށް 2،000 އެއްހާ ދަރިވަރުން ކިޔަވަ އެވެ.

ހުޅުމާލޭގައި މީހުން އާބާދުވާ ވަރު އިތުރުވާތީ ހުރަވީ 54 ކްލާސް ރޫމު ހުންނަ ސްކޫލަށް ކުރިއަށް އޮތް ދުވަސްތަކުގައި ބައެއް ކަހަލަ ދަތިތައް ކުރިމަތިވެދާނެ ކަމަށް އެ ސްކޫލުގެ ބައެއް ބެލެނިވެރިން ބުނެ އެވެ.