ރައީސް އަބްދުﷲ ޔާމީން

ވާހަކަދައްކަވަން ކޯޓުން ފުރުސަތު ނުދިނުމުން ޔާމީން ނުރުހިއްޖެ

ރ، ފުއްގިރި މައްސަލައިގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާ މެދު ބަހުސްކުރަން ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްވަން ފުރުސަތު ލިބިވަޑައިނުގަތުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުރުހުން ފާޅުކުރައްވައިފި އެވެ.

ރައީސް ޔާމީން ވާހަކަދައްކަވަން ބޭނުންވި މައްސަލައިގައި ކްރިމިނަލް ކޯޓުން މީގެކުރިން އޮތީ ގޮތެއް ނިންމަވާފަ އެވެ. އެގޮތުން ފުއްގިރި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިން ބެއްލެވި އެ ކޯޓުގެ ކުރީގެ އިސް ގާޒީ އަދި ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު އަހްމަދު ޝަކީލް ނިންމެވީ ރައީސް ޔާމީންގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މައްސަލައާއި މިހާރު ހަވާލުވެވަޑައިގެން ހުންނެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމު ވެސް ނިންމަވާފައިވަނީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ގާޒީ ޝަކީލް މައްސަލަ ކުރިން ކުރިއަށް ގެންދިޔަ ހިސާބުން މައްސަލަ ކުރިއަށް ގެންދިއުމަށްވެސް ގާޒީ ނަދީމު ވަނީ ނިންމަވާފަ އެވެ.

ގާޒީ ނަދީމުގެ މި ނިންމެވުމާ ގުޅިގެން މިއަދު އޮތް އޮންލައިން ޝަރީއަތުގައި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެބޭފުޅުންގެ ބަހެއް ނެތި ނިންމަވާފައިވާތީ އެކަމުގައި ވާހަކަދެއްކެވުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅުމުގެ ކުރިން އެކަމުގައި ވާހަކަދެއްކެވުމަށް ރައީސް ޔާމީން ވެސް އެދިވަޑައިގެންނެވި އެވެ. ރައީސް ޔާމީން ވިދާޅުވީ ދައުވާ ލިބޭ މީހާގެ ކުށެއް ނެތް ކަން ޔަގީންކޮށްދިނުމަށްޓަކައި އެއީ ވާހަކަދެއްކުމަށް ލިބޭ އަސާސީ ހައްގެއް ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނުދެއްވުމަށް ގާޒީ ނަދީމު ނިންމަވާފައިވާތީ އެކަމާ ނުރުހުން ފާޅުކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިއަދު ކޯޓުތަކުން ފެންނަނީ އެކި ބޭފުޅުންނާ މެދު އެކި ގާޒީން އެކި ގޮތަށް އަމަލުކުރައްވާ މަންޒަރު ކަމަށެވެ.

ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާގެ ދިފާއީ ހެކިން ސިއްރުކުރަން ދައުލަތުން އެދުމުން ކްރިމިނަލް ކޯޓުން ވަނީ ދިފާއީ ހެކި ސިއްރުކޮށްދީފަ އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ދަށު ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރެއްވުމުން ހައިކޯޓުން ވެސް ނިންމީ ދައުލަތުގެ ދިފާއީ ހެކި ސިއްރުކުރުމަށެވެ. ނަމަވެސް ދައުލަތުގެ ދިފާއީ ހެކި ސިއްރުކުރަން ދަށު ކޯޓުން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކޮށްދިނުމަށް ޔާމީން މިއަދު އެދިވަޑައިގެންނެވި އެވެެ.

ދައުލަތުގެ ދިފާއީ ހެކި ރައްކާތެރިކޮށްދިނުމަށް ދަށު ކޯޓާއި ހައިކޯޓުން ނިންމުމާ ގުޅިގެން ރައީސް ޔާމީން ވަނީ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމަވާފަ އެވެ.

ފުއްގިރީގެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅުއްވަންޖެހޭ ހުށަހެޅުއްވުންތަކެއް ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމުމުން ރައީސް ޔާމީންގެ ފަރާތްޕިުޅުން އެ މައްސަލަ ވެސް މީގެކުރިން ހައިކޯޓުގައި އިސްތިއުނާފް ކުރެއްވި އެވެ. ނަމަވެސް ހައިކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅާފަ އެެވެ.

ފުއްގިރި މައްސަލައިގެ ހުލާސާ

ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.17 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.

ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީނާއި މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ބިޑަކަށް ނުގޮސް ފުއްގިރި ކުއްޔަށް ދިނީ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް އަށެވެ. މިކުންފުނީގެ އަޑީގައި ތިބީ އިންޑިއާގައި ފާހަގަކުރެވޭ ދެ ވިޔަފާރިވެރިން ކަމުގައިވާ އަވިނާޝް ބޮސާލޭ އާއި އަމިތު ކުމާރު ގާންދީ ކިޔާ ދެ މީހުން ކަމަށް ކޮރަޕްޝަންގެ މައުލޫމާތު ހާމަކުރާ ޕެންޑޯރާ ޕޭޕާސްގެ ލިޔުންތަކެއްގައި ބުނެފައިވެ އެވެ.

ރައީސް ޔާމީން މިވަގުތުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ. މިމައްސަލަ ވެސް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެއްވޭނެ އެވެ.