އަބްދުއްރަހީމް އަބްދުﷲ

"ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ރައީސް ޔާމީން ހޯދައިދޭނެ"

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ އިން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) މިއަދު ކަނޑައެޅިއިރު ރާއްޖެއަށް ލިބެން އޮތް ސަރަހައްދެއް މިސަރުކާރުން ދޫކޮށްލާފައިވާތީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ވެރިކަމެއްގައި އަލުން އެ ސަރަހައްދު ހޯދައިދޭނެ ކަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިޓްލޮސް އިން މިއަދު ނިންމީ ޗާގޮސް މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު މިއަދު ބަހާލި ގޮތެވެ.

ޗާގޯސްގެ މައްސަލައިގައި އިދިކޮޅު ކޯލިޝަނުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހިންގެ މައި އެއާޕޯޓް -- ވީއައިއޭ ދިވެހިންގެ އަތުން ގެއްލިފައި ވަނިކޮށް އެތަން ހޯދައިދިނީ ރައީސް ޔާމީން ކަމަށެވެ. ހަމައެގޮތަށް މިސަރުކާރުން ދޫކޮށްލި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ހޯއްދަވައި ދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ އަލުން ވެރިކަމަށް އައުމަށް ތައްޔާރުވަމުން. މިކަމުގެ ހިތްވަރާއި ކެރުންތެރިކަމާއި ވަފާތެރިކަން ރައީސް ޔާމީންގެ ހުންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސަލާމާތީ ހިދުމަތްތަކާ ބެހޭ އިދާރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަމާޒުކުރައްވާ އަބްދުއްރަހީމް ވަނީ ދިވެހި ގައުމުން ބައެއް ދޫކޮށްލިއިރު ގައުމުގެ ދިފާއުގައި މަސައްކަތް ކުރަންޖެހޭ ސިފައިން ޒިންމާ އަދާކުރިތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ސިފައިން އެމީހުންގެ ޒިންމާ އަދާކުރުމަށް ނިކުތުމަށްވެސް ގޮވާލެއްވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މިސަރުކާރުން ޗާގޯސް ވިއްކާލީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލަށްލުމަށްފަހު ކަމަށެވެ. ގައުމު މިއަދު މިއޮތް ހާލަތަށް ބަލާއިރު ރައީސް ޔާމީން ފަދަ ވަތަނީ ލީޑަރަކު މިނިވަންކޮށް ނެތުމަކީ ހިތާމަކުރައްވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ. މިމައްސަލަ ވެސް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެއްވޭނެ އެވެ.