ސްޓެލްކޯ

ރެކޯޑް މިންވަރަކަށް ކަރަންޓް ބޭނުންކޮށްފި

މާލެ ސަރަހައްދުގައި މިއަދު ރެކޯޑް އަދަދަކަށް ކަރަންޓް ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ރެކޯޑް އަދަދަކަށް ކަރަންޓް ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފައި މިވަނީ މިމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށްވެފައި ހޫނަށް ސަމާލުވުމަށް މެޓް އޮފީހުން ތަކުރާރުކޮށް އިލްތިމާސްކޮށްފައި ވަނިކޮށެވެ.

ސްޓެލްކޯ އިން ބުނީ މިއަދު މެންދުރުފަހު 2:10 ގައި ޕީކްލޯޑް 102 މެގަވޮޓަށް ވުރެ މައްޗަށް އަރާފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. މާލެ ސަރަހައްދުގައި 120 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ސްޓެލްކޯއަށް ލިބިގެންވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މިއާއެކު ހުރިހާ ފަރާތްތަކުންވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމެވެ،" ސްޓެލްކޯގެ ބަޔާނުގައިވެ އެވެ.

ކަރަންޓް އިގްތިސާދު ކުރުމުގެ ގޮތުން އާންމު ގޭބީސީ ތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ސުކޫލުތަކުގެ އިތުރުން، ބޮޑެތި އަދި ކުދި ވިޔަފާރިތަކުންވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް ސްޓެލްކޯ އިން އެދިފައިވެ އެވެ.

ސްޓެލްކޯ އިން ބުނީ ދިރާސާތަކުން ދައްކާގޮތުން، އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 އިންސައްތަ ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުންވެސް 25°C އަށްވުރެ ދަށް ނުވާނެހެން އެއާކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

"އަދި ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތަ އްފިޔަވާ އިތުރު އާލާތްތައް މިދުވަސްވަރު ބޭނުން ނުކުރުމަށް އިލްތިމާސްކުރަމެވެ. މީގެ އިތުރުން، މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި، އެހީތެރިކަން މިކުންފުންޏަށް ބޭނުންވާ ކަމުގައި ދަންނަވަމެވެ." ސްޓެލްކޯ އިން ބުނެފައިވެ އެވެ.

މޫސުމާ ބެހޭ އިދާރާއިން ވެސް ވަނީ މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ ހޫނުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.