ރިޕޯޓް

ނަޝީދާއެކު އަމާލް އަދާ ކުރަނީ ވަކީލެއްގެ ޒިންމާތަ؟

ރާއްޖޭއާއި އަދި ބައިނަލްއަގްވާމީ ދުނިޔޭގެ މިހާރު އެންމެ ގިނައިން ދެކެވޭ އެއް ވާހަަކައަކީ މަޝްހޫރު ފިލްމީ ތަރި ޖޯޖް ކްލޫނީގެ އަނބިކަނބަލުން އަދި އިންސާނީ ހައްގުތައް ކަށަވަރު ކުރަން ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްކުރާ ވަކީލު އަމާލް ކްލޫނީ، ކުރީގެ ރައީސް ނަޝީދުގެ ވަކީލުންގެ ޓީމާއި ގުޅި ވަޑައިގެން ކުރައްވާ މަސައްކަތުގެ ވާހަކައެވެ. އެފަދަ ފަރާތްތައް ގަބޫލު ކުރާ ގޮތުން އަމާލް ކްލޫނީ މަސައްކަތް ކުރަނީ ކުރީގެ ރައީސް ނަޝީދަށް "ނުހައްގުން" ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުން ބާތިލުކޮށް ނަޝީދު އަލުން މިނިވަން ކޮށްދިނުމަށެވެ.

ޒިންމާދާރު ހުރި ވަކީލެއްގެ ޒިންމާއަކީ އެ ވަކީލަކު ތަމްސީލުކުރާ މީހެއް ދިފާއުކޮށް މައްސަލާގައި ކުރި ހޯދުމެވެ. އަމާލް ކްލޫނީ އަވަދި ނެތި މަސައްކަތް ކުރަމުން ދަނީ ނަޝީދަކީ ކުށްވެރިއެއް ނޫން ކަމަށް ބައިނަލްއަގްވާމީ ދުނިޔެއަށް ދައްކައި ދޭށެވެ. އަދި މިއީ ރައީސް އަބްދުﷲ ޔާމީން ޒާތީ ހަސަދައެއް ފިލުވައިލުމުގެ ގޮތުން ކުރެއްވި ކަމެއްގެ ގޮތުގައި މަންޒަރު ސިފަކޮށްދޭށެވެ. މީގެ އިތުރުން އަމާލްވަނީ އެތަކެއް ފަހަރެއްގެ މަތިން ރާއްޖޭގެ ޖުޑިޝަރީގެ ކޮރަޕްޓުކަމާއި ރައީސް ޔާމީނުގެ "އަނިޔާވެރިކަން" މުޅި ދުނިޔެއާއި ޚިއްސާ ކޮށްފައެވެ.

ރަނގަޅެވެ. ވަކީލެއްވެއްޖެއްޔާ އޭނާ ތަމްސީލު ކުރާ މީހާ ދިފާއުކުރަން މަސައްކަތް ކުރަން ޖެހޭނެއެވެ. ނަމަވެސް ހައިރާން ވާ ތަންކޮޅަކީ ކޯޓަށް ހުށައެޅިފައި ނުވާ މައްސަލަ ތަކެއްގެ ވާހަކަ ދައްކާތީ އެވެ. ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ހިސާބަށް ދާތީއެވެ.

އަމާލް ކްލޫނީގެ އަމަލުތައް މިހެން ބެހެއްޓުމުން ވަރަށް ގިނަ ސުވާލުތަކެއް އުފެދެއެވެ. ފުރަތަމަ އުފެދެނީ ރައީސް ނަޝީދު އިސްތިއުފާ ދިން ދުވަހާއި "ނުހައްގުން" ލިބުނު ކަމަށް އަމާލް ވިދާޅުވާ ޓެރަރިޒަމް ގެ ހުކުމުގެ ސުވާލެވެ.

އަމާލް ވިދާޅުވާ ގޮތުގައި ރަޢީސް ނަޝީދުގެ ވެރިކަން "ވައްޓާލީ" އެވެ. އެއީ ގަދަބާރުން ބަޑި ޖައްސާ ބިރުދައްކައިގެން ނަޝީދު ގެ ވެރިކަން ވައްޓާލި ވައްޓާލުމެކެވެ. އަމާލް އާންމުކޮށް ވިދާޅުވަނީ ރާއްޖޭގެ ވެރިންގެ ކޮރަޕްޝަނުން އޮޅުވާލައިގެން ނަޝީދު ލައްވާ އިސްތިއުފާ ދެއްވީއޭ އެވެ.

