ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރުހާން ސޫރިއާއަށް ވަޑައިގެން ވެރިރަށް ދިިމިސްގުގައި އެ ގައުމުގެ ރައީސް ބައްސާރުލް އަސަދާ ބައްދަލުކުރައްވައިފި އެވެ.
ފައިސަލް ބިން ފަރުހާން ސޫރިއާއަށް ވަޑައިގެން މި އުޅުއްވަނީ 2011 އިން ފެށިގެން ސޫރިއާގައި ކުރަމުން އަންނަ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް ދެމެހެއްޓެނިވި ސިޔާސަތެއް ކަނޑައެޅުމަށް އަސަދަށް ބާރުއެޅުއްވުމަށެވެ.
ސޫރިއާ އަކީ ކުރިން އަރަބި ލީގުގައި އޮތް ގައުމެކެވެ. އެހެންނަމަވެސް އެ ގައުމުގައި ހިނގަމުންދާ ނިމުމެއް ނެތް ދާޚިލީ ހަނގުރާމައާ ގުޅިގެން އަރަބި ސަފުން ސޫރިއާ އޮތީ ބާކީކޮށްފަ އެވެ. އެކަމަކު، ސައޫދީން މިހާރު ބޭނުންވަނީ މި މައްސަލަތަކަށް ސިޔާސީ ހައްލެއް ހޯދައި އަރަބި މުޖުތަމައުގައި ސޫރިއާއަށް އޮތް ފުރުސަތަށް ރުޖޫއަކުރާށެވެ.
ސޫރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ސައޫދީ ސަރުކާރުގެ އިސް އޮފިޝަލަކު ސީރިއައަށް ވަޑައިގެންފައެއް ނުވެ އެވެ. އެހެންކަމުން ފައިސަލް ބިން ފަރުހާންގެ މި ދަތުރަކީ ތާރީޚީ ދަތުރަަކަށް މިއޮތީ ވެފަ އެވެ.
އަސަދާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ ސޫރިއާގެ ހުރިހާ ދިމާއަކަށް އެހީ ފޯރުކޮށްދެވޭނެ ނިޒާމެއް ސަރުކާރުން ގާއިމުކުރަންޖެހޭ ކަމަށެވެ. އަދި ހަނގުރާމައާ ހެދި ގައުމަށް އެނބުރި އާދެވެން ނެތް ސީރިއާގެ ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމުކޮށްދޭ ޖެހޭ ކަމަށެވެ.
ސައުދީއާ އެކު ގާތް ގުޅުމެއް އޮތުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އަސަދު ވިދާޅުވީ ދެ ގައުމުގެ ގުޅުން ރަނގަޅުވުމަކީ އަރަބި ދުނިޔެއަށްވެސް އޮތް އުފަލެއް ކަމަށެވެ.
ސޫރިއާ އަރަބި ސަފަށް އިއާދަކުރުމަށް ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މަޝްވަރާތައް ފެށިގެން ކުރިއަށްދާއިރު މިދާކަށް ދުވަހު ސޫރިއާގެ ފޮރިން މިނިސްޓަރު ވެސް ވަނީ ސައޫދީއަށް ވަޑައިގެންފަ އެވެ.
ސޫރިއާގެ ހާލަތު ބަދަލުކުރުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް ފައިސަލް ބިން ފަރުހާން، ސޫރިއާއަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވި އެވެ. އަދި ސައޫދީ އޮތީ އެ ވިސްނުމުގައި ކަމަށްވެސް ވިދާޅުވި އެވެ.