ލައިފްސްޓައިލް

ހަލާކުވެފައިވާ ގޮނޑިއެއްގެ އެހީގައި ޕެންޝަން ފައިސާނަގަން ބެންކަށް

އިންޑިޔާގެ ރަށްފުށު ހިސާބުތަކުގައި ދިރިއުޅޭ ބައެއް މީހުންނަށް ޕެންޝަން ފައިސާ ނެގުމުގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވެ އެވެ. ބައެއް ފަހަރު އެމީހުންގެ އާއިލާގެ މީހުންނާ ހަވާލުކޮށްގެން ބޭންކުން ފައިސާ ނުދޫކޮށްގެން ވަރަށް ހާލުގައި މިފަދަ މީހުން ބްންކްތަކަށް ގޮސް އުޅެ އެވެ.

މިހާރު އިންޓަނެޓުގައި ވައިރަލް ވެގެން އުޅޭ ފޮޓޯ ތަކަކީ ވެސް މިފަދަ އުމުރުން ދުވަސްވީ އަންހެނެއްގެ ފޮޓޯ ތަކެކެވެ. މި ފޮޓޯތަކުން ފެންނަނީ ހަލާކުވެފައިވާ ގޮނޑިއެއްގެ އެހީތެރިކަން ހޯދައިގެން އަންހެންމީހާ ހުސް ފަޔާ އެތައް ކިލޯ މީޓަރެއްގެ ދުރުގައިވާ ބެންކަކަށް ޕެންޝަން ފައިސާ ހޯދަން ދިޔަ މަންޒަރެވެ.

އޮޑީޝާގެ ޖާރީގާއޯންގައި ދިރިއުޅޭ ސޫރްޔާ ހަރީޖާން ނަމަކަށް ކިޔާ މި އަންހެން މީހާ އަކީ 70ގެ އަހަރުތައް ގުނަމުންދާ ވަރަށް ބަލި މީހެކެވެ.

އޮޑީޝާގެ އެސްބީއައި މެނޭޖަރު ވިދާޅުވެފައިވާ ގޮތުގައި އަންހެން މީހާގެ އިނގިލިތައް ހަލާކުވެފައި ހުރުމުގެ ސަބަބުން އޭނާއަށް ފައިސާ ނެގުމުގައި ދަތިތަކެއް މެދުވެރިވެފައި ވާތީ ބޭންކަށް ފައިސާ ނަގަން ދާން ޖެހެނީ ކަމަށާއި އެ މައްސަލަ ހައްލުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެމީހާ ޕްލާސްޓިކް ގޮނޑިއެއްގައި ހިފަހައްޓައިގެން ހިނގަމުން ދިޔައިރު މި މަންޒަރު ބަލަން ގިނަ ބަޔަކު ތިއްބެވެ. އެ ގޮނޑިއަކީ ހަލާކުވެފައިވާ ގޮނޑިއަކަށް ވިޔަސް އެމީހާގެ ހިނގުމުގައި އެ ގޮނޑީގެ އެހީތެރިކަން ލިބެމުން ދިޔަ އެވެ.