ބޮލީވުޑް

ކަޕިލް ޝޯއަށް ދައުވަތު ނުދިނުމުން ބޫމިކާ ދެރަވެއްޖެ

ސަލްމާން ޚާންގެ އާ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ޕްރޮމޯޓްކުރުމުގެ ގޮތުން ފިލްމުގައި ބައިވެރިވި ގިނަ އަދަދެއްގެ އެކްޓަރުން ވަނީ މިދިޔަ ހަފުތާގައި ދެއްކި "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ބައިވެރިވެފަ އެވެ. ނަމަވެސް ފިލްމުގައި މުހިއްމު ރޯލެއް އަދާކުރި ބޫމިކާ ޗައުލާ، ކަޕިލް ޝޯގައި ބައިވެރިއެއް ނުވެ އެވެ.

ސަލްމާން ޚާންއާ އެކު "ތޭރޭ ނާމް"ގައި ލީޑް ރޯލު ކުޅުނު ބަތަލާ ބޫމިކާ ވަނީ ސަލްމާންގެ ފިލްމުގެ ޓްރެއިލާ ލޯންޗުކުރަން ބޭއްވި އިވެންޓުގައި ބައިވެރިވެފަ އެވެ. ނަމަވެސް އޭގެ ފަހުން ފިލްމު ޕްރޮމޯޓްކުރަން ފިލްމުގެ ތަރިން ބައިވެރިވި ގިނަ އިވެންޓްތަކުން ބޫމިކާ ނުފެނެ އެވެ. ބޫމިކާ ބައިވެރިނުވާ އިވެންޓްތަކުގެ ތެރޭގައި ކަޕިލް ޝަރުމާ ޝޯ ވެސް ހިމެނެ އެވެ.

މިކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ބޫމިކާ ބުނީ އޭނާއަށް ކަޕިލް ޝޯގައި ބައިވެރިވުމުގެ ދައުވަތު ނުލިބޭ ކަމަށާއި ޝޯ އިން އޭނާ ނުފެނުނީ އެހެންވެ ކަމަށެވެ.

ބޫމިކާ ބުނި ގޮތުގައި އެ ޝޯގެ ޝޫޓިންގް ބޭއްވި އިރެއް ވެސް އޭނާއަކަށް ނޭނގެ އެވެ. އަދި ފިލްމުގައި ބޫމިކާގެ ފިރިމީހާގެ ރޯލު އަދާކުރި ވެންކަޓޭޝް ވެސް ޕްރޮމޯޝަން އިވެންޓުތަކުން ނުފެންނަކަން ބޫމިކާ ފާހަގަ ކުރި އެވެ.
"ފިލްމުގައި ބައިވެރިވި ޒުވާން އެކްޓަރުންތައް ޕްރޮމޯޝަން އިވެންޓުތަކުން ފެނުނީ. ވެދާނެ އެއީ ފިލްމު މާކެޓްކުރަން ރާވާފައި އޮތް ގޮތް ކަމަށް،" ބޫމިކާ ބުންޏެވެ.

ބޫމިކާ އިތުރަށް ބުނި ގޮތުގައި ކަޕިލްގެ ޝޯގައި ބައިވެރިވިއަސް އޭނާއަކަށް ކުޅޭނެ އިތުރު ފިލްމެއް ވެސް ނުލިބޭނެ އެވެ. ވީމާ ކުޑަކޮށް ދެރަވިޔަސް ފަހުން އެކަން ހަނދާން ނައްތާލައިފި ކަމަށެވެ.

"އަހަރެންނަކީ ވަރަށް ބޯހަރުމީހެއް. މީހުން ކައިރީ އާދޭސް ކުރަމުންނެއް ނުދުވާނަން،" ބޫމިކާ ބުންޏެވެ.
ބޫމިކާ ކިޔައިދިން ގޮތުގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުން އޭނާއަށް ފުން އަސަރުތަކެއްކޮށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެ ހިތާމައިގައި އުޅެން ޖެހުނެވެ.

"އެމް.އެސް.ދޯނީ: ދި އަންޓޯލްޑް ސްޓޯރީ"ގައި ބޫމިކާ ވަނީ ސުޝާންތުގެ ދައްތަގެ ރޯލު ކުޅެފަ އެވެ. އެ ފިލްމު ކުޅުނު ދުވަސްވަރު ސުޝާންތު އާއި ބޫމިކާގެ މެދުގައި ގާތް އެކުވެރިކަމެއް އުފެދިފައި ވެއެވެ. ސުޝާންތުގެ މަރުން ބޫމިކާ އަށް އެހާ ބޮޑަށް އަސަރުކުރީ އެހެންވެ އެވެ.

"އަހަރެމެން އެހާ ގިނަ ދުވަހު އެކުގައި ޝޫޓެއް ނުކުރަން. އެކަމަކު ކުރި ދުވަސްތަކުގައި ސުޝާންތު ވަރަށް ގިނައިން އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދީފައިވޭ. އޭނާއަށް ކުރިމަތިވީ މައްސަލަތަކާއި ކުރާ ފިކުރުތައް ވެސް ހިއްސާކުރި،" ބޫމިކާ ބުންޏެވެ.

ކަޕިލް ޝޯގައި ބޫމިކާ ބައިވެރި ނުކުރީ ކީއްވެގެން ކަމެއް ކަޕިލް ވެސް އަދި ފިލްމުގެ ޕްރޮޑިއުސަރު ސަލްމާން ޚާން ވެސް އަދި ހާމައެއް ނުކުރެ އެވެ. ޔަގީންވާ ކަމަކީ ސަލްމާން ބޭނުންވި ނަމަ ބޫމިކާ އަށް އެ ޝޯއަށް ދައުވަތު ދިނީސް ކަމެވެ.