މޯލްޑިވްސް ޕޮލިސް ސާވިސް

ހަސަން ކުރުސީ ހޯދަން ފަށައިފި

ޓްވިޓާގައި އެތައް ބަޔަކާ ޒާތީކޮށް ދިމާކޮށް "ހަސަން ކުރުސީ"ގެ ނަމުގައި ޓްވީޓް ކުރަމުންދާ މީހާގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިމައްސަލަ ބަލަން ފެށީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ ވެރިފަރާތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ.

ކުރުސީގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއަށް އެޑްރެސް ކުރައްވާ ރައީސް ނަޝީދު ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓްގެ ސަބަބުން ބައެއް މީހުންނަށް އޮޅުން އަރާފައިވާ ކަމަށެވެ. އެހެންވެ އެ ޓްވިޓާ އެކައުންޓްގެ އަސްލު ފުލުހުން ހޯއްދަވައި ދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

"ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ އަޅުގަޑުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތް ތަކަށް ހީކުރެވި އެތަކެއް އޮޅުން އަރާ އެކަމުގެ ސަބަބުން އަޅުގަޑަށް އިންތިހާއަށް ގެއްލުން ލިބެމުން އެބަދޭ،" ނަޝީދުގެ ސިޓީގައިވެ އެވެ.

"ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ ޓްވިޓާއިން ވެރިފައިކޮށްފައިވާ އެކައުންޓެކެވެ.

ހަސަން ކުރުސީގެ އެކައުންޓް މިދިޔަ އަހަރު ފުރަތަމަ ބޭނުންކުރަން ފެށިއިރު ވަރަށް ބޮޑަށް ރައީސް ނަޝީދަށް އަދި އެމަނިކުފާނުގެ ސިޔާސަތުތަކަށް ތައުރީފްކޮށް ޓްވީޓްކޮށްފައިވެ އެވެ. ނަމަވެސް މިފަހަކަށް އައިސް ހަސަން ކުރުސީގެ އެކައުންޓުން ގެންދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައެއް ވަޒީރުންނާއި ރައީސް ސޯލިހަށް ތާއީދުކުރައްވާ އެކި ބޭފުޅުންނާ ޒާތީކޮށް ދިމާކޮށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ވެސް ފެންމަތި ކުރަމުންނެވެ. އެހެންވެ ހަސަން ކުރުސީ އަކީ ރައީސް ނަޝީދު ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ބައެއް މެންބަރުންވެސް ގެންދަނީ ވާހަކަދައްކަމުންނެވެ.