ބޮލީވުޑް

އަނުޝްކާ އާއި ލޯބިވެރިޔާ ވިރާޓް ވެސް ރުޅިވީބާ؟

Feb 3, 2016

ބޮލީވުޑްގައި މިއޮތީ ވަރިވުމާއި ވަކިވުމުގެ ސީޒަން ފެށިފައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މިއަހަރު ފެށިގެން އައިސްފައިވަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑުކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް އެމީހުންގެ ހަ އަހަރުވީ ލޯބީގެ ގުޅުން ނިންމާލި ހަބަރާއެކު އެވެ.

އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އެކްޓަރު އަދި ޕްރޮޑިއުސަރު ފަރްހާން އަޚްތަރު އާއި އަންހެނުން އަދުނާ ބަބާނީ ވަނީ އެމީހުންގެ 15 އަހަރުވީ ކައިވެނި ރޫޅާލަން ނިންމާފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. ފަރްހާން އާއި އަދޫނާ ވަރިވާން ނިންމި ހަބަރު ފެތުރުނުތާ ދުވަސްތަކެއް ނުވަނީ ވަނީ އަރްބާޒް ޚާނާއި އަންހެނުން މަލައިކާ އަރޯރާ ޚާން، އެމީހުންގެ 17 އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަން އުޅޭ ކަމުގެ ވާހަކަ އެވެ.

ބޮލީވުޑްގެ ގިނަ ދުވަސްވީ ގުޅުންތައް ނިމުމަކަށް އަންނަ ވާހަކައާއެކު ބެލުންތެރިން ހައިރާންވެފައި ތިއްބައި އަނެއްކާވެސް އިތުރު ލޯބީގެ ވާހަކައަކަށް ނިމުން އައިސްފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ރުޅިވެއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުގައިވެ އެވެ. ބޮލީވުޑްގެ އެހެން ތަރިންނާއި ހިލާފަށް އަނުޝްކާ އާއި ވިރާޓް ލޯބީގެ ގޮތުން ގުޅުނު ހިސާބުން ފެށިގެންވެސް މިދެމީހުން މިގުޅުން ސިއްރުކޮށްފައިވާ ނުވާއިރު، ދެމީހުން ވެސް ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފަ އެވެ.

ދެހާސް ސާދަވަނަ އަހަރު ތެރޭގައި ލޯބީގެ ގޮތުން ގުޅުނު ކަމަށް ބުނާ އަނުޝްކާ އާއި ވިރާޓް ރުޅިވެއްޖެ ކަމަށް ހަބަރު ފެތުރެން ފަށާފައިވަނީ ވިރާތް ޓްވިޓާއިންނާއި އިންސްޓްގްރާމުން އަނުޝްކާ އަންފޮލޯ ކުރި ހިސާބުންނެެވެ. މިދެމީހުން ރުޅިވިކަމަށް ބުނެ، ނޫސްތަކުގައިވާ ގޮތުން ރުޅިވާން މެދުވެރިވި ސަބަބަކީ ކައިވެނިކޮށްގެން ދިރިއުޅުމެއް ފެށުމާއި ބެހޭގޮތުން ދެމީހުންގެ ހިޔާލު ތަފާތުވުމެވެ.

ވިރާޓް ވީހާވެސް އަވަހަކަށް އަނުޝްކާއާ ކައިވެނިކުރަން ބޭނުންވި ނަމަވެސް އަނުޝްކާ ބޭނުންވަނީ މިހާރު އޭނާގެ ހުރިހާ ވަގުތެއްވެސް ކެރިއަރަށް ހުސްކުރާށެވެ. އެގޮތުން 2017 ވަނަ އަހަރު ނިމުމުގެ ކުރިން ކައިވެނި ކުރަން އަނުޝްކާ ދެކޮޅު ހަދާކަމަށްވެސްވެ އެވެ.

މިދެމީހުންގެ ދެމެދުގައި މައްސަލަ ޖެހުނު ކަމަށް ބުނެ ހާމަކޮށްފައިވާ ބައެއް މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން މިފަހުން ވިރާޓް ވަނީ އަނުޝްކާ ކުރެން ކައިވެންޏަށް އެދިފަ އެވެ. ނަމަވެސް އަނުޝްކާ ވަނީ ކައިވެނިކުރުމަށް ދެކޮޅު ހަދާފަ އެވެ. މިކަމާއި ހިތްހަމަނުޖެހި، މިދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހި ދެމީހުން ރުޅިވެފައިވާ ކަމަށްވާއިރު، ދެމީހުންވަނީ އެކަކު އަނެކަކާއި ވާހަކަދެއްކުންވެސް މީގެ ދުވަސްތަކެއް ކުރިން ވަނީ ހުއްޓާލާފަ އެވެ.

އެކްޓްކުރުމުގެ އިތުރުން ފިލްމުތައް ޕްރޮޑިއުސްކުރަންވެސް ފަށާފައިވާ އަނުޝްކާ ވަނީ މިއަހަރުގެ ތެރޭގައި ދެފިލްމެއް ޕްރޮޑިއުސްކުރާން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. މިހާރު އަނުޝްކާ އަންނަނީ ސަލްމާން ޚާނާއެކު "ސުލްތާން"ގެ މަންޒަރުތައް ނަގަމުންނެވެ.

އަނުޝްކާ އާއި ވިރާޓް ރައްޓެހިވި ފަހުން މިދެމީހުންގެ ވާހަކައަކީ މީޑިއާގައި ގަދައަށް ދެކެވިގެން ގޮސްފައިވާ ވާހަކަ އެކެވެ. ވިރާޓް ކުޅޭ މެޗްތައް ބަލަން އަނުޝްކާ ގޮސް އޭނާއަށް ސަޕޯޓްކޮށްފައިވާއިރު، އިންޑިއާ ބަލިވި އެތަކެއް ފަހަރު މީހުން ވަނީ އިންޑިއާ ބަލިވުމުގެ ޒިންމާ އަނުޝްކާގެ ބޮލުގައި އަޅުވާފަ އެވެ.

ވިރާޓް އާއި އަނުޝްކާ އެކަކު އަނެކަކާ ދިމާވެފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައި ކުޅުނު އިޝްތިހާރެއްގެ ތެރެއިންނެވެ. އޭގެފަހުން މިދެމީހުންގެ ދެމެދުގައި އޮތް ގުޅުން ބަދަހި ވަނީ ޖެހިގެން އައި އަހަރު ލޯބީގެ ގޮތުން ގުޅިފަ އެވެ.