ފްލައިޓެއްގައި ދަތުރު ކުރި މީހަކަށް އެ ފްލައިޓުން ދަތުރުކުރި ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވޭތީ އައި ރުޅީގައި ފްލައިޓް އެޓެންޑެންޓުންނާ އަރާރުންވެ ބޮޑު މައްސަލަގަނޑަކަށް ހަދައިފި އެވެ. އަދި މި ހާދިސާގެ ވީޑީއޯތައް މިހާރު ވައިރަލް ވެގެން އެބަ އުޅެ އެވެ.
މި ވީޑީއޯ އަށް ބަލާލުމުން ވައިގެ މަގުން ދަތުރުކުރުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރެވެ އެވެ. ޚާއްސަކޮށް ކުޑަކުދިން ގޮވައިގެން ދަތުރުކުރާ މައިންބަފައިންނަށް އުޅެން ޖެހޭ ހާލެވެ. އަދި އެހެން ފަސިންޖަރުންގެ ބޮލަށް އުނދަގޫވެ އެމީހުން ތަހައްމަލުކުރަން ޖެހޭ ހިތްހަމަނުޖެހުން ތަކެވެ.
ނަމަވެސް ކުޑަކުދިން ގޮވައިގެން ދަތުރުކުރާ މީހުންނަށް ވެސް މަތިންދާބޯޓު ތެރޭގައި ކުއްޖާ ހުއްޓާލައްވަން މާ ގިނަ ކަންކަމެއް ނުކުރެވެ އެވެ. ގިނަ ކުދިން ރޮނީ ވައިގެ ޕްރެޝަރުގެ ސަބަބުން އެކުދިންގެ ކަންފަތާއި ބަނޑު ފަދަ ތަންތަނަށް ވާ އުނދަގުލެއް ބަޔާންކޮށްދޭން ނޭނގިގެންނެވެ. އަދި މިއީ އެހާ ފަސޭޙައިން ހައްލު ކުރެވެން ހުންނަ ކަންކަމެއް ވެސް ނޫނެވެ.
އަދި ފްލައިޓް އެޓެންޑެންޓުންނަކަށް ވެސް މިކަމުގައި ކުރެވޭނެ މާ ބޮޑުކަމެއް ނޯވެ އެވެ. ފަސިންޖަރުން ކިތަންމެ ރުޅިއައިސް އެމީހުންނަށް ހަޅޭއްލަވާ އަޑުގަދަ ކުރިޔަސް މިފަދަ ދަނޑިވަޅުގައި އެމީހުންނަށް ވެސް ހަދާނެ ގޮތް ހުސްވެ އެވެ. ސަބަބަކީ އެމީހުން ތަމްރީނުވެފައި ތިބެނީ ބޯޓުގައި ތިބޭ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި އެމީހުން ބޯޓުގައި ހޭދަކުރާ ވަގުތުތަކަކީ އަރާމު ވަގުތު ތަކެއްކަން ޔަގީންކުރަން ކަމަށް ވާތީ އެވެ.
ބައެއް ފަހަރަށް ކުޑަކުދިން މަތިންދާބޯޓު ތެރޭގައި ރޯން ފަށައި ހުއްޓާ ނުލުމަކީ ބައެއް މީހުންގެ ބޮލަށް އުނދަގޫވެ ރުޅިގަދަވާ ކަމެކެވެ. ނަމަވެސް އެފަދަ ވަގުތުގައި އެ ރުޅި ބޯޓުގެ ކުރޫންނަށް ބޭލުމަކުން ވާނެ ފައިދާއެއް ނެތްކަމަށް މި ވީޑީއޯ އަށް ބަލާލުމުން ވެސް ޔަގީން ކުރެވެ އެވެ.
ވީޑީއޯ އަށް ކޮމެންޓްކުރި މީހުން ވެސް ފާޅުކޮށްފައިވަނީ މަސްހުނި ޚިޔާލު ތަކެކެވެ. އެންމެން ވެސް އެއްބަސްވީ އެއް ކަމެއް އޮތެވެ. ރޮއިފާނެތީ ކުޑަކުދިން ފްލައިޓެއް ނޭޜުވުމަކީ މިފަދަ މައްސަލަތަކުގެ ހައްލު ނޫން ކަމެވެ. ނަމަވެސް ބައެއް ބެލެނިވެރިން އެމީހުންގެ ދަރިން ވަރަށް ގަދަޔަށް ރޮއި އެހެން މީޙުންނަށް އުނދަގޫޥާވަރު ކުރާއިރުވެސް އެ ކުދިން ހުއްޓުވަން މާ ބޮޑުކަމެއް ނުކުރާ ކަމަށް ގަބޫލުކުރާ ބައެއް މީހުން ވެސް ކޮމެންޓުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.
އެންމެ ފަހުން އޯލެންޑޯ އަށް ބޯޓު ޖެއްސުމުން މައްސަލަ ޖެއްސި ފަސިންޖަރު ކައިރީގައި ބޯޓުން ފައިބަން އެދުމުން ވެސް އެމީހާ ނުފައިބާ ގަދަ ހަދާފައި އިނެވެ. ފަހުން އެމީހާ ބޯޓުން ބޭލުވީ ފުލުހުން އަރަ އެވެ. އަދި ވަގުތުން އެމީހާ ހައްޔަރުކޮށްގެން ވަނީ ގެންގޮއްސަ އެވެ.