ޑީޖޭއޭ

ޝަރީއަތްތަކުގައި ދެކެވޭ ވާހަކަތައް ލިޔެދޭ މީހުންގެ ދަފްތަރެއް ހަދަނީ

ޝަރުއީ ކޯޓުތަކުގައި ކުރިއަށްދާ ޝަރީއަތްތަކުގައި ދެކެވޭ ވާހަކަތައް ލިޔެދިނުމަށް ނުވަތަ މަޙްޟަރު ކުރުމަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިހާރު ވަނީ މިކަމާ ގުޅޭ އުސޫލެއް އެކުލަވާލައި އާންމުކޮށްފަ އެވެ.

މިފަދަ އުސޫލެއް އެކުލަވާލުމުގެ މަގުސަދަކީ ކޯޓުތަކުން ހިންގާ ޝަރީއަތްތަކުގައި ދެކެވޭ ވާހަކަތަކުގެ ރިކޯޑިން އަޑުއަހައިގެން އެ ވާހަކަތައް ލިޔުމުގައި ކޯޓުތަކަށް ދިމާވާ ދަތިކަން ހައްލުކޮށް ޝަރީއަތުގައި ދެކެވޭ ވާހަކަތައް އަވަސް ކަމާއެކު ލިޔެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ދަފްތަރުގައި ރަޖިސްޓްރާވާ މީހުން ކޯޓުތަކަށް ހާޒިރުވެގެން އެމީހުންނާ ހަވާލުކުރެވޭ ރިކޯޑިންތައް ލިޔުމެވެ.

ދަފްތަރުގައި ރަޖިސްޓްރީ ވެވޭ ޝަރުތުތައް

  • އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން
  • ޝަރުއީ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައި ނުވުން
  • ޖިނާއީ ބޮޑު ކުށެއް ކަމަށް ގާނޫނެއްގައި ނުވަތަ ގަވައިދެއްގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ޖިނާއީ ކުށެއް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުންޏެއްގެ އޮފީހެއްގައި މަސައްކަތް ކުރާ މީހެެއް ކަމުގައި ވާނަމަ، އެ މީހެއްގެ ވަޒީފާގެ އިތުރުން އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ކުރުން ވަޒީފާ އަދާކުރާ ތަނުން މަނާކޮށްފައިވާ މީހަކު ކަމުގައި ނުވުން

މިއުސޫލުގައިވާ ގޮތުން މަޙްޝަރު ކުރެވޭ ރިކޯޑިން 20 މިނެޓަށް ވުރެ ކުރުވެގެން ނުވެ އެވެ. މިއުސޫލުގެ ދަށުން ދަފްތަރު ކުރެވޭ މީހުންނަށް އެ މީހުން ލިޔާ ކޮންމެ ސަފްހާ އަކަށް އުޖޫރައެއްގެ ގޮތުގައި 45 ރުފިޔާ ލިބެ އެވެ. އުޖޫރަ ދޭނީ އުސޫލާ އެއްގޮތަށް މަސައްކަތްތައް ނިންމުމުން، ހިދުމަތް ލިބިގަންނަ ކޯޓަކުން އެކަމަށް ހާއްސަ ފޯމު ކޯޓުގެ ފައިސާއާ ބެހޭ ސެކްޝަނަށް ފޮނުވުމުން އެސެކްޝަނުންނެވެ.

މިއުސޫލުގެ ދަށުން މީހުން ދަފްތަރު ކުރެވޭނީ އެ މީހަކު އިގުރާރެއްގައި ސޮއި ކުރުމުންނެވެ. ދަފްތަރުގައި ރަޖިސްޓަރީވާ މީހާ އިގުރާރާއި ޒިންމާތަކާ ހިލާފުވެއްޖެނަމަ ދަފްތަރުން އުނިކުރުމުގެ ބާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިދީފައިވެ އެވެ. އަދި ބަޔާންތަކުގެ ފެންވަރު ދަށްވެ ކޯޓުތަކުން ޑީޖޭއޭއަށް ހުށަހަޅައިފިނަމަ އެކަން ބެލުމަށްފަހު ދަފްތަރުން ވަކި ކުރެވޭނެ ކަމަށްވެސް އުސޫލުގައިވެ އެވެ.