ރ. އަލިފުށި އެއާޕޯޓްގެ ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ނިންމާލައިފި އެވެ.
އަލިފުށީގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓް އެޅުމުގެ މަސައްކަތް ސަރުކާރު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ.
އެމްޓީސީސީ އިން މިއަދު ބުނީ އަލިފުށި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއޔގެ ދަށުން، އެއާޕޯޓް ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން މަަސައްކަތްތައް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އަލިފާން ނިއްވާ އިމާރާތުގައި ފުރާޅު އެޅުމުގެ މަސައްކަތް ކަމުގައިވެސް ބުންޏެވެ.
އަލިފުށި ބިން ހިއްކައިގެން އެ ރަށުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު 1، 2021 ގައެވެ. މަސައްކަތް ނިންމަން ދިނީ 750 ދުވަހެވެ. މި މަސައްކަތަށް 451،615،528.48 ރުފިޔާ ހަރަދުކުރަން ވަނީ ނިންމާފަ އެވެ.
އަލިފުށި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ ދެވަނަ ދުވަހު އެވެ.
އެމްޓީސީސީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އަލިފުށި އެއާޕޯޓް އެޅުމުގެ މަސައްކަތް ނިންމާލުމެވެ. މިމަސައްކަތް އަވަސް ކުރުމުގެ ގޮތުން އެމްޓީސީސީ އިން ގެންދަނީ ބިން ހިއްކޭ މިންވަރުން ބިންގަނޑު އެއްވަރުކޮށް، ޕްލޭނާ އެއްގޮތަށް ބާރަށް މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.
ރ. އަތޮޅުގެ ރަށްތަކާއި ވަކިން އޮންނަ އަލިފުށި އެއާޕޯޓް އެޅުމަށް ބިން ހިއްކާއިރު އެއާޕޯޓްގެ ބޭނުމަށް 40.5 ހެކްޓަރުގެ ބިން އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް 10 ހެކްޓަރުގެ ބިމާ އެކު ޖުމްލަ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އަލަށް ހިއްކާ ބިން އަލިފުށީގެ ބިމާ ގުޅާލެވި އަލިފުށީގެ ބިމުގެ ބޮޑުމިން 96 ހެކްޓަރަށް ބަދަލުވެގެންދާނެ ކަމަށްވެސް އެމްޓީސީސީ އިން ބުނެ އެވެ.
ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2،871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 480 މީޓަރުގެ ގްރޮއިންއެއް ހެދުމަށްވެސް ނިންމާފައިވެ އެވެ.
އަލިފުށި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި، ޓެކްސީވޭއަކާއި، ޓާމިނަލް އިމާރާތަކާއި، ސެކިއުރިޓީ ފެންސާއި، ފަޔާ ސްޓޭޝަނަކާއި އަދި ސާވިސް ރޯޑު ހެދުމަށް ހަމަޖެހިފަ އެވެ.
އަލިފުށީގެ އިތުރުން ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، މ. މުލި، ފ. މަގުދޫ، ތ. ވިލުފުށި އަދި ރ. އަތޮޅުގެ އިތުރު ރަށެއްގައި އެއާޕޯޓެއް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މީގެއިތުރުން މިދިޔަ މަހުގެ ތެރޭގައި ވަނީ ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވާފަ އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މ. މުލި އެއާޕޯޓް ހުޅުވުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.