ދުނިޔެ

ޔަމަނުގެ ވެރިރަށް ސަންއާގައި ފިތިގެން ގިނަ ބަޔަކު މަރުވެއްޖެ

ޔަމަންގެ ވެރިރަށް ސަންއާގައި އެހީ ހޯދަން ގިނަ ބަޔަކު އެއްފަހަރާ އެއްތަނަކަށް ޖަމާވުމުގެ ސަބަބުން ފިތި ބާރުވެގެން 80 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ސަންއާގެ އިރުމަތީގައި އޮންނަ ބާބް އަލް ޔަމަން ސަރަހައްދުގެ މައި ސްކޫލުއްގަ އެވެ.

މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި 120 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޔަމަންގެ މި ސަރަހައްދަކީ ހޫސީ ބާޣީންގެ ބާރު އޮންނަ ސަރަހައްދެކެވެ.

ޚަބަރުތައް ބުނާ ގޮތުން މަރުވި މީހުންގެ އަދަދު އަދި އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އަނިޔާވެގެން ފަރުވާންދޭން ޖެހިފައިވާ މީހުންގެ ތެރޭގައި ހާލު ސީރިއަސް 20 މީހަކު ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝެއާކޮށްފައި ހުރި ވީޑިއޯ ކްލިޕްތަކުން ފެންނަނީ ބައިބޯ ސަރަހައްދެއްގައި ތިބި ބަޔަކު ކުއްލިއަކަށް ތެޅިގަންނަ މަންޒަރެވެ. އެއްޗެއް ގޮވައިގެން ބަޔަކު ސަލާމަތްވާން ތެޅިގަންނަ ގޮތަށެވެ. އެއާ އެކު ގިނަ ބަޔަކު ބިމުން މައްޗަށް އުފުލި އަރައި ބޯމަތީގައި އޮޔާދާތަން ފެނެ އެވެ.

މަންޒަރު ދުށް މީހުން މީޑިއާތަކަށް ކިޔައިދިން ގޮތުގައި ހާލަތު ބަދަލުވީ އެއްވެ ތިބި މީހުން ސަމާލުކުރުވަން ހޫސީ ހަނގުރާމަވެރިން ވައިގެ ތެރެއަށް އެއްޗެއް ގޮއްވާލުމުންނެވެ. އަދި އެއްޗެއްގެ ސަބަބުން ކަރަންޓް ކޭބަލެއް ޝޯޓުވުމުގެ ސަބަބުންނެވެ.

މިކަމާ ގުޅިގެން ހޫސީންގެ ދެ މީހަކު ތަހުގީގަށް ހައްޔަރުކޮށްފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ޔަމަނުގެ ވިޔަފާރިވެރިން ފަގީރުންނަށް ތަކެތި ބެހުމަކީ އާދައެކެވެ. އަދި ޚާއްސަކޮށް ރޯދަމަހާ ދިމާކޮށް ސަދަގާތްކުރުން ގިނަ އެވެ. މިއިން ކޮންމެ ފަހަރަކު ވެސް އެތައް ހާސްބަޔަކު އެހީ ހޯދަން އެއްވާ ކަމަށްވެ އެވެ. އެހެން ނަމަވެސް، ހިތާމަވެރި ހާދިސާއެއް ނުހިނގައި އެހީގެ ކަންތައްތައް ނިމިގެންދެ އެވެ.

ޔަމަނުގައި ސަރުކާރު ސިފައިންނާއި ހޫސީ ހަތިޔާރު އެޅި ހަނގުރާމަވެރިންނާ ދެމެދު 2014 އިން ފެށިގެން ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.

ޔަމަނުގެ ވެރިކަން ހޯދަން ހޫސީ ބާޣީން ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމަށް 2015 ގައި އަރަބި ކޯލިޝަނުން ހަލަމާދޭން ފެށުމުން ހާލަތު އިތުރަށް ވީ ގޯހެވެ. އެހެންނަމަވެސް ޔަމަންގެ ހާލަތު ހަމައަކަށް އެޅުވުމަށް އަރަބި އެކުވެރި ގައުމުތަކުން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.