ޑރ. އަހުމަދު ޝަހީދު

ޑރ. ޝަހީދުގެ ތައުރީފް ރައީސްއާއި އޭޖީއަށް

Apr 28, 2023

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމުގައި މޮރިޝަސްގެ މައްޗަށް ރާއްޖެއިން މިއަދު ހޯދި ކާމިޔާބީއަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދު ތައުރީފް ކުރައްވައިފި އެވެ.

ޝަހީދު ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އާއި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެއާއި މޮރިޝަސްގެ ސަރަހައްދީ އިން ވަކިކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ.

ދިވެހި ސަރުކާރުން ވަކާލާތު ކުރި ގޮތަށް ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި މިއަދު ނިމިގެން ދިޔައީ ދިވެހި ސަރުކާރުން ބޭނުންވި ގޮތަށެވެ.

އިޓްލޮސްގެ ނިންމުމަށްފަހު ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަމަށް ބުނެ އެ ގައުމުން ވަކާލާތު ކުރި ސަރަހައްދުން ފަހަތަށް ޖެހުމަށް އެދިވަޑައިގެން ރައީސް ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައިވާ ގޮތަށް އިޓްލޮސްގައި ކުރި ހޯދުމަކީ ކާމިޔާބެއް ކަމަށެވެ.

ޝަހީދު ވަނީ ރާއްޖެއިން ހުށަހެޅި ގިނަ ޕޮއިންޓްތައް ރަނގަޅަށް ސާބިތުކޮށްދީ، ރާއްޖެއަށް ކާމިޔާބު ހޯދައިދިނީތީވެ ބަންޑާރަނައިބް އިބްރާހީމް ރިފްއަތަށް ހާއްސަ މަރުހަބާއެއް ވިދާޅުވެފަ އެވެ. އަދި ރައީސް ސޯލިހްގެ ސިޓީއާ އެއްގޮތަށް ކޮސްޓް ރިކަވަރީ ކްލޭމްސް މޮރިޝަސް އިން ދޫކޮށްލާފައިވާތީ ރައީސް ސޯލިހަށް ވެސް ޑރ. ޝަހީދު ވަނީ ތަހުނިޔާ ވިދާޅުވެފަ އެވެ.

ޑރ. ޝަހީދު އިތުރަށް ވިދާޅުވީ ރާއްޖެއިން ހޯދި ކާމިޔާބީގައި ކްރެޑިޓް ލިބެންޖެހޭ ބޭފުޅުންނަށް ކްރެޑިޓް ދޭން ވާނެ ކަމަށެވެ.

އިޓްލޮސް އިން މިއަދު ނިންމީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު މިއަދު ބަހާލި ގޮތެވެ.