ވެމްކޯ

ކުނި އުކާލުމަށް ހާއްސަ ކޮތަޅު ވިއްކަން ބޭނުންވާ ވިޔަފާރިތައް ހޯދަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ފޯރުކޮށްދޭ ޑަސްބިން ކޮތަޅު -- ބިންލައިނާ ވިއްކަން ޝައުގުވެރިވާ ވިޔަފާރިތައް ހޯދަން އިއުލާނުކޮށްފި އެވެ.

ވެމްކޯއިން ވަނީ އެ ކުންފުނިން ފޯރުކޮށްދޭ ބިންލައިނާ ހޯލްސޭލް އަދި ރީޓެއިިލްކޮށް ވިއްކަން ޝައުގުވެރިވާ ވިޔަފާރިތައް ހޯދަން އިއުލާނުކޮށްފަ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަ އޮންލައިން ފޯމު ފުރުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.

ވެމްކޯއިން ވަނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ބިންލައިނާ މިމަހުގެ 27 ވަނަ ދުވަހު ތައާރަފުކުރުމަށް ނިންމާފަ އެވެ.

އެގޮތުން 17 އާއި 11 އިންޗީގެ 100 ކޮތަޅު 35ރ. އަށް ވިއްކާއިރު 27 އާއި 18 އިންޗީގެ 100 ކޮތަޅު ވިއްކާނީ 165ރ. އަށެވެ. 48 އާއި 36 އިންޗީގެ 50 ކޮތަޅު ވިއްކާނީ 165 ރުފިޔާއަށް ކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ.

ވެމްކޯ އިން ބިންލައިނާ ވިއްކުމަށް ތައްޔާރުވެފައި މިވަނީ ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް މިމަހުގެ 18 ވަނަ ދުވަހު ފެށިގެން ނަގަމުންދާތީ ރައްޔިތުންނަށް ބޮޑެތި ތަކްލީފްތަކެއް ކުރިމަތިވެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށެވެ.