ފިނިޕޭޖް

ޓޭލާސްގެ ވަކިވުމަށްފަހު ފޫ ފައިޓާސްގެ އާ އަލްބަމެއް

ފޫ ފައިޓާސްއިން އެ ބޭންޑުގެ މެންބަރު -- ޓޭލާ ހޯކިންސް މިދިޔަ އަހަރުގެ މާޗް މަހުގައި މަރުވިފަހުން ފުރަތަމަ އަލްބަމް އިއުލާންކޮށްފި އެވެ.

"ބަޓް ހިއަ ވީ އާ" ނެރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖޫން ދެވަނަ ދުވަހު އެވެ.

މިދިޔަ ސެޕްޓެމްބަރ މަހު މި ބޭންޑުން ވަނީ ޓޭލާގެ ހަނދާނުގައި ލަންޑަން އަދި ލޮސް އެންޖަލިސްގައި ކޮންސެޓެއް ވެސް ބާއްވާފައެވެ. އަދި މަނޑުމަޑުން ސްޕޮޓްލައިޓަށް ނިކުމެ، 24 މޭ ގައި ނިއު ހެމްޕްޝަޔާއިން ޓުއާ ފައްޓާނެ އެވެ.

މިދިޔަ އަހަރަކީ ބޭންޑަށް ކުރިމަތިލާން ޖެހުނު އެންމެ އުނދަގޫ އަދި ހިތާމަވެރި އަހަރު ކަމުގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފޫ ފައިޓާސްއިން ބުނެފައިވެ އެވެ. އަދި ޓޭލާ ނެތަސް، އޭނާގެ ހަނދާންތަކާ އެކު ބޭންޑް ކުރިއަށްދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ބޭންޑުގެ މެންބަރުން ދެކުނު އެމެރިކާ ޓުއާގައި އުޅެނިކޮށް ޓޭލާގެ ކުއްލި މަރާ ގުޅިގެން، އެ ޓުއާ ވަނީ ކެންސަލްކޮށްފަ އެވެ. ޓޭލާ މަރުވިއިރު އުމުރަކީ 50 އަހަރެވެ.

އޯލްޓަނޭޓް ރޮކް ބޭންޑެއް ކަމުގައިވާ ފޫ ފައިޓާސްއަކީ މީގެ 27 އަހަރު ކުރިން ނާވާނާގެ ޑްރަމާ ޑޭވް ގްރޯލް އުފެއްދި ބޭންޑެކެވެ. 1995 ގައި ނެރުނު ޑެބިއު އަލްބަމްގެ ކާމިޔާބީއަށްފަހު، އެކި މެމްބަރުން ގުޅި ވަކިވެ، މި ބޭންޑުގެ ކޯ މެންބަރުންނަށް ވެފައިވަނީ ޑޭވް ގްރޯލް، ނޭޓް މެންޑެލް، ކްރިސް ޝިފްލެޓް، ޓޭލާ ހޯކިންސް އެވެ. 2005 ގައި ކުރީގެ މެންބަރު ޕެޓް ސްމިއާ ގުޅި، 2017 ގައި ރަމީ ޖާފީ ގުޅުނެވެ.

މި ބޭންޑަށް މިހާތަނަށް 32 ނޮމިނޭޝަނަށް 15 ގްރެމީ އެވޯޑް ލިބިފައިވެ އެވެ.

ޓޭލާއަށްފަހު މި ބޭންޑުގެ ޑްރަމަރަކީ ކާކުކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.