ޗާގޯސް އާކިޕެލާގޯ

ޗާގޮސްގެ މައްސަލަ: ޔާމީންގެ ސިޓީއެއް އިޓްލޮސްއަށް

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި އޮތް ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުމާ ގުޅޭ މައްސަލައިގައި ކަންބޮޑުވާ ކަންތައްތައް ފާހަގަކޮށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިޓްލޮސްއަށް ސިޓީއެއް ފޮނުވަން ނިންމައިފި އެވެ،

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިސިޓީ ފޮނުއްވާނީ މިވަގުތު ޖަލުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވުމަށްފަހު ކަމަށެވެ.

އިޓްލޮސްއަށް މި ސިޓީ ފޮނުއްވުމުގެ ކުރިން ރައީސް ޔާމީންގެ އިތުރުން އެހެން ސިޔާސީ ލީޑަރުންނަށް ވެސް ސިޓީގައި ސޮއިކުރަން ދައުވަތު ދެއްވާނެ ކަމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"ސިޔާސީ ލީޑަރުން މިސިޓީގައި ސޮއިކުރެއްވުމަކީ އަޅުގަނޑުމެން އެދޭނެ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާގެ ނަން "ޗާގޯސް"ގެ ނަމަށް ބަދަލުކުރަން ނިންމާފައިވާ ކަންވެސް އަބްދުއްރަހީމް މިއަދު ވަނީ ފާހަގަކުރައްވާފަ އެވެ.

ޗާގޮސްގެ މައްސަލައިގައި އިދިކޮޅު ކޯލިޝަނުން އިޓްލޮސް އަށް ސިޓީއެއް ފޮނުވަން ނިންމާފައި މިވަނީ އިޓްލޮސްގައި އޮތް ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުމާ ގުޅޭ މައްސަލައިގައި ހުކުރު ދުވަހު ހުކުމްކުރުމަށް ތާވަލްކޮށްފައި ވަނިކޮށެވެ.

ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖޭގެ ކުރީގެ އެއްވެސް ސަރުކާރަކުން ގަބޫލުކޮށްފައެއް ނުވެ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް ދާދިފަހަކާ ޖެހެންދެންވެސް ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަކަށް ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ދިވެހިރާއްޖެ އަކީ ގައުމުތަކަށް ދޭންޖެހޭ އިސްތިއުމާރީ ބާރު ފުރިހަމައަށް ދިނުމަށް ތާއީދުކުރާ ގައުމެއް ކަމަށް ބުނެ ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ގަބޫލުކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވަނީ ހާމަކުރައްވާފަ އެވެ. އަދި ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ގަބޫލުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މޮރިޝަސް ސަރުކާރަށް ރަސްމީ ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.

ޗާގޮސްއާ ގުޅޭގޮތުން ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސްޓޭންޑް މިސަރުކާރުން ބަދަލުކުރުމާ ގުޅިގެން ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ލީޑަރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނެފައިވަނީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ގަބޫލުކުރުން ފިޔަވާ ދިވެހި ސަރުކާރުން މިމައްސަލައިގައި ގެންގުޅެމުން އައި ސިޔާސަތަކަށް އަދި ކުރާ އެއްވެސް ދައުވާ އަކަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ކަނޑުގެ ސަރަހައްދުގެ މައްސަލަ ކުރިމަތިވީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާކިޕެލާގޯ އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިން މީގެކުރިން ކަނޑައެޅުމުންނެވެ. އައިސީޖޭ އިން އޭރު އެގޮތަށް ނިންމީ ޗާގޮސް އަކީ މޮރިޝަސްގެ އިހްތިޞާސް އޮތް ތަނެއްތޯ ބެލުމަށް ލަފައަކަށް އެ ގައުމުން ހުށަހެޅުމުން ސެޕްޓެމްބަރު 2019ގަ އެވެ. އޭރުވެސް މިހާރުވެސް ޗާގޮސްގެ މައްޗަށް ބާރު ހިންގަނީ އިނގިރޭސިވިލާތުންނެވެ.

އައިސީޖޭގެ 2019 ވަނަ އަހަރުގެ ނިންމުމުގައިވާ ގޮތުން ޗާގޮސް ރަށްތަކުގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެކެވެ. އިޓްލޮސް އިން މިދިޔަ އަހަރުވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ބައިނަލްއަގްވާމީ ކޯޓުތަކުގެ ނިންމުންތަކުގައިވާ ގޮތުން ޗާގޮސް އަކީ މޮރިޝަންސްގެ ސިޔާދަތީ ބާރު ހިނގާ ރަށްތަކެކެވެ.

އިޓްލޮސްގައި މިހާރު ހިނގަމުންދާ ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުމުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.

ޗާގޮސްގެ ރަށްތަކުގައި ހިމެނޭ އެންމެ ބޮޑު ރަށް ޑިއެގޯ ގާސިއާ އިނގިރޭސީންގެ އަތުން ކުއްޔަށް ނަގައިގެން އެމެރިކާ އިން ގެންދަނީ އެ ރަށުގައި އަސްކަރީ މަރުކަޒެއް ހިންގަމުންނެވެ.