އިނގިރޭސި ވިލާތާއި ޕޮލެންޑާ ދެމެދު 2.3 ބިލިއަން ޑޮލަރުގެ އަގުހުރި މިސައިލް އެކްސްޕޯޓް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުގައި އުފައްދާ އެއާ ޑިފެންސް ސިންޓަމް ޕޮލެންޑްގައި ގާއިމުކުރާނެ އެވެ.
އިނގިރޭސި-ޕޮލެންޑްގެ މި އެއްބަސްވުމުގެ ދަށުން ޕޮލެންޑްގައި އެއާ ޑިފެންސް ސިސްޓަމް ބަހައްޓާނީ އިނގިރޭސި ކުންފުންނަކުންނެވެ. މިއީ ބުނެވޭ ގޮތުގައި ނޭޓޯގެ ގައުމެއްގައި މިހާތަށް ބަހައްޓާ އެންމެ ބާރުގަދަ -- ވައިގެ ދިފާއީ ނިޒާމަށް ވާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގައި ވަޒީފާ އިތުރުވާނެ ކަމަށް އެވެ. އަސްކަރީ ދާއިރާއަށް މީހުން ތަމްރީންކުރުމާއި އާ ވަޒީފާ އުފެއްދުމަކީ ވެސް އެއްބަސްވުމުގެ މާއްދާއެކެވެ.
އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް މި އެއްބަސްވުމާ ބެހޭ ގޮތުން ވިދާޅުވީ ގައުމުތަކުގެ މެދުގައި ދިފާއީ ނިޒާމު ހަރުދަނާކުރަން ޖެހުނީ ޔުކްރޭނުން ފިލާވަޅު ނަގައިގެން ކަމަށެވެ. ބާރުގަދަ ގައުމުތަކުން ނިކަމެތި ގައުމުތަކުގެ މައްޗަށް ވެރިވެ ވަކި ހިއްޕުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫރަޕްގެ ގައުމުތައް އެކަތިގަނޑަކަށްވެ އަސްކަރީ ވިއުގައެއް ގޮތުގައި ގުޅާލުމަކީ ކުރައްވާ ތަސައްވުރެއް ކަމަށް ރިޝީ ސުނަކް ވިދާޅުވި އެވެ. ޔޫރަޕްގައި ހިމެނޭ އެންމެ ދެރަ ގައުމުގެ ހިމާޔަތުގައި އެހެން ގައުމުތައް އޮންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުން ދަނީ އަސްކަރީ ގާބިލުކަން ހަރުދަނާކުރަމުންނެވެ. އެހެން ގައުމަކަށް ބަރޯސާކުރުމުގެ ބަދަލުގައި ދިފާއި ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ވެސް ވަރަށް ގިނަ ގައުމުތަކުގެ މިއަދުގެ ވިސްނުމެވެ.