ރައްޔިތުންގެ މަޖިލިސް

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ދަރުބާރުގެއަށް

Feb 2, 2016
3

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހު ހެނދުނު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ދަރުބާރުގޭގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލިސް ހުޅުވާ ޖަލްސާ މިފަހަރު ބާއްވާނީ ދަރުބާރުގޭގައި ކަމަށެވެ. މަޖިިލިސް ހުޅުވާ ޖަލްސާ ދަރުބާރު ގެއަށް ބަދަލު ކުރި ސަބަބު އަދި ހާމައެއް ނުކުރެއެވެ. މިއީ ރިޔާސީ ބަޔާން އިއްވުން ދަރުބާރުގޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި ގޮތަށް ނިންމި އިރު މިދިއަ ހަފުތާގައި މަޖިލީހު އިދާރާގައި ވަނީ ކަރަންޓް ޝޯޓެއް ވެސް ހިނގައި އިދާރާއި ދުންތަކެއް ބޭރުވެފައެވެ. އަދި ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާތަކާއި އިވެންޓްތަކުގެ ސަލާމާތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.

ގާނޫނު އަސާސީ ލާޒިމް ކުރާ ގޮތުން ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށް ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވަން ޖެހެ އެވެ. ރައީސް ޔާމީން މިދިއަ އަހަރަށް މަޖިލިސް ހުޅުވައި ދެއްވައި ރިޔާސީ ބަޔާން އިއްވި އިރު މަޖިލީހުގެ ތަޅުމުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އަޑުގަދަކޮށް ހަދާފައިވެއެވެ.