ކުނި އެޅުމަށް ހާއްސަ ކޮތަޅު -- ބިންލައިނާ -- ވިއްކަން ފަށައިފި އެވެ.
ވެމްކޯ އިން ބުނީ އެއް ފަހަރާ 24 ބޮނޑި ކޮތަޅަށް އޯޑަރު ކުރުމުން ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އަދި އެގޮތަށް ގަނޑުކޮށް ކޮތަޅު ގަތުމުން އަގުހެޔޮ ވާނެ ކަމަށެވެ.
ވެމްކޯ އިން ބިންލައިނާ ވިއްކަން ފަށާފައި މިވަނީ ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް މިމަހުގެ 18 ވަނަ ދުވަހު ފެށިގެން ނަގަމުންދާތީ ރައްޔިތުންނަށް ބޮޑެތި ތަކްލީފްތަކެއް ކުރިމަތިވެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށެވެ. މިމައްސަލަ ހައްލުކުރުމަށް ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް މިހާރު ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
ވެމްކޯ އިން ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރޮންޓް އޮފީހުން ބިންލައިނާ ގަންނަން މިހާރު ލިބޭނެ ކަމަށެވެ.
ވެމްކޯ އިން ވިއްކުމަށް ހަމަޖެހިފައިވަނީ ތިން ސައިޒެއްގެ ކޮތަޅެވެ. އެއީ 17 އާއި 11 އިންޗީގެ 100 ކޮތަޅު -- 35 ރުފިޔާއަށާއި، 27 އާއި 18 އިންޗީގެ 100 ކޮތަޅު -- 165 ރުފިޔާ އަދި 48 އާއި 36 އިންޗީގެ 50 ކޮތަޅު 165 ރުފިޔާ އަށެވެ.
"މިގޮތުގެ މަތިން ކުނި އުކާލުމުގައި ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދުކުރުމަށާއި އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ދަންނަވަމެވެ." ވެމްކޯއިން ވިއްކަމުންދާ ދެ ވައްތަރެއްގެ ކޮތަޅުގައި ކުނި ބަންދުކުރަންވީ ގޮތް ބުނެދީ ވެމްކޯ އިން ބުނެފައިވެ އެވެ.
ވެމްކޯ އިން ވަނީ އެ ކުންފުނިން ވިއްކަން ނިންމާފައިވާ ބިންލައިނާ ހަމައެކަނި ކުނި އުކާލުމުގައި ބޭނުންކުރުމަށްވެސް އިލްތިމާސްކޮށްފަ އެވެ.
ކުނި އުކާލުމަށް ހާއްސަ ކޮތަޅު ބުރާސްފަތި ދުވަހު ވިއްކަން ތައްޔާރުވެފައިވީ ނަމަވެސް ކޮތަޅު ވިއްކާނެ އަގު އަދި ވެމްކޯ އިން ހާމަކޮށްފައެއް ނުވެ އެވެ.