ފިނިޕޭޖް

ސޭމް ހަންޓައަށް ދެވަނަ ދަރިއަކު ލިބެނީ

ކަންޓްރީ ލަވަކިޔުންތެރިޔާ ސޭމް ހަންޓާއި އަންހެނުން ހެނާ ލީ ފައުލާއަށް ދެވަނަ ދަރިއަކު ލިބެނީ އެވެ.

އެންޓަޓޭންމަންޓް ޓުނައިޓް އިން ރިޕޯޓްކުރި ގޮތުގައި ސޭމް މި ހަބަރު އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު ލާސް ވޭގަސްގައި އޮތް އޭނާގެ ކޮންސަޓެއްގަ އެވެ.

ސޭމް އާއި ހެނާގެ ފުރަތަމަ ދަރިފުޅު ލޫސީ ލުއީޒްއަށް 11 މަހެވެ. ލޫސީ ލުއީޒް ލިބުނު ވާހަކަވެސް ސޭމް ހާމަކުރީ ކޮންސެޓެއްގަ އެވެ.

ލޫސީ ލުއީޒް ލިބުމާ ގުޅިގެން ސޭމް ބުނީ އޭނާގެ ހަޔާތް މުޅިން ބަދަލު ވެއްޖެ ކަމަށާއި ގެއަށް އައުމަށްފަހު ވީހާވެސް ގިނަ ވަގުތު ދަރިފުޅާއެކު ހޭދަކުރާ ކަމަށެވެ.

ސޭމް އާއި ހެނާ 2008 އިން ފެށިގެން ލޯބީގެ ގޮތުން ގުޅި، ވަކިވެ، އަނެއްކާ ގުޅި، އެހެން ގޮސް 2017 ގައި ވަނީ ކައިވެނިކޮށްފަ އެވެ.

މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ހެނާ ވަނީ ސޭމް ބޭވަފާތެރިވެ، ކައިވެނީގައި ކުރަންނުޖެހޭ ކަންކަން ކޮށްފައިވާ ކަމަށް ބުނެ ވަރިއަށް ވެސް އެދިފަ އެވެ. އަދި ދެ މަސް ފަހުން ވަރިވުމަށް އެދުނު އެދުން ވަނީ ބާތިލްކުރުމަށް އެދިފަ އެވެ.