މީހުން

އަލް މަންފީ: ލީބިއާއަށް ހަމަޖެހުން ގެނައުމުގެ އުއްމީދުގައި

ލީބިއާގެ ޕްރެޒިޑެންޝަލް ކައުންސިލްގެ ޗެއާމަން ކަމަށް މުހައްމަދު ޔޫނުސް އަލް މަންފީ ވަޑައިގެންފައިވަނީ ފެބްރުއަރީ 5، 2021 ގައެވެ.

ޒުވާން އަލް މަންފީ އުފަންވެވަޑައިގެންފައިވަނީ ލީބިއާގެ ޠުބްރުގް ގައި މާޗް 3، 1976 ގައެވެ. އެމަނިކުފާނު މަތީތައުލީމު ހާސިލް ކުރައްވާފައިވަނީ އިރުމަތީ ލީބިއާގެ ޠުބްރުގް ޔުނިވަސިޓީ ގައެވެ.

އަލް މަންފީ ފާހަގަކުރެވިފައިވަނީ ލީބިއާގެ ޑިޕްލޮމެޓިކް ދާއިރާ އިންނެވެ. އެމަނިކުފާނަކީ ލީބިޔާ އިން ގްރީސް އަށް 2018 އިން 2019 އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ. އެ މުއްދަތުގައި ލީބިއާގައި އޮތް ނެޝަނަލް ގަވަރުމަންޓް އެކޯޑްގެ ވަގުތީ ސަރުކާރާއި ގްރީސް އާއި ދެމެދު އުފެދުނު މައްސަލާގައި އަލް މަންފީ ވަނީ އެނބުރި ލީބިއާއަށް ވަޑައިގެންފަ އެވެ. ސަބަބަކަށްވީ ތުރުކީ އާއި ގްރީސްގެ ދެމެދުގެ މެރިޓައިމް ބައުންޑްރީގެ މައްސަލަ އުފެދިފައިވާ ސަރަހައްދުގައި އޮންނަ ކްރީޓް ރަށުން ތެޔޮ ނެގުމުގެ ދިރާސާ ހެދުމަށް ތުރުކީން ނިންމި ނިންމުމަށް ލީބިއާ އިން ތާއީދު ކުރުމެވެ.

ލީބިއާގެ އޮފީސް އޮފް ދި ޕްރެޒިޑެންޝަލް ކައުންސިލްގެ ޗެއާމަން ކަމުގެ މަގާމަށް ވަޑައިގެންފައިވާ އަލް މަންފީ ވަނީ ލީބިއާގެ ރައީސް ކަމަށް ޖޮއިންޓް ޓިކެޓްގައި އަބްދުލް ހާމިދު އަލް ދަބާއިބް ބޮޑުވަޒީރު ކަމަށް އިންތިހާބަށް ކުރިމަތިލައްވާފަ އެވެ. އަލް މަންފީ ލީބިއާގެ ރައީސް ކަމަށް ހޮވިވަޑައިގަތީ ލީބިއާގެ ސިޔާސީ ހަމަނުޖެހުމާއި ހެދި ބޭއްވުނު އިންތިހާބުގެ ނަތީޖާ ސިއްރުކުރުމަށްފަހު އެވެ.

އަލް މަންފީ އދގެ ޖެނެރަލް އެސެމްބްލީގައި އެއަހަރު ފަހުކޮޅު ވިދާޅުވެފައިވަނީ ލީބިއާ ވަނީ ތާރީހީ ގޮތުން ވަރަށް ނާޒުކު ހަތަރު އަނގޮޅިއަކަށް އާދެވިފައި ކަމަށެވެ. އެގޮތުން ލީބިއާގެ ޑިމޮކްރެޓިކް މުއައްސަސާތައް އަލުން ބިނާ ކުރުމުގެ މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އަދި ލީބިއާގައި ހިންގަމުންދާ ދާހިލީ ހަމަނުޖެހުން ހުއްޓުވުމަށްޓަކައި އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކާއި އެއްގޮތްވާ ގޮތުގެމަތިން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ހަމައެހެންމެ ލީބިއާގައި ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށް ގައުމީ އެއްބައިވަންތަކަން ގެނެވޭނެ ފަދަ ސިޔާސީ މަޝްވަރާތައް ކޮންމެހެން ބޭނުންވާ ކަމުގައިވެސް އަލް މަންފީ ގަބޫލުކުރައްވަ އެވެ.

ލީބިއާ އަކީ ކުރިން އިގްތިސޯދީގޮތުން ބާރުގަދަ އަދި ތަރައްގީގައި ކުރިއެރުން ހޯދަމުން ރައްޔިތުން ހިތްހަމަޖެހުމާއެކު އުޅެމުން އައި އަރަބިންގެ އެއްބައިވަންތަ ކަމަށް މަސައްކަތް ކުރި ގައުމެކެވެ. ލީބިއާގެ އޭރުގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީއާ ދެކޮޅު ފަރާތްތަކުން 2011 ގައި ގައްޒާފީއާ ދެކޮޅަށް ނިކުތުމުގެ ނަތީޖާއަކީ ބޭރުގެ ބާރުތައް ލީބިއާއަށް އަރައިގަނެ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް އެ ގައުމު ވައްޓާލައި އޮކްޓޯބަރު 20، 2011 ގައި ގައްޒާފީ އަވަހާރަކޮށްލުމެވެ. މި ހަމަނުޖެހުންތަކުގައި ލީބިއާ ވަނީ މުޅީން ސުންނާފަތިވެ ވީރާނާވެފަ އެވެ. އަދި އޭރުއްސުރެ ލީބިއާ ވަނީ ދާހިލީ ހަނގުރާމައެއްގެ ވަޅުގަނޑަކަށް ވެއްޓިފަ އެވެ.

ލީބިޔާގައި އޮތް ސިޔާސީ ހަމަނެޖުހުން ހައްލުކުރައްވައި ލީބިއާ ނަގައި ކޮޅަށް ޖެހުމަށް ޒުވާން އަލް މަންފީ އަށް އިންތިހާއަށް ގިނަ ގޮންޖެހުންތައް ގިރާކުރެވެނީ ކިހާވަރަކަށްތޯ ބެލުމަށް ލީބިއާގެ ރއްޔިތުން މިވަގުތު ޖެހެނީ ކަންބޮޑުވުމާއި ހާސްކަމާއެކު އިންތިޒާރު ކުރާށެވެ.