ދީން

އިޖުތިމާއީ އަހްލާގިއްޔާތުގެ ސިފަތައް

Apr 5, 2024

އިސްލާމްދީނަކީ މަތިވެރި އަހްލާގުގެ ދީނެވެ. އިސްލާމްދީނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ދީނެވެ. އިސްލާމީ މުޖުތަމައެއްގައި ހުރިހައި މަތިވެރި އަހްލާގީ ސިފަތައް ފެންނަން ހުންނަން ވާނެއެވެ. ނިފާގުކަމުގެ ހުތުރު ސިފަތަކުން އެއްކިބާވެފައިވާ މުޖުތަމައަކަށް އެ މުޖުތަމައުވުން ލާޒިމެވެ.

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ވަނީ ނިފާގުކަމުގެ ސިފަތަކަކީ ކޮބައިކަން ބަޔާންކޮށްދެއްވައި އެކަމުން ދުރުވުމަށް މުއުމިނުންނަށް ވަސިއްޔަތް ކުރައްވާ ބާރުއަޅުއްވާފަ އެވެ. މުނާފިގުންގެ ސިފަތަކުގެ ތެރޭގައި އެންމެ ފާޅުކަން ބޮޑު ސިފަތަކަކީ ދޮގު ހެދުމާއި، އަމާނާތަށް ހިޔާނާތްތެރިވުމާއި، ވައުދާ ހިލާފުވުމެވެ.

ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި އަދި ވައުދަށް ކަމޭހިތުމަކީ އިޖުތިމާއީ އަހްލާގިއްޔާތުގެ އެންމެ މުހިއްމު ރުކުންތައް ކަމަށްވެސް ބުނެވިދާނެ އެވެ. މި ދެންނެވި ސިފަތަކާ ބެހޭގޮތުން އައިސްފައިވާ އާޔަތްތަކާއި ވާރިދުވެފައިވާ ހަދީޘްފުޅުތައް ގިނަގުނަ އެވެ.

ދޮގު ހެދުމުގެ ނުބައިކަމާއި އެއީ މުއުމިނެއްގެ ގައިގައި ހުރެގެން ވާނޭ ސިފައެއް ނޫން ކަން ވަރަށް ރަނގަޅަށް ބަޔާންކުރައްވާފައި ވެއެވެ. ތެދުވެރިވުމުގެ މާތްކަމާއި، ތެދުވެރިންގެ މަތިވެރިކަން ބަޔާންކުރައްވާފައި ވެއެވެ. އަދި ހިޔާނާތްތެރިކަމުގެ ނުބައިކަމާއި އަމާނާތްތައް އޭގެ އަހުލުވެރިންނާ ހަވާލުކުރުމުގެ މުހިއްމުކަމާއި، ގިޔާމަތުގެ އަލާމާތުގެ ތެރޭގައި އަމާނާތް އޭގެ އަހުލުވެރިން ނޫން މީހުންނާ ހަވާލުކުރެވިގެން ދިޔުން ހިމަނުއްވާފައި ވެއެވެ. ވައުދާއި އަހުދަށް ވަފާތެރިވުމުގެ މަތިވެރިކަމާއި އަދުއްވުންނާ މެދު ވެސް އެ ސިފަތައް ދަމަހައްޓައި އަދުލުވެރިވުމަށް އަމުރުކުރައްވާފައި ވެއެވެ.

ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން މިއާ އިދިކޮޅު މަންޒަރުތަކެއް ފެނިގެންދާ ކަމީ ނިހާޔަތަށް ހިތާމަ ހުރި ކަމެކެވެ. މުޖުތަމައުން ފެނިގެން ދަނީ މަކަރާއި ހީލަތާއި އޮޅުވާލުމެވެ. ނުއުފުލޭވަރުގެ އަމާނާތްތަކާ ހަވާލުވުމާއި ހަވާލުކުރުމެވެ. ހިޔާނާތްތެރިވުމެވެ. ދޮގު ހެދުމެވެ. މީސްތަކުންގެ މުދާ ނުހައްގުން ކެއުމެވެ. މީސްތަކުންގެ އަބުރާއި އައްޒަތް ނަގައިލުމެވެ. މީހުންގެ މަސް ރޮލައި ކެއުމެވެ.

ސުވާލަކީ، މިއީ އިސްލާމީ މުޖުތަމައެއްގައި މިކަން އޮންނަން ޖެހޭ ގޮތްތޯ އެވެ؟ އަޅުގަނޑުމެންގެ ތެދުވެރިކަން ކޮބައިތޯ އެވެ؟ އަޅުގަނޑުމެން މާތް ﷲއަށް ބިރުވެތިވާން ޖެހޭ ޖެހުން ކޮބައިތޯ އެވެ؟ އަޅުގަނޑުމެން އާހިރަތަށް އީމާންވާ ވުން ކޮބައިތޯއެވެ؟ އާހިރަތެއް ނެތީތޯ އެވެ؟ ކަލަކު ވޮޑިގެން ނުވަނީތޯ އެވެ؟ ހެޔޮގޮތާއި ނުބައިގޮތް ދީނުގައި ބަޔާންވެފައި ނުވަނީތޯ އެވެ؟ އަޅުގަނޑުމެން މަރު ނުވާނީތޯ އެވެ؟ އަޅުގަނޑުމެންގެ ވިސްނުން މާއްދިއްޔަތަށް ގޮސް ހުސްވާން ވީ ކީއްވެތޯ އެވެ؟ މާއްދިއްޔަތަކީ ފަނާނުވާނެ އެއްޗަކީތޯ އެވެ؟

މި ހުރީ ހައްތަހާވެސް ސުވާލުތަކެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާ ކުރަންޖެހޭ ސުވާލުތަކެކެވެ. އަމިއްލަ ނަފްސު މުރާޖައާ ކުރަންވީ އެވެ. ޣާފިލުކަމުގެ ނިދިން ހޭލަންވީ އެވެ. އަޅުގަނޑުމެންނަށް ދެވެނީ ނުބައި މަގަކުން ކަން ދަނެގަންނަންވީ އެވެ. މާތް ﷲ މަތިން ހަނދުމަކުރަން ޖެހޭ މިންވަރަށް ހަނދުމަ ނުކުރެވެނީ ކަން ގަބޫލުކުރަން ވެއްޖެ އެވެ. ބިރުވެތިވާންވީ މިންވަރަށް ބިރުވެތި ނުވެވެނީ ކަން ދަންނަން ވެއްޖެ އެވެ.

ނިފާގުކަމުގެ ސިފައިން މުޖުތަމައު ދުރުކުރަން ޖެހެ އެވެ. އީމާންކަމުގެ ރީތި ސިފަތަކުން މުޖުތަމައު ޒީނަތްތެރިކުރަން ޖެހެ އެވެ. އިޖުތިމާއީ އަހްލާގިއްޔާތުގެ މަތިވެރި ސިފަތައް ގާއިމުވެފައި ހުރި މުޖުތަމައެއް ގާއިމުކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެންކަން ކަށަވަރެވެ. 