ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުން ވިހެއުމުން ދޭ ޗުއްޓީ ހަމަސް ދުވަހަށް އިތުރުކޮށްފި އެވެ.
ވަޒީފާއާ ޓްރައިބިއުނަލްގެ މެމްބަރުން ވިހެއުމުން ދޭ ޗުއްޓީ ހަމަސް ދުވަހަށް އިތުރުކޮށްފައި މިވަނީ ޓްރައިބިއުނަލްގެ މެންބަރު ޝަމްއާ އިބްރާހިމް ވިހެއުމާ އެކު ދެމަސް ދުވަސް ނުވަނީސް ވަޒީފާއަށް ނިކުންނަން އެންގުމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާ ކަންބޮޑުވުންތަކެއް ފާޅުކޮށްފައި ވަނިކޮށެވެ.
ޓްރައިބިއުނަލްގެ މުވައްޒަފުން ވިހެއުމުން ކުރިންވެސް މުސާރައާއި އެކު ހަމަސް ދުވަހުގެ ޗުއްޓީއެއް ލިބެ އެވެ. ނަމަވެސް ޓްރައިބިއުނަލްގެ މެންބަރުންނަށް ކުރިން ދެމުން އައީ ދެ މަސް ދުވަހުގެ މުއްދަކެވެ.
ނަމަވެސް ވަޒީފާ ބެހޭ ޓްރައިބިއުނަލުން މިހާރު ވަނީ އެ ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލު އިސްލާހުކޮށް ޓްރައިބިއުނަލްގެ އަންހެން މެމްބަރުންނަށް ވެސް މުސާރައާއި އެކު ހަމަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތް ހަމަޖައްސާފަ އެވެ.
ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފަކު ވިހައިފިނަމަ އޭނާއަށް ހަމަސް ދުވަސް އަދި އޭނާގެ ފިރިމީހާއަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް މުސާރައާއި އެކު ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
ރައީސް ސޯލިހްގެ ވައުދު ފުއްދުމުގެ ގޮތުން ކަމާ ގުޅޭ އުސޫލު އެކުލަވާލައި މާޗް، 2019 އިން ފެށިގެން ވިހެއުމުން ހަމަސް ދުވަހުގެ ޗުއްޓީ ދަނީ ދެމުންނެވެ.