ބޮލީވުޑް

ލަވަކިޔުންތެރިޔާ އަރިޖީތު: ނާކާމިޔާބީން ކާމިޔާބަށް ކުރި ދަތުރު

ބޮލީވުޑްގައި މިހާރު ހުރި އެންމެ މަޝްހޫރު އަދި އެންމެ މަގްބޫލު ފިރިހެން ލަވަކިޔުންތެރިއަކީ ކާކުތޯ ސުވާލުކޮށްފިނަމަ ކޮންމެ މީހަކުވެސް ބުނާނީ އަރިޖީތު ސިންގް ކަމަށެވެ.

ފާއިތުވީ ފަސް އަހަރުއްސުރެ އަރިޖީތު އަކީ އިންޑިޔާގެ އެއްވަނަ ފިރިހެން ލަވަކިޔުންތެރިޔާ އެވެ. ނަމަވެސް އަރިޖީތުގެ މިއުޒިކް ކެރިއަރުގެ ފެށުން ދިޔައީ ވަރަށް ނާކާމިޔާބު ކޮށެވެ.

ސޮނީ ޓީވީން 2005ގައި ދެއްކި "ފޭމް ގުރުކުލް" ކިޔާ ލަވަ ކިޔާ ރިއަލިޓީ ޝޯއެއްގައި އަރިޖީތު ބައިވެރިވިއިރު އޭނާއަށް އެންމެ 18 އަހަރެވެ. އެ ޝޯގައި ބައިވެރިވި އެންމެ ހަގު ބައިވެރިޔާގެ ހައިސިއްޔަތުން ޖަޖުންގެ ފާޑުކިޔުންތަކާއި އެހެނިހެން ބައިވެރިންގެ ވާދަވެރިކަމާ އަރިޖީތަށް ކުރިމަތިވި އެވެ. އަދި ޖަޖުން އެކި ކަހަލަ ކޮމެންޓުކޮށް ފާޑުކިއުމުން ދެރަވެގެން ގިސްލަ ގިސްލާފައި އަރިޖީތު ރުއި މަންޒަރުވެސް ޝޯ ބެލި މީހުންނަށް ފެނިފައި ވެއެވެ.

އެންމެ ފަހުން އޭނާ އެ ޝޯއިން ކެޓީ ޓޮޕް 5 ލަވަކިޔުންތެރިންގެ ތެރޭގައި ވެސް ނުހިމެނި އެވެ. ނަމަވެސް އޭރު ވެސް ޝޯގެ ފަނޑިޔާރުންނާއި މެހެމާނުންގެ ގޮތުގައި ޝޯގައި ބައިވެރިވި ފަންނާނުންނަށް ވެސް އެއް ކަމެއް އަރިޖީތުގެ ކިބައިން ފާހަގަ ކުރެވުނެވެ. އޭނާގެ ލަވަކިޔުމުގެ ހުނަރާއި މިއުޒިކް ދަންނަ މިންވަރެވެ. އަދި އޭނާގެ ކުރިމަގު ވަރަށް އުޖާލާ ކަމަށް އޭރުވެސް ލިރިސިސްޓް ޖާވީދު އަޚްތަރު ފަދަ ވަރަށް ގިނަ މީހުން ބުނަމުން ދިޔަ އެވެ.

"ފޭމް ގުރުކުލް" ކާމިޔާބުކުރީ ގާޒީ ތައުގީރު އާއި ރޫޕްރޭކާ ބެނާޖީ އެވެ. އަރިޖީތު ދިޔައީ ހަ ވަނަ އަށެވެ.
އޭގެ އެތައް އަހަރެއް ފަހުން އަރިޖީތު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ "ފޭމް ގުރުކުލް" ކަހަލަ ޝޯއެއްގައި އޭނާ ބައިވެރިވީ ލަވަ ކިޔުމުގެ ރޮނގުން އޭނާ އަށް އާދެވިފައި ހުރި ހިސާބެއް ވަޒަންކުރަން ކަމަށެވެ. އަދި ޝޯގެ އެއް ޖަޖަކީ މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ ޝަންކަރް މަހާދޭވަން ކަމަށް ވުމީ ވެސް އޭނާ އެ ޝޯގައި ބައިވެރިވާން ޝައުގުވެރިވީ ސަބަބެއް ކަމަށް އަރިޖީތު ބުންޏެވެ.

އަރިޖީތު އަށް ބޮލީވުޑް ލަވައެއް ކިޔުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބުނީ މިއުޒކް ޑައިރެކްޓަރު މިތޫން "މާޑާ 2" އަށް ކޮމްޕޯސްކުރި "ޕިރް މުހައްބަތު" ލަވައިންނެވެ. ނަމަވެސް އޭނާގެ ނަން ހިންދީ މިއުޒިކްގެ ދުނިޔޭގައި ވިދަން ފެށީ އަދި އޭނާއަކީ މޮޅު ލަވަކިޔުންތެރިއެއްގެ ގޮތުގައި މީހުން ބަލައިގަތީ 2013ގައި ރިލީޒްކުރި "އާޝިގީ 2"ގެ ލަވަތައް ކިޔައިދީގެންނެވެ. އެއަށްފަހު އޭނާއަށް ފަސް އެނބުރި ބަލާލާކަށް ނުޖެހުނެވެ. މިހާރު ބޮލީވުޑްގައި މަސައްކަތްކުރާ ކޮންމެ އެކްޓަރެއްގެ ވެސް ފޭވަރިޓް އަޑަކީ އަރިޖީތުގެ އަޑެވެ. އޭނާގެ އަސަރުގަދަ އަޑުގެ ޖާދޫގައި އެންމެން ވަނީ ޖެހިފަ އެވެ.

ނާކާމިޔާބީ އަކީ ހިތްވަރު އެލުވާލަން ޖެހޭ ސަބަބެއް ނޫންކަން އަރިޖީތުގެ މިސާލުން ޔަގީން ކުރެވެ އެވެ.