ރައްޔިތުންގެ މަޖިލިސް

ޖަލްސާ ދަރުބާރުގެއަށް ބަދަލު ކުރީ މަރާމާތުތައް ނުނިމޭތީ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ ދަރުބާރުގޭގައި ބޭއްވުމަށް ނިންމީ މަޖިލިސް މަރާމާތު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތައް މާދަމާއަށް ނުނިމޭނެތީ ކަމަށް މަޖިލީހު އަމީންއާންމު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ. މަޖިލިސް ހުޅުވުމަށް ރައީސް ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އާންމުކޮށް ބާއްވަނީ މަޖިލީހުގެ އިދާރާގަ އެވެ.

ނަމަވެސް މަޖިލީހުން އިއްޔެ ނިންމާފައި ވަނީ މި ޖަލްސާ ދަރުބާރުގޭގައި ބޭއްވުމަށެވެ.

އެކަމުގެ ތަފްސީލް "އަވަސް"އަށް ދެއްވަމުން އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވީ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތު ދަރުބާރުގޭގައި ބާއްވަން ނިންމީ، މިދިޔަ ހަފްތާގައި މަޖިލީހުގައި ކަރަންޓުގެ ޝޯޓެއް ދިމާވުމުގެ ސަބަބުން އިތުރު ބައެއް ކަހަލަ މަރާމާތުތައް ޖަލްސާ ކުރާ ހޯލްގައި ކުރަން ޖެހުމުން ކަމަށެވެ. އަދި އެ މަސައްކަތް މާދަމާގެ ޖަލްސާގެ ކުރިން ނިންމާލެވޭނެ ކަމުގެ ޔަގީންކަން ނެތުމުން ޖަލްސާ އެހެން ތަނަކަށް ބަދަލު ކުރަން ޖެހުނީ ކަމަށް ވެސް އަމީން އާންމު ވިދާޅުވި އެވެ.

"މަޖުލީހުގައި ދިމާވި ކަރަންޓުގެ ހާދިސާގެ ސަބަބުން ވީގޮތަކީ ޗެމްބަރަށް ގުޅާފަ ހުރި ކަރަންޓާއި އޭސީތަކާއި އެއްޗިހިތައް ހުރީ ހަލާކުވެފައި. އެހެންވީމަ ހަލާކުވެފައި ހުރި ނަރުތައް އަލުން އަޅައިގެން ނޫނީ އެތާންގަ މަސައްކަތެއް ކުރެވޭކަށް ނެތް. އެ މަސައްކަތްތައް މިހާރު ކުރިއަށް ދާތީ ޖަލްސާ އެހެން ދިމާލަކަށް ބަދަލުކޮށްލަން މި ޖެހުނީ،" އަހުމަދު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި މަޖިލީހުގެ ފުރާޅުންނާއި ބައެއް ދޮރުތަކުން ދުންތައް މަގުމައްޗަށް ނިކުންނަން ފެށުމުން ސިފައިން ފަޔަ އެންޑް ރެސްކިއު އިން ވަނީ އެތާންގައި ހަރަކާތްތެރިވެފަ އެވެ. އަދި އެވަގުތު އަޑުފެތުރިގެން ދިޔައީ ޖަލްސާ ކުރާ މާލަމުގައި އެއްޗެއް ގޮވީ ކަމަށެވެ. ނަމަވެސް އެކަން ދޮގުކޮށް މަޖުލީހުން ބުނެފައި ވަނީ މައްސަލަ ދިމާވީ ކަރަންޓުގެ ޝޯޓެއް ވެގެން ޑަކްޓެއްގެ ތެރޭގައި ހުރި ނަރާއި ހޮޅިތައް އަންދައިގެން ދިޔުމުން ކަމަށެވެ.

އަހުމަދު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން މި އަންނަނީ އެހާދިސާގައި ހަލާކުވީ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް ކަމަށާއި އަދި ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލިސް މާދަމާ ހުޅުވާ އިރު މިދޔަ އަހަރެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަނުޖައްސަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިފަހަކަށް އައިސް އެމްޑީޕީގެ މެންބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަން ފެށުމުން ރިޔާސީ ބަޔާން އިއްވަން ޖެހެނީ ވަރަށް ދަތިގޮތަކަަށެވެ. މިފަހަރު އިއްވާ ރިޔާސީ ބަޔާނަކީ ރައީސް ޔާމީން އިއްވަވާ ތިން ވަނަ ރިޔާސީ ބަޔާނެވެ.