ނަމަވެސް ސިންގަޕޫރުގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑީޔާރަކާއި، ހިއުމަން ރައިޓްސް ޕްރޮފެސަރެއް އިންނެވި ކޮމިޓީއަކުން ނިންމެވީ ނަޝީދު އިސްތިއުފާ ދެއްވީ ކަމަށެވެ. ބަޣާވާތެއް ނެތް ކަމަށެވެ. ނަމަވެސް އަމާލް ކްލޫނީގެ ވާހަކަތައް ބައްޓަން ކޮށްފައި ވަނީ މުޅިން ތަފާތުކޮށެވެ.

މިވާހަކައިގެ ތެރެއަށް ވަދެގެން ދާއިރު، ޢަމާލް ކްލޫނީ ހާސިލް ކުރަން އުޅޭ މަގްސަދަކީ ކޮބައިތޯ ސުވާލު އުފެދެ އެވެ.

ވަކީލަކު މައްސަލައަކުން މޮޅުވާން ދިފާއު ކުރާ މީހާގެ ކުށެއް ނެތްކަމަށް ދައުވާ ކުރުން އެއީ ދުނިޔޭގެ ހުރިހާ ވަކީލުންވެސް ކުރަމުން އަންނަ ކަމެކެވެ. އެކަމަކު ބައިނަލްއަގްވާމީ ދުނިޔެ ބައިވެރިވެގެން ހިންގި ތަހުގީގެއް ބަލައި ނިންމާ، ދުނިޔެއިން އެ ކޮމިޝަނުން ނިންމި ނިންމުން ގަބޫލު ކުރުމަށްފަހު ނިކުމެ އޭގެ އިދިކޮޅަށް މީޑިޔާއާއި ޚިއްސާކޮށް ޕްރޮޕެގެންޑާ ޓޫލް އެއް ގޮތައް ބޭނުން ކުރުން މިއީ ވަކީލެއްގެ ޒިންމާ އަދާ ކުރުންހެއްޔެވެ؟

އަމާލް ކްލޫނީ ގެންދަނީ އޭނާގެ މަޝްހޫރު ކަމުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަމުންނެވެ. އެކަމަކު އެއީ ވަކީލެއްގެ ޒިންމާ އަދާ ކުރުމުގެ މާނަކަން މީހުންނަށް އިނގޭނީ ކިހިނެއްހެޔެވެ؟

އަމާލް ކްލޫނީގެ އަމަލުތަކަށް ވެސް ފާޑު ކިޔާނެ މީހުންތިބޭނެ އެވެ. އޭގެ ތެރެއިން އެކަކު އެއީ ވެސްޓާން ޔުނިވާސިޓީ އޮފް ސިޑްނީގެ ޑރ. މައިކަލް ކެނެޑީއެވެ. ކެނެޑީ ގަބޫލު ކުރައްވާ ގޮތުގައި ރައީސް ނަޝީދުވަނީ ގާނޫނާއި ޚިލާފަށް ފަނޑިޔާރަކު ހައްޔަރުކޮށް ފުލުހުންގެ ބާރުތަކަށް އަޅާނުލައްވާ ސިފައިން ލައްވާ ނަހަމަ ގޮތުގައި ބާރު ބޭނުން ކުރުވާފައެވެ. މިއީ ރައީސް ނަޝީދު ކުރެއްވުނު ކުށެއް ކަމުގައި އަމިއްލަފުޅަށް އިއުތުރާފުވެސް ވެވަޑައިގެންފަ އެވެ.

ކެނެޑީ ގަބޫލު ކުރައްވާ ގޮތުގައި ނަޝީދާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމުން "އިކޮނޮމިކެ ސެންކްޝަންސް" އަށް ގޮވުމަކީ އާދައިގެ ދިވެހި ކޮންމެ ރައްޔިތަކު ހާލުގަ ޖެހޭނެ ކަމެކެވެ. މި ދެންނެވި ނަޒަރުން ވިސްނާލައިފި ނަމަ އަނެއްކާވެސް ވަކީލެއްގެ ޒިންމާއާއި މެދު ސުވާލު އުފެދެ އެވެ. އެންމެ މީހެއް ސަލާމަތް ކުރަން، ނުވަތަ އެންމެ މައްސަލައަކުން މޮޅުވާން އެތަކެއް ހާސް ބަޔަކަށް ގެއްލުންވާ ގޮތަށް އަމަލު ކުރުން ހަމަ ލާޒިމްހެއްޔެވެ؟ މިހުރިހާ ވާހަކައެއް ލިޔުމުންވެސް ޖަވާބެއް ނުލިބެ އެވެ. ގިނަވަނީ ސުވާލެވެ. މި އަދާ ކުރެވެނީ ޕަބްލިސިސްޓެއްގެ މަގާމު ހެއްޔެވެ؟ ނުވަތަ ވަކީލު ކަން ކުރުމުގެ އަސްލު ނޭނގެނީބާއެވެ؟