މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަން

ގާލް ގައިޑްސްގެ އީދު ހަރަކާތުގައި މެޑަމް ފަޒްނާ ބައިވެރިވެވަޑައިގެންފި

މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިއަށް ގެންދާ، އީދު ޕްރޮޖެކްޓްގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންފި އެވެ.

މި ހަރަކާތަކީ، 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ވަޅު އީދު ދުވަހު، ގާލް ގައިޑްސް އެސޯސިއޭޝަނުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންނާ އެކު އީދުގެ އުފާ ހިއްސާކޮށް އެފަރާތްތަކަށް އީދު ހަދިޔާ ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މިހަރަކާތުގައި ބައިވެރިވެވަޑައިގެން މެޑަމް ފަޒްނާ ވަނީ މަރުކަޒުގައި ތިބި މީހުންނާ ބައްދަލުކުރައްވައި، އެ މީހުންނާ އެކު އީދުގެ އުފަލުގައި ބައިވެރިވެވަޑައިގެންފަ އެވެ. މީގެ ތެރޭގައި އީދު ހަދިޔާ ބަދަލުކުރުމާއި އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވުން ހިމެނެ އެވެ. އަދި އެ މީހުންނާ އެކު އީދުގެ އެކި ކަހަލަ ކުޅިވަރުތަކުގައިވެސް ބައިވެރިވެވަޑައިގަތެވެ.

މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ވަނީ ކޮވިޑް-19ގެ ދުވަސްވަރުވެސް މިހަރަކާތް މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފަ އެވެ. މިގޮތުން 2020 ވަނަ އަހަރާއި، 2021 ވަނަ އަހަރު މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލް ކޮށެވެ. 2019 ވަނަ އަހަރު ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައި އަމަލީ ގޮތުން މިހަރަކާތުގައި މެޑަމް ފަޒްނާ ބައިވެރިވެވަޑައިގެންނެވި އިރު، ކޮވިޑާއި ގުޅިގެން ވާޗުއަލްކޮށް މިހަރަކާތް ކުރިއަށް ގެންދިޔައިރުވެސް އެކަމަނާ މިހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ އީދު ޕްރޮޖެކްޓްގެ ތެރެއިން، ކޮންމެ އަހަރެއްގެވެސް ވަޅު އީދު ދުވަހު، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދަތުރުކޮށް މިހަރަކާތްތައް މެދު ނުކެނޑި ކުރިޔަށް ގެންދާތާ، މިއީ 24 ވަނަ ފަހަރެވެ. މިއީ އެއް ދުވަހަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.