ދުނިޔެ

ސްވިޑްންގެ ސްކޫލެއްގައި ބާރުގަދަ ގޮވުމެއް ގޮވައިފި

ސްވެޑެންގެ ކަލްސްތާދު އަވަށުގެ ސާނަވީ ސްކޫލެއްގައި ބާރުގަދަ ގޮވުމެއް ގޮވައިފި އެވެ. ސްކޫލްގައި ގޮވާފައިވަނީ ކޮން އެއްޗެއް ކަމެއް އަދި ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.

މި ގޮވުމުގެ ސަބަބުން މީހަކަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ނާދެއެވެ. އެއްޗެއް ގޮވިއިރު އަލިފާން ވެސް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނާއިރު އެ ސްކޫލްގައި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަހަރެމެން މިތިބީ ސްކޫލްގައި މިހާރު، ގޮވި އެއްޗެއް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން،" ކަލްސްތާދުގެ އެމަޖެންސީ ސާވިސް އޯލާ އަކެސަން ވިދާޅުވި އެވެ. "އެއީ ބާރުގަދަ ގޮވުމެއް، އެ އެއްޗެއް ގޮވި ސަރަހައްދުން ދަނީ ވަރަށް ބޯ ދުން އަރަމުން، ދުން އަރަނީ ސްކޫލްގެ ފުރާޅު މަތިން"

ސްކޫލްގައި ގޮވި ގޮވުމުގެ އަޑު އެ އަވަށުގެ ގިނަ ސަރަހައްދުތަކަށް އިވިފައިވާ ކަމަށް އެ ގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރެ އެވެ. "ވަރަށް ބާރުގަދަ އަޑެއް އިވުނު، އަހަރެމެން ހީކުރީ ބޮމެއް ކަމަށް،" އެއްޗެއް ގޮވި ގަޑީގައި ސްކޫލްގެ ސްޓާފް ރޫމްގައި އިން ޓީޗަރަކު ބުންޏެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބާރުގަދަ ގޮވުން ގޮވާފައިވަނީ ސްކޫލްގެ ޖިމް ތެރޭގަ އެވެ. ސްކޫލް އިމާރާތުން މިހާރު މީހުން ހުސްކޮށްފައިވާއިރު ސްކޫލްގެ ދަރިވަރުންތައް ސްކޫލްގައި ބޭރުގައި މަޑުކޮށްގެން ތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ.