ދުނިޔެ

ހަނި ގޮތަކަށް ޕްރައިމަރީގެ ފުރަތަމަ ވޯޓް ހިލަރީ ކާމިޔާބުކޮށްފި

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯދުމަށް ބޭއްވި އަޔޯވާ ރޭސް އެމެރިކާގެ ކުރީގެ ހާރިޖީ ވަޒީރު ހިލަރީ ކްލިންޓަން ކާމިޔާބުކުރައްވައިފި އެވެ. ހިލަރީއަށް މި އިންތިހާބު ކާމިޔާބު ކުރެވިފައިވަނީ ވަރަށް ހަނި ގޮތަކަށެވެ. މިއީ ޕާޓީތަކުން ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ފުރަތަމަ އިންތިހާބެވެ. އަދި 49 ސްޓޭޓާއި ޓެރިޓަރީގައި ޕާޓީގެ ކެންޑިޑޭޓުން ހޮވުމުގެ ވޯޓުއޮންނާނެ އެވެ.

މި އިންތިހާބުގައި ހިލަރީއާ އެންމެ ކައިރިން ވާދަކޮށްފައިވަނީ ވާމޮންޓުގެ ސެނޭޓާ އުމުރުން 74 އަހަރުގެ ބާނީ ސެންޑާސް އެވެ. ވޯޓްގެ ސަތޭކަ ޕަސެންޓް ގުނާ ނިމުނުއިރު ހިލަރީއަށް ލިބިފައިވަނީ ވޯޓުގެ 49.8 ޕަސެންޓެވެ. ސެންޑާސްއަށް ލިބުނީ 49.6 ޕަސެންޓެވެ. ދެން ވާދަކުރެއްވި އޯމަލޭއަށް ލިބުނީ 0.5 ޕަސެންޓެވެ.

ހިލަރީގެ ސަޕޯޓަރުން މަގުތަކުގައި އުފާ ފާޅުކުރަމުންދާއިރު، މީގެ 10 އަހަރު ކުރިން ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ބަރަކް އޮބާމާއާ ވާދަކޮށް ހިލަރީ ވަނީ ބަލިވެފައެވެ. އޮބާމާގެ ދެ ދައުރު ހަމަވުމާއެކު ރައީސް ކަމަށް ހިލަރީ ވާދަކުރަން ނިންމާފައިވާއިރު އޮބާމާގެ ތާއިދު ހިލަރީއަށް ވަނީ ލިބިފަ އެވެ.

ހިލަރީ ކްލިންޓަން، އެމެރިކާގެ ރައީސް ކަމަށް އިންތިހާބު ވެއްޖަނަމަ ވާނީ އެގައުމުގެ ފުރަތަމަ އަންހެން ރައީސާއަށެވެ. ހިލަރީ ވަނީ ރައީސްކަން ލިބިއްޖެނަމަ އެމެރިކާގެ އިގްތިސޯދު މިހާރަށްވުރެ ހަރުދަނާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އިންތިހާބު ކާމިޔާބުވިކަން ޔަގީންވި ފަހުން ހިލަރީ އަދި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު ވޯޓުގެ 95 ޕަސެންޓް ގުނާ ނިމުމުން، ހިލަރީ ވަނީ އެކަމަނާގެ ސަޕޯޓަރުންނާ ބައްދަލުކޮށް ޝުކުރު އަދާކުރައްވާފަ އެވެ. އެ ބައްދަލުވުގައި ހިލަރީ ވިދާޅުވީ، އިންތިހާބު ކާމިޔާބުވި ކަން ޔަގީންނުވާ ކަމަށާއި ނަމަވެސް ހިތްހަމަ ޖެހުމެއް ލިބިފައިވާ ކަމަށެވެ.