ޗާގޯސްގެ މައްސަލާގައި ސަރުކާރުގެ ވައުދާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ބުނެ ދަ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ދަ ޑިމޮކްރެޓްސްއިން ރޭ ނެރުުނު ނޫސް ބަޔާނެއްގައި ވަނީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ ގޮތުން ދިވެހިން ޒަމާނުއްސުރެ ގެންގުޅެމުން ދިޔަ ސިޔާސަތު ނިމިދިޔަ ސަރުކާރުން ބަދަލުކުރުމުން ދިވެހިރާއްޖެއަށާއި ދިވެހީންނަށް ލިބުނު ގެއްލުމާ މެދު މިސަރުކާރުން ވެސް މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޑިމޮކްރެޓްސް އިން ބުނީ ޗާގޯސް ރަށްތަކުގެ މައްސަލައިގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ގަބޫލުކޮށް، ރާއްޖޭގެ ފަރާތުން ދައުވާކުރުމުގެ ހައްގު ރައީސް އިބްރާހިމް ސޯލިހުގެ ވެރިކަމުގައި ސިއްރު ސިޓީއަކުން ދޫކޮށްލުމަށްފަހު އދ. ގައި އެގޮތަށް ވޯޓުދިނުމުން ކުރިންވެސް އެ އަމަލު އެ ޕާޓީން ކުށްވެރިކޮށްފައިވާނެ ކަމަށެވެ.
ޑިމޮކްރެޓްސްއިން އިތުރަށް ބުނީ ޗާގޯސްގެ ރަށްތަކާ ބެހޭގޮތުން ނިންމާފައިވާ ނިންމުންތައް އަލުން މުރާޖަރާކޮށް، އެ ރަށްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މިސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
"މި ސަރުކާރުން ވެސް އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވަނީސް، އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ނިންމިކަން މިހާރު އެވަނީ އިއުލާނުކޮށްފަ،" ޗާގޮސް މައްސަލަ އިތުރަށް ގޯސްވެގެން ދިޔަ ސަބަބެއް ފާހަގަކޮށް ބަޔާނުގައިވެ އެވެ.
ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓީން ދެކެނީ މިއީ ދައުވާކުރުމުގެ ހައްގު ރާއްޖެއިން ދޫކޮށްލުމުން އަދި ހައްގު އަލުން ހޯދައިދިނުމަށް މަސައްކަތްނުކުރުމުގެ ސަބަބުން ގައުމުގެ ސިޔާދަތައް ލިބޭ ގެެއްލުމެއް ކަމަށް ކަމަށެވެ.
ރާއްޖޭއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ ހިޔާލު ތަފާތު އޮތް ކަނޑުގެ ސަރަހައްދާ ގުޅޭގޮތުން އައިސީޖޭ އިން މިހާރު ވަނީ ގޮތެއް ނިންމާފަ އެވެ. ނަމަވެސް އެ ނިންމުމަކީ ރާއްޖެއަށް ގެއްލުން ބޮޑު ނިންމުމެއް ކަމަށް ބުނެ މިސަރުކާރުން ވަނީ އެ މައްސަލަ އަލުން ކަމާ ގުޅޭ ބައިނައަލްއަގްވާމީ އިދާރާތަކަށް ހުށަހަޅައިގެން މައްސަލަ ކާމިޔާބު ކުރުމަށް މަސައްކަތް ފެށުމަށް ނިންމާފަ އެވެ.