ކެބިނެޓް

އިޓްލޮސްގެ ނިންމުމާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމުގެ މައްސަލަ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ނިމިގެން ދިއުމާ ގުޅިގެން ވަޒީރުންގެ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް ފަށައިފި އެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމި ނިންމުމާ ގުޅޭގޮތުންނެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

އިޓްލޮސް އިން މިއަދު ނިންމީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު މިއަދު ބަހާލި ގޮތެވެ